ޗެލްސީގެ އާ ކޯޗް މައުރީޒިއޯ ސާރީ އުޅެނީ ނަޕޯލީގެ ބާރު ކަނޑުވާލަން ކަމަށް ބުނެ، ނަޕޯލީގެ ރައީސް އައުރެލިއޯ ޑި ލައުރެންޓިސް، ސާރީގެ އަށް ތުހުމަތު ކޮށްފި އެވެ.
ޗެލްސީގެ ކޯޗް ކަމާ، މިދިޔަ ހަފުތާގައި ސާރީ ހަވާލުވީ، ތިން ސީޒަންގައި ނަޕޯލީއަށް ކޯޗް ކޮށްދިނުމަށް ފަހު އެވެ. ލައުރެންޓިސް ވިދާޅުވީ، ސާރީ މަސައްކަތް ކުރަނީ ނަޕޯލީގެ ކުޅުންތެރިން ލައްވައި ޗެލްސީއަށް ސޮއި ކުރުވަން ކަމަށެވެ.
ސާރީގެ ޓްރާންސްފާ އިއުލާން ކުރިތާ، ގަޑިއެއްހާއިރު ތެރޭ ޗެލްސީން ވަނީ ނަޕޯލީގެ ޖޯޖީނިއޯވެސް ޗެލްސީއަށް ބަދަލު ވެފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. ލައުރެންޓިސް ވިދާޅުވީ ޖޯޖީނިއޯ ދޫކޮށްލަން ހުއްދަ ދިނީ، ނަޕޯލީގެ އާ ކޯޗް ކާލޯ އަންޗެލޯޓީގެ ލަފާ ހޯދުމަށް ފަހު ކަމަށެވެ. އަދިވެސް ނަޕޯލީގެ އިތުރު ކުޅުންތެރިން ޗެލްސީއަށް ގެންދިއުމަށް ސާރީ މަސައްކަތް ކުރަމުންދާ ކަމަށް ލައުރެންޓިސް ތުހުމަތު ކުރި އެވެ.
"އޭނަ [ސާރީ] ބޭނުން ވަނީ އަހަރެންގެ މުޅި ޓީމު އިންގްލެންޑަށް ގެންދަން، އަދި މި ޓީމުގެ ބާރު ކަނޑުވާލަން، އަހަރެން ޖެހޭނީ އޭނާގެ މި މައްސަލަ [ޗެލްސީގެ ޑިރެކްޓަރު] މަރީނާ އަށް ހުށަހަޅަން،" ސްކައި ސްޕޯޓްސް އިޓަލިއާ އާ ވާހަކަ ދައްކަމުން ލައުންރެޓިސް ބުންޏެވެ. "އޭނާ ބޭނުންވީ ޖޯޖިނިއޯ، އަހަރެން އޭނާ [ސާރީ] އަށް އެކަމުގެ ހުއްދަ ދިނިން، ފަހުން އަހަރެން އަންޗެލޯޓީއާ ވާހަކަ ދެއްކީމަ އަންޗެލޯޓީ އަހަރެން ގާތު ބުނީ ސާރީ މަސައްކަތް ކުރެޔޭ [އަމަޑޫ] ޑިއަވާރާ ގެންދަން، އަދި [މާކް] ހަމްސިކް ބޮލަށް ވައްދައިގެން އޭނާ ގެންދަން ސާރީ އުޅުނޭ."
ސާރީގެ ކޯޗު ކަމުގެ ދަށުން ޗެލްސީ ކުޅޭ ފުރަތަމަ ރަސްމީ މެޗަކީ، އަންނަ މަހު ފަސް ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ކޮމިޔުނިޓީ ޝީލްޑް މެޗެވެ.