ޗެލްސީ

ޓީމުގައި ކަންބޮޑުވުމެއް ނެތް، ސާރީ ހިތްހަމަ ޖެހިފައި

އޭނާގެ އެއްބަސްވުމުގައި އިތުރު ދެ އަހަރު އެބައޮތް ކަމަށާއި، ޗެލްސީގައި އޭނާގެ މަގާމާމެދު ކަންބޮޑުވުމެއް ނެތް ކަމަށް، ޗެލްސީގެ ހެޑް ކޯޗް މައުރިޒިއޯ ސާރީ ބުނެފި އެވެ.

ޔޫރޮޕާ ލީގްގެ ފައިނަލުގައި، ޗެލްސީން މިރޭ އާސެނަލްއާ ދެކޮޅަށް ނުކުންނާނެ އެވެ. އަޒަރުބައިޖާންގެ ވެރިރަށް ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗު ފަށާނީ، ރާއްޖޭގަޑިން މިރޭ 12:00 ގަ އެވެ. ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޗެލްސީގެ ފައިނަލު ފަރިތަކުރުންތަކުގައި، ސާރީގެ ހިތްހަމަނުޖެހުންތައް ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. އޭނާ ތޮފި އަތުން ދެއަތަށް ފޮޅާލައި ފައިން ޖަހައި ތޮފި ހޫރާލިތަން ނޫސްވެރިންގެ ކެމެރާތަކަށް އެރި އެވެ.

ޕްރެކްޓިހުގައި، ގޮންޒާލޯ ހިގުއައިން އާއި ޑޭވިޑް ލުއިޒްއާ ދެމެދު އަރައިރުމެއްވެސް ހިނގި އެވެ. ސާރީގެ ފަރާތުން ހިތްހަމަނުޖެހުންތައް ފެނުނީ އޭގެ ފަހުންނެވެ. އެހެންނަމަވެސް ޗެލްސީގެ ތަރުޖަމާން ފަހުން ބުނެފައި ވަނީ ސާރީ ހިތްހަމަ ނުޖެހުނީ ޓީމުގެ އެއްވެސް ކުޅުންތެރިޔެއްގެ ކަމަކާ ގުޅިގެން ނޫން ކަމަށެވެ.

އޭނާ ބުނީ ސާރީ ހިތްހަމަ ނުޖެހުނީ ފަހު ފަނަރަ މިނެޓްގައި ހިލޭ ޖެހުންތަކަށް ފަރިތަކުރަން ފުރުސަތު ނުލިބުމުން ކަމަށެވެ. އެއީ ފަހު 15 މިނެޓްގައި މީޑިއާ ވައްދަން ޖެހުމުންނެވެ. ޔޫއެފާގެ ގަވާއިދު ބުނާ ގޮތުން، ކޮންމެ މެޗެއްގެ ފައިނަލު ޕްރެކްޓިހުގެ އެންމެ ފަހު 15 މިނެޓްގައި މީޑިއާ އަށް ފުރުސަތު ހުޅުވާލަން ޖެހެ އެވެ.

މިރޭ ކުޅޭ ފައިނަލު މެޗާ ބެހޭގޮތުން ސާރީ ބުނީ، އޭނާގެ ވިސްނުން ހުރީ ފައިނަލަށް ކަމަށާއި، ޗެލްސީގައި އޭނާގެ ވަޒީފާ އާމެދު ވާނީ ކިހިނެއްތޯ ނުވިސްނާ ކަމަށެވެ. އޭނާ ބުނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާނީ ފަހުން ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް އެކަމާ [އެއްބަސްވުމާ ބެހޭގޮތުން] އަހަރެން ވާހަކަ ދައްކާނީ ޗެލްސީ އާ،" ސާރީ ބުންޏެވެ. "އެހެންނަމަވެސް މީ އެކަމާ މަޝްވަރާ ކުރަން ޖެހޭ ވަގުތެއް ނޫން، އަހަރެމެން މިހާރު ވިސްނަން ޖެހޭ ހަމައެކަނި ކަމަކީ ފައިނަލް، ސަބަކީ މި ތަށި ކާމިޔާބު ކުރުން އަހަރެމެންނަށް ހައްގުވެގެން ވޭ."

މަގާމު ހުސްވެފައިވާ ޔުވެންޓަސްގެ ކޯޗް ކަމަށް ސާރި ގެންދިއުމަށް، އެ ކުލަބުން ޝައުގުވެރިވާ ކަމަށް މީޑިއާތަކުން ދަނީ ރިޕޯޓް ކުރަމުން ނެވެ. އެހެންނަމަވެސް ސާރީ ބުނީ، ޗެލްސީގެ ކުޅުންތެރިންގެ ހުރި ފެންވަރާއި އެ ކުޅުންތެރިންގެ ޑިމާންޑްތައް އޭނާއަށް އެނގޭ ކަމަށެވެ. އަދި ޕްރިމިއާ ލީގަށް އޭނާގެ ޝައުގުވެރިކަން މާ ބޮޑު ކަމަށެވެ.

"އަހަންނަށް ސީޒަން ފެށިގެން ދިޔައީ ވަރަށް އުނދަގޫކޮށް، ކުޅުންތެރިން ދެނެގަތުމުގައި އަހަންނަށް ފުރަތަމަ ވަރަށް އުނދަގޫވި ކުޅުންތެރިންގެ ވިސްނުން ހުރީ ކިހިނެއްތޯ ދެނެގަންނަން،" ސާރީ ވާހަކަ ދެއްކި އެވެ. "އެހެންނަމަވެސް ޖެނުއަރީ މަހު ވަރަށް އުނދަގޫކޮށްގޮސް ފެބްރުއަރީ މަހު ކުޅުންތެރިންނަށް ބަދަލު އަންނަން ފަށައިފި އެމީހުންގެ ވިސްނުމަށް ބަދަލު އަންނަން ފަށައިފި، ނުވަތަ އަހަންނަށް ބުނެވިދާނެ އަހަންނަށް އެމީހުން ބަދަލު ކޮށްލެވިއްޖެޔޭ .... މި ވަގުތު އަހަރެން އެ ކުޅުންތެރިން ދެކެ ވަރަށް ލޯބިވޭ، ސަބަބަކީ އަހަރެމެންގެ މިތިބަ 20 ނުވަތަ 22 ކުޅުންތެރިންނަކީ ވަރަށް މޮޅު ކުޅުންތެރިން، އަހަރެން އެ މީހުންނާ މެދު ވަރަށް ހިތްހަމަޖެހޭ، އަހަރެންގެ ކުރިމަގާ މެދު އަހަރެން ގޮތެއް ކަނޑައަޅަން ޖެހޭނެ، އަހަރެން ޕްރިމިއާ ލީގް ދެކެ ލޯބިވޭ."