މައުރީޒިއޯ ސާރީ

ވަޒީފާ ގެއްލިދާނެތީ ޖެހިލުމެއް ނުވޭ: ސާރީ

އޭނާ ޖެހިލުންވާ ޓީމެއް ނެތް ކަމަށާއި އަދި ޔުވެންޓަސްގެ ވަޒީފާ ގެއްލިދާނެތީވެސް ޖެހިލުން ނުވާ ކަމަށް އެޓީމުގެ ކޯޗް މައުރީޒިއޯ ސާރީ ބުނެފި އެވެ.

އިޓަލީގެ ސެރީ އޭ ގައި ޔުވެންޓަސް މިރޭ ނުކުންނާނީ ލާޒިއޯ އާ ދެކޮޅަށެވެ. ސާރީގެ ކުރިމަގާ މެދު ނޫސްވެރިން ސުވާލު ކުރީ އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ޔުވެންޓަސް އަށް މޮޅު ނުވެވުމުން ލީގް ކަށަވަރު ކުރުމުގައި ޔުވެންޓަސްގެ އިންތިޒާރު ދިގުވެފައިވާ ވަގުތެއްގަ އެވެ. އެ ތިން މެޗުން އެ ޓީމަށް ލިބުނީ ދެ ޕޮއިންޓެވެ. ބަައިކޮޅަށް ނުވަ ގޯލް ވަނެވެ. އެ މެޗުތަކުން ފުލް ޕޮއިންޓް ނުނެގުމުން އެ ޓީމުގެ ފަހަތުގައިވާ ޓީމުތަކުން ވަނީ ފަރަގު ކުޑަ ކޮށްފަ އެވެ. އިންޓަ މިލާން އާއި ޔުވެންޓަސް އާ ދެމެދު މިހާރު ހުރީ ފަސް ޕޮއިންޓްގެ ފަރަގެވެ. މިރޭގެ މެޗުން ލާޒިއޯ މޮޅުވެއްޖެނަމަ އެ ޓީމަށް ވެސް ޔުވެންޓަސް އާ ފަސް ޕޮއިންޓަށް ކައިރި ކުރެވުނީ އެވެ.

"ކާރު ރޭސް ޖަހާ މީހެއް ކައިރީ ދުވަހަކުންވެސް އެހިންތަ ބާރު ސްޕީޑްގައި ދުއްވައިގެން ޖެހިލުންވި ވާހަކަ،" ސުވާލު އުފައްދައި ސާރީ ބުންޏެވެ. "އެކަމާ ބިރު ނުގަތުމަކީ އެމީހުންގެ ވަޒީފާގައި ހިމެނޭ ކަމެއް، މޮޅުވަމުން ދަންޏާ ހުރިހާ ކަމެއް އެދަނީ ރަނގަޅަށް، ބަލިވޔަސް ޖެހިލުންވާން ޖެހޭ ކަމެއް ނެތް، އެއީ ޔުވެންޓަސް އަކީ ޕްރެޝަރުގައިވެސް ވާދަވެރިކަން ނެރެން އާދަވެފައިވާ ޓީމެއް."

ކޮރޯނާ ވައިރަސްއިން އެނބުރި އައިފަހުން ޔުވެންޓަސްގެ ފޯމަށް ވަނީ ނުރަނގަޅު ބަދަލުތަކެއް އައިސްފަ އެވެ. އިޓާލިއަން ކަޕްގައި ޔުވެންޓަސް އަށް ނާކާމިޔާބުވީ އޭނާގެ ކުރީގެ ޓީމު ނަޕޯލީ އަތުންނެވެ.