މައުރީޒިއޯ ސާރީ

ޔުވެންޓަސްގެ ކޯޗް ކަމުން ސާރީ ވަކި ކޮށްފި

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުން، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކަޓައިގެން ދިއުމުން، އެ ޓީމުގެ ކޯޗް ކަމުން މައުރީޒިއޯ ސާރީ ވަކި ކޮށްފި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގް މެޗުގައި، ރޭ ފްރާންސްގެ އޮލިމްޕިކް ލިޔޯން އާ ދެކޮޅަށް ކުޅުނު މެޗުން، ރޭ ޔުވެންޓަސް މޮޅުވި ނަމަވެސް އެ ޓީމު ކެޓީ، ރޭ ޓޫރިންގެ އެލިއަންޒް ސްޓޭޑިއަމްގައި ލިޔޯން އިން ކާމިޔާބު ކުރީ އަވޭ ގޯލްގެ ފައިދާއިންނެވެ.

މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން ޗެލްސީއަށް ހޯދައިދިން ކޯޗް، ސާރީ ޔުވެންޓަސް އަށް ބަދަލުވީ މި ސީޒަން ފެށުމުގެ ކުރިންނެވެ. ނަޕޯލީގެ ކުރީގެ ކޯޗް ޗެލްސީއަށް ބަދަލުވީ، ތިން އަހަރުގެ އެއް ބަސްވުމުގެ ދަށުންނެވެ. އެހެން ނަމަވެސް ޗެލްސީގައި އެއް އަހަރު މަސައްކަތް ކުރުމަށް ފަހު އޭނާ ޔުވެންޓަސްއަށް ބަދަލުވީ އިޓަލީގައި މަސައްކަތް ކުރަން ބޭނުންވުމުންނެވެ.

ޔުވެންޓަސް މިއަހަރުގެ ލީގް ޗެމްޕިއަންކަން ހޯދައިދިން ނަމަވެސް، ވޭތުވެދިޔަ ނުވަ އަހަރުގެ ލީގް ޗެމްޕިއަނަށް މި ސީޒަންގައި އެއްވަރެއްގައި ނުހިފެހެއްޓުނެވެ. ނުވަ އަހަރުގެ ތެރެއިން އެ ޓީމު އެންމެ ގިނަ މެޗުތަކުން ބަލިވީ މި ސީޒަންގަ އެވެ. ޔުވެންޓަސްއާއެކު ލީގް ހޯދުމުން ސާރީ ވެފައި ވަނީ، އިޓަލިއަން ލީގް ހޯދި އެންމެ ދުވަސްވީ ކޯޗަށެވެ.

ޔުވެންޓަސްގެ ރައީސް އަންޑްރެއޭ އަގްނެލީ، އެ ކުަލަބުގެ ޑައިރެކްޓަރުންނާ ބައްދަލު ކުރުމަށް ފަހު ނިންމާފައި ވަނީ ކޯޗް ކަމުން ސާރީ ވަކި ކުރުމަށެވެ.

އިޓަލީގެ މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސްގެ ކޯޗް ކަމަށް ގެންނާނެ ކަމަށް ބެލެވެނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ އެވެ.