ޗެމްޕިއަންސް ލީގް

ޔުވެންޓަސް އޮފްސައިޑްގައި ޖައްސައި ބާސާއަށް މޮޅު

ޔުވެންޓަސް އޮފް ސައިޑް މަޅީގައި ޖެއްސުމަށް ފަހު، 2-0 ން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ޓްރިންގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ޔުވެންޓަސް ނުކުތީ ކޮވިޑްގެ ބައްޔާއި އަނިޔާ އާ ހެދި މުހިންމު ކުޅުންތެރިން ނުހިމަނަ އެވެ. ކްވިޑަށް ޕޮޒޮޓިވް ވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ މެޗުގެ 24 ގަޑިއިރު ކުރިންވެސް ބަލި ފަސޭހަ ވެފައެއް ނުވެ އެވެ. ޑިފެންޑަރު ޖޯޖީނިއޯ ކިއަލީނީ އާއި މެތްސް ޑިލްޓްއަށް މެޗުގައި ބައިވެރިއެއް ނުވެވުނެވެ.

ޔުވެންޓަސްގެ ކޯޗް އެންޑްރެއާ ޕިރްލޯ އަކީ އޭނާގެ ކެރިއަރުގައި ބާސެލޯނާ އާ ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތް ކުލަބެކެވެ. އޭނާގެ އޮޓޯ ބައިގްރޮފީގައި ޕިރްލޯ ލިޔެފައި ވަނީ، 2010 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވުމާ ވަރަށް ކައިރިއަށް އޭނާއަށް ދެވުނު ކަމަށެވެ. ކޯޗެއްގެ ގޮތުގައި އޭނާއަށް ފުރަތަމަ ބަލި ކުރިމަތި ކުރި ޓީމަކަށް މިވީ ބާސާ އެވެ.

މެޗުގެ އެއް ދުވަސް ކުރިން، ބާސެލޯނާގެ ރައީސް ޖޯސްފް މާރިއާ ބާޓޮމެއު އިސްތިއުފާ ދިނުން ވެގެންދިޔައީ ކުލަބުގެ ބައެއް ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ. އެ ހިތްހަމަ ޖެހުން ކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ އާއެކު ސީނިއާ ކުޅުންތެރިން ވެސް ހިއްސާ ކުރާނެ އެވެ. ބާޓޮމެއު އިސްތިއުފާ ދިނީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ކުރިއަށް ގެންދިއުމަށް ބާސާ ނިސްބަތްވާ ކަޓަލާންގެ ސަރަހައްދީ ސަރުކާރުން ހުއްދަ ދީފައި ވަނިކޮށެވެ.

މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި ކުލަބު ދޫކޮށްލަން މެސީ ބޭނުންވާކަން އެންގުމުން ބާޓޮމެއު އިތުރަށް ހޫނު ފެނަށް ވެއްޓުނެވެ. އެކަން ވެގެންދިޔައީ އޭނާ މަގާމުން ދުރު ކުރުމަށް ކުލަބުގެ މެންބަރުންނަށް ލިބުނު ބޮޑު ހިތްވަރަކަށެވެ. މިދިޔަ ހޮނިހިރު ދުވަހު އެލްކްލެސިކޯ މެޗުގައި ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވި މެޗަށް ފަހު ޔުވެންޓަސް މެޗާ ބާސާއިން ކުރިމަތިލީ ތަފާތު ރޫހެއްގައޭ ބުނެވިދާނެ އެވެ. ރޮނަލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ދަނޑުމަތީގައި ކުޅުނު ބާސާގެ ޓީމަށް އެވަރުގެ ރޫހެއް އައީ ބާޓޮމެއު އިސްތިއުފާ ދީގެން އުފެދުނު ރޫހަކުން ކަމެއް ބުނެދޭކަށް ނޭންގެ އެވެ. ބާސާގެ ދެ ލަނޑުގައިވެސް ކެެޕްޓަން މެސީގެ ހިއްސާ އޮތެވެ.

މެޗުގެ 14 ވަނަ މިނެޓްގައި ބާސާގެ ފުރަތަމަ ލަނޑު އުސްމާން ޑެމްބެލޭ ކާމިޔާބު ކުރީ މެސީގެ ކެރިއަރުގައި ދިން 300 ވަނަ އެސިސްޓުންނެވެ. ބާސާގެ ދެ ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ ޔުވެންޓަސްގެ ޑިފެންޑަރު މެރިހް ޑެމިރަލް، ޔުވެންޓަސްގެ އޭރިއާގެ ތެރެއިން އޭނާ އަށް ކުރި ޗެލެންޖާ ގުޅިގެން ދިން ޕެނަލްޓީގަ އެވެ. ޑެމިރަލް ކުރި ފައުލާ ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

ރޮނާލްޑޯ ނެތުމުން، ޔުވެންޓަސްގެ ހަމަލާތަކުގެ މައި ކުޅުންތެރިޔަކަށް ހެދީ އަލްވާރޯ މޮރާޓާ އެވެ. މެޗުގައި އޭނާ ޖެހި ތިން ލަނޑުވެސް ވީއޭރުން ގަބޫލު ނުކުރީ އޮފްސައިޑް ވުމުންނެވެ. އެ ގުރޫޕްގައި ދެން ހިމެނޭ ހަންގޭރީގެ ފްރެންސްވާރޯސް އާއި ޔޫކްރޭންގެ ޑައިނަމޯ ކިއޭވް ކުޅުނު މެޗު ނިނުނީ 2-2 ން އެއްވަރުވެގެންނެވެ. ގުރޫޕްގެ އެއް ވަނައިގައި ބާސާ އޮތީ ކުޅުނު ދެ މެޗުންވެސް މޮޅު ހަ ޕޮއިންޓާއެކު އެވެ. ޔުވެންޓަސް އަށް ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ.