މައުރީޒިއޯ ސާރީ

ޗެލްސީގެ ދޫކޮށް ސާރީ ޔުވެންޓަސް

ޗެލްސީއިން ކޯޗް މައުރީޒިއޯ ސާރީ ދޫކޮށްލުމުން ޔުވެންޓަސްގެ ކޯޗް ކަމަށް އޭނާ ހަމަޖައްސައިފި އެވެ.

މިދިޔަ ތިން އަހަރު ޔުވެންޓަސްގެ ކޯޗް ކަމުގައި ހުރި މެސިމިލިއާނޯ އެލެގްރީ އަމިއްލައަށް ޓީމު ދޫކޮށްލުމުން ޔުވެންޓަސްއިން ބޭނުންވީ، ވާދަވެރި ނަޕޯލީއަށް ކުރިން ކޯޗް ކޮށްދިން ސާރީ ގެންދިއުމަށެވެ. އިންޓަ މިލާންގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ، އެއް އަހަރު ކުރިން ޗެލްސީގެ ކޯޗް ކަމުން ވަކި ކުރުމަށް ފަހު އެ ޓީމުން ސާރީ ގެންދިޔައީ ތިން އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ.

މިދިޔަ ސީޒަންގެ ކުރީކޮޅު ސާރީ އާއެކު ޗެލްސީއަށް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތިވި އެވެ. ކުޅުންތެރިން ދަސްވެ، ޗެލްސީގެ މުޅި ޓީމު ހަމަޔަކަށް އެޅުވުނީ ސީޒަން ދެބައިވި ފަހުންނެވެ. އެއަށް ފަހު ނަތީޖާތައް ރަނގަޅުކޮށް ތާވަލުގެ ތިން ވަނައިގައި ސީޒަން ނިންމާލި އެވެ.

ޔޫރޮޕާ ލީގް ފައިނަލުގައި އާސެނަލް ބަލިކޮށް ޗެލްސީއަށް އެ މުބާރާތް ކާމިޔާބު ކޮށްދިނެވެ. ލީގް ކަޕުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

މިދިޔަ އަހަރު، ޗެލްސީ އާއެކު ސާރީ ސޮއި ކުރި އެއްބަސްވުން ހަމަވާން އޮތް ތާރީހަކީ 2021 ވަނަ އަހަރު ޖޫން މަހު އެވެ. އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި، ސާރީ ދޫކޮށްލަން ޗެލްސީން އެއްބަސްވީ ސީދާ ކިހާވަރެއްގެ އަގަކަށް ކަމެއް މުޅިން ސާފެއް ނުވެ އެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސްއިން ވަނީ ޗެލްސީ އަށް 1.1 މިލިއަން ޕައުންޑް ދޭން އެއްބަސްވެފަ އެވެ. އިނގިރޭސި މީޑިއާތަކުން ބުނެފައި ވަނީ ފަސް މިލިއަން ޕައުންޑް ކަމަށެވެ.

ސާރީ އާއެކު، ޔުވެންޓަސްއިން އެއްބަސްވީ ތިން އަހަރު ދުވަހަށެވެ. އެއްބަސްވުމުގެ ދަށުން މުސާރައިގެ ގޮތުގައި އޭނާއަށް އަހަރަކު ހަ މިލިއަން ޔޫރޯ ދޭނެ އެވެ. ސާރީގެ ބަދަލުގައި، ޗެލްސީގެ ކޯޗަކަށް ގެނައުމަށް އެ ޓީމުން މަސައްކަތް ކުރަނީ، ޗެލްސީގެ ލެޖެންޑް އަދި ޑާބީ ކައުންޓީގެ ކޯޗް ފްރޭންކް ލަމްޕާޑެވެ.