ޗެމްޕިއަންސް ލީގް

ޗެލްސީ، ބާސާ، ޔުވެންޓަސްއަށް މޮޅު، ހަވާޓްޒް ޕޮޒިޓިވް

ޗެމްޕިއަންސް ލީގްގެ ކުރީގެ ޗެމްޕިއަނުން ކަމަށްވާ ބާސެލޯނާ އާއި ޔުވެންޓަސް އަދި ޗެލްސީ ކުޅުނު މެޗްތަކުން އެ ޓީމުތައް މޮޅުވެއްޖެ އެވެ.

ކޮވިޑް-19 އަށް ޗެލްސީގެ މިޑްފީލްޑާ ކައި ހަވާޓްޒް ޕޮޒިޓިވް ވުމުން ރެން އާ ދެކޮޅަށް ރޭ ޗެލްސީ ކުޅުނު މެޗުގައި އޭނާއަށް ބައިވެރި ވެވޭ ގޮތެއް ނުވި އެވެ. އޭނާ މިހާރު ވަނީ އެކަހެރި ކޮށްފަ އެވެ. ޗެލްސީން 3-0 ން ކާމިޔާބު ކުރި މެޗުގެ ދެވަނަ ހާފު ރެން އިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ޑަލްބާޓް އެންރީކޭއަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ތަރް ކާޑު ދައްކާފަ އެވެ.

ޗެލްސީގެ ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޓިމޯ ވާނާ ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ ނުވަ ވަނަ މިނެޓްގައި ރެންގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑަލްބާޓް ވާނާއަށް ފައުލު ކުރި އެވެ. އެ ފައުލާ ގުޅިގެން ޑަލްބާޓްއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކި އެވެ. ޗެލްސީގެ ދެވަނަ ލަނޑަކީވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ވާނާ ޖެހި ލަނޑެކެވެ. މިފަހަރު ޓަމީ އަބްރަހަމް ފޮނުވާލި ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ޑަލްބޯޓްގެ ފައިގައި ޖެހިފައި ރީބައުންސް ވެގެން އޭނާގެ އަތުގައި ޖެހުނީ އެވެ. އަބްރަހަމް އެޕީލް ކުރުމުން ރެފްރީ ވީއޭރުން ރިވިއު ކުރި އެވެ. ރެފްރީ ވަނީ ޑަލްބޯޓްއަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ޗެލްސީގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ ކުރި ކޮޅު ކާމިޔާބު ކުރީ އަބްރަހްމަ އެވެ. އޭނާ ލަނޑު ޖެހީ ރީސް ޖޭމްސް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ޗެލްސީ އާއި ރެން ހިމެނޭ ގުރޫޕް އީ ގައި ދެން ހިމެނޭ ސެވިއްޔާ އާއި ކްރަސްނޯޑާ ކުޅުނު މެޗު ސެވިއްޔާ ކާމިޔާބު ކުރީ 3-2 ންނެވެ. ދެ ވަނަ ހާފު ސެވިއްޔާ ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެ ޓީމުގެ ޖެސޫސް ނާވަސް އަށް ވަނީ މެޗުގެ 42 ވަނަ މިނެޓްގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ސެވިއްޔާގެ ލަނޑުތައް ކާމިޔާބު ކުރީ އިވާން ރަކިޓިޗްގެ އިތުރުން ދެ ލަނޑު ކާމިޔާބު ކުރި ޔޫސުފް އެން ނެސޭރީ އެވެ. ކްރަސްނޯޑާގެ ލަނޑުތައް ކާމިޔާބު ކުރީ މޮގޮމޮދް ސުލޭމަނޯވް އާއި މާކޮސް ބާގް އެވެ. ޗެލްސީ އާއި ސެވިއްޔާއަށް ވެސް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ގުރޫޕްގެ އެއް ވަނައިގައި ޗެލްސީ އޮތީ ފައިދާ ގޯލުން ކުރި ލިބުމުންނެވެ.

ގުރޫޕް ޖީގައި ބާސެލޯނާ، ޑައިނަމޯ ކިއޭވް އާ ދެކޮޅަށް ކޭމްޕްނޯގައި ކުޅުނު މެޗު ކާމިޔާބު ކުރީ 2-1 ންނެވެ. ބާސާގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ކެޕްޓަން ލިއޮނެލް މެސީ އެވެ. މިސީޒަންގައި މިހާތަނަށް އޭނާ އަށް އޯޕަން ޕްލޭއިން ލަނޑެއް ޖެހިފައެއް ނުވެ އެވެ. ބާސާގެ ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖެރާޑް ޕީކޭ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ އަންސޫމާން ފާޓީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޑައިނަމޯ ކިއޭވްގެ ހަމަލާތައް ވަރުގަދަ ކުރި އެވެ. ބާސާ ލީޑް ދަމަހައްޓައި ދިނީ އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަ ކުރުމަށް ފަހު އެނބުރި އައި ބާސާގެ ކީޕަރު އެންޑްރޭ ޓާ ސްޓެގަން އެވެ. އޭނާ ވަނީ މެޗުގައި މުހިންމު ސޭވްތަކެއް ކޮށްފަ އެވެ. މެޗުގެ 75 ވަނަ މިނެޓްގައި ކިއޭވްގެ ވިކްޓް ސިގެންކޯވް ވަނީ އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އެ ގުރޫޕްގައި ދެން އޮތް ޔުވެންޓަސް ވަނީ ހަންގޭރީގެ ފެރެންސްވާރޮސް އާ ދެކޮޅަށް ކުޅުނު މެޗު 4-1 ން ކާމިޔާބު ކޮށްފަ އެވެ. ޔުވެންޓަސްގެ ހަތަރު ލަނޑުގެ ތެރެެއިން ދެ ލަނޑު ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާ އެވެ. މޮރާޓާ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ ހަތް ވަނަ މިނެޓްގައި ހުއާން ކްއެޑްރާޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު 60 ވަނަ މިނެޓްގައި އޭނާ ކާމިޔާބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޔުވެންޓަސްގެ ތިން ވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕައުލޯ ޑިބާލާ އެވެ. ޔުވެންޓަސްގެ ހަތަރު ވަނަ ލަނޑަކީ ފެރެންސްވާރޮސްގެ ލަޝާ ޑުވާލީ އަތުން ބައިކޮޅަށް ވަނަ ލަނޑެކެވެ. ފެރެންސްވާރޮސްގެ ހަމަ އެކަނި ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފޯޓޫން ބޮލީ އެވެ.