ޗެލްސީ

ހިގުއައިން ދެއްކި ކުޅުމުން ސާރީ ހެއްވާލައިފި

ގޮންޒާލާ ހިގުއައިންއަކީ، ޗެލްސީގެ ޓީމާ ވަރަށް ގުޅޭ ކުޅުންތެރިޔެއް ކަމަށް ބުނެ، އެ ޓީމުގެ ކޯޗް މައުރީޒިއޯ ސާރީ، ހިގުއައިންއަށް ތައުރީފް އޮއްސާލައިފި އެވެ.

ޕްރިމިއާ ލީގްގައި ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި، ހިގުއައިން ވަނީ ދެ ލަނޑު ޖަހާފަ އެވެ. ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރެ، ލޯން އެއްބަސްވުމުގެ ދަށުން، އޭސީ މިލާނަށް ކުޅެމުން ދިޔަ، ހިގުއައިން ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، ޗެލްސީއަށް ބަދަލުވީވެސް ލޯނެއްގެ ދަށުންނެވެ.

އޭގެ ކުރިން ޗެލްސީގެ ސްޓްރައިކް ލައިން ބަލަހައްޓަމުން ދިޔައީ، ސްޕެއިންގެ އަލްވާރޯ މޮރާޓާ އެވެ. އޭނާ ވަނީ، ލޯން އެއްބަސްވުމުގެ ދަށުން އޭނާގެ ބޯއީހުޑް ކުލަބު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެވެ. މިދިޔަ ހަފުތާގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗަކީ ހިގުއައިންގެ ފުރަތަމަ މެޗެވެ. އެ މެޗުގައި ޗެލްސީ 4-0 ން ބަލިވުމުގެ އިތުރަށް ހިގުއައިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުމުން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.

އެހެންނަމަވެސް، 5-0 ހަޑާސްފީލްޑްގެ މައްޗަށް ޗެލްސީ މޮޅުކޮށް ދިނުމުގައި ހިގުއައިން ދެ ލަނޑު ޖެހުމުގެ އިތުރަށް މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގައި، އެޑެން ހަޒާޑްވެސް ދެ ލަނޑު ޖެހި އެވެ. ހަޒާޑް އާއި ހިގުއައިންގެ ކޮމްބިނޭޝަނަށް ސާރީ ވަނީ ތައުރީފް ކޮށްފަ އެވެ.

"އޭނާ [ހިގުއައިން] ގެ ދެ ގޯލް ފެނުމުގެ އިތުރަށް އަހަރެން މިހުރީ (އެހެންކަމަކާވެސް) ވަރަށް އުފަލުން، އަހަންނަށް ފެނުނީ ގޮންޒާލޯ [ހިގުއައިން] އަކީ، އެޑެން [ހަޒާޑް] އާ އެއްކޮށް ކައިރިން ކުޅެން ވަރަށް ރަނގަޅު ކުޅުންތެރިޔެއްކަން،" ނަޕޯލީގައި، ހިގުއައިންއަށް ކޯޗް ކޮށްދިން ސާރީ ބުންޏެވެ. "ދަނޑު މަތީގައި އެ ދެ ކުޅުންތެރިންނަކީ އެކަކު އަނެކަކާ ގުޅިގެން ކުޅެން ވަރަށް ރަނގަޅު ކޮމްބިނޭޝަނެއް، މިއީ އަހަރެމެން ޓީމަށް ވަރަށް ބޭނުންތެރި ކަމެއް، ގޮންޒާލޯއަށް ގިނަ ގޯލްތަކެއް ޖެހޭނެ، ހަމައެޔާއެކީ އޭނާގެ އެހީތެރި ކަމާއެކު އެޑެންއަށްވެސް ގިނަ ގޯލްތަކެއް ޖެހުމަށް މަގު ފަހި ވާނެ.

ރޭ ގެ މެޗުގައި، ޗެލްސީގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ، ޑޭވިޑް ލުއިޒް އެވެ. ޗެލްސީ އޮތީ 50 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ.