މައުރީޒިއޯ ސާރީ

ޔުވެންޓަސްގެ މަގާމުގެ ޔަގީންކަން ސާރިއަށް އެބައޮތް

ޔުވެންޓަސްގެ ކޯޗްގެ މަގާމު އަންނަ ސީޒަންގައިވެސް އޭނާ ދެމިހުންނާނެ ކަމުގެ ޔަގީންކަން އެ ޓީމުގެ ކޯޗް މައުރީޒިއޯ ސާރީ ފާޅު ކޮށްފި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި މިރޭ އަމިއްލަ ދަނޑުގައި އޮލިމްޕިކް ލިޔޯން އާ ދެކޮޅަށް ނުކުންނަ އިރު، ފުރަތަމަ ލެގުން ޔުވެންޓަސް ވަނީ 1-0 ން ބަލިވެފަ އެވެ. މިރޭގެ މެޗުގައި އެ ނަތީޖާ އަނބުރާ ނުލެވިއްޖެނަމަ ޔުވެންޓަސް އަށް ސީޒަން ނިމުނީ އެވެ.

އިޓާލިއަން ލީގް ޔުވެންޓަސްއަށް މި ސީޒަންގައި ހޯދައިދިން ނަމަވެސް، ސާރީ ހުރީ ބޮޑު ޕްރެޝަރެއްގަ އެވެ. ވޭތުވެދިޔަ ނުވަ އަހަރު ލީގް ޗެމްޕިއަންކަން ޔުވެންޓަސް ހޯދިއިރު އެ ޓީމުގެ ނަތީޖާތައް އެންމެ ދަށް ކޮށް ފެނުނީ މި ސީޒަންގަ އެވެ.

"އަހަންނަށް ހީނުވެ މިރޭގެ މެޗަކީ އަހަރެންގެ ފަހު މެޗު ހެނެެއް." މިރޭގެ މެޗުން ބަލަިވެއްޖެނަމަ އޭނާ މަގާމުން ވަކި ކުރާނެ ކަމުގެ ބިރު އެބައޮތްތޯ ސުވާލު ކުރުމުން ސާރީ ބުންޏެވެ.

ޓޫރިންގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅޭ މެޗުގައި، އިޓާލިއަން ލީގްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ޕައުލޯ ޑިބާލާއަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާގެ ފަލަމަސްގަނޑަށް ވަނީ އަނިޔާ ވެފަ އެވެ.