ސީރީ އޭ ގެ ޗެމްޕިއަންކަން ހޯދި އެންމެ ދުވަސްވީ ކޯޗްގެ ޝަރަފު ޔުވެންޓަސްގެ ކޯޗް މައުރީޒިއޯ ސާރީ ހޯދައިފި އެވެ.
ބާކީ ދެ މެޗު އޮއްވައި، ރޭ އިޓާލިއަން ލީގްގެ ޗެމްޕިއަންކަން ޔުވެންޓަސްއަށް ހޯދައިދިން އިރު ސާރީގެ އުމުރަކީ 61 އަހަރާއި ހަ މަހެވެ. މިއީ ސާރީގެ މުޅި ކެރިއަރުގައި އޭނާ ހޯދި ލީގްގެ ފުރަތަމަ ތައްޓެވެ. އޭނާގެ. ފުރަތަމަ ތައްޓަކީ މިދިޔަ އަހަރު ޗެލްސީ އާއެކު ހޯދި ޔޫރޮޕާ ލީގްގެ ތައްޓެވެ.
ސީރީ އޭ ގެ ޗެމްޕިއަންކަން ހޯދި އެންމެ ދުވަސްވީ ކޯޗްގެ ރެކޯޑް ކުރިން އޮންނަނީ ރޯމާ އާއެކު 1983 ވަނަ އަހަރު ލީގް ޗެމްޕިއަންކަން ހޯދި ސްވިޑެންގެ ނިލްސް ލީޑޮމް އަތުގަ އެވެ. އެ އަހަރު ރޯމާ ލީގް ޗެމްޕިއަންކަން ހޯދިއިރު އޭނާގެ އުމުރަކީ 60 އަހަރެވެ. އެއީ އޭނާ ހޯދި ސީރީ އޭ ގެ ދެ ވަނަ ތައްޓެވެ. ފުރަތަމަ ތަށި އޭނާ ހޯދީ މިލާން އާއެކު 1979 ގަ އެވެ. އުމުރުން 85 އަހަރުގައި ޑިސެމްބަރު 2007 ގައި އޭނާ ވަނީ މަރުވެފަ އެވެ.
ލީގްގައި ޔުވެންޓަސް އަށް އުނދަގޫ ކުރިމަތި ވި އެވެ. ކޮވިޑް-19 އަށް ފަހު ލީގް ފެށި ފަހުން އެ ޓީމު ވަނީ ދެ މެޗުން ބަލިވެފަ އެވެ. މިދިޔަ ހަފުތާގައި ލީގް ކާމިޔާބު ކުރަން ފުރުސަތު ލިބިފައި އޮތްއިރުވެސް އެ ޓީމުގެ އިންތިޒާރު ދިގުވީ އުޑިނޭޒީ އަތުން ބަލިވުމުންނެވެ.
ޔުވެންޓަސްގެ ޑިފެންޑަރު ލިއަނާޑޯ ބަނޫޗީ، ބުނީ މި ސީޒަނަކީ ޔުވެންޓަސްއަށް ލީގް ކާމިޔާބު ކުރަން އެންމެ އުނދަގޫ ސީޒަން ކަމަށެވެ. އޭނާ ބުނީ ޓީމު މަސައްކަތް ފެށީ އާ ވިސްނުމެއްގައި އާ ފިލޯސަފީއެއްގެ ދަށުން ކަމަށާއި ސާރީގެ ފިލޯސަފީއަށް ހޭނުމުގެ މަރުހަލާގައި ކުޅުންތެރިންނަށް ވަގުތުތަކެއް ހޭދަވި ކަމަށް ބަނޫޗީ ބުންޏެވެ.