ފިނިޕޭޖް

އެންޓީއާރްގެ ބަޔޮޕިކްގައި ސްރީދޭވީގެ ރޯލަށް ރަކުލް

ބަޔޮޕިކް ފިލްމުތަކަކީ މިހާރު ބޮލީވުޑްގައި އެންމެ ޓްރެންޑިން ސްޓައިލްގެ ފިލްމުތަކެވެ. މީހުންގެ ދިރިއުޅުމުގައި ހިނގާފައިވާ ކަންކަން ބަލާލުމަށް ބެލުންތެރިންގެ އޮންނަ ޝައުގުވެރިކަން މިހާރު ވަނީ ބޮޑުވެފަ އެވެ. އެގޮތުން މިހާރު މަސައްކަތް ފަށާފައިވާ ދެކުނު އިންޑިއާގެ ސުޕަސްޓާރު އެކްޓަރު އެންޓީ ރާމާ ރާއޯ ނުވަތަ އެންޓީއާރްގެ ބަޔޮޕިކް ފިލްމަށްވެސް ގިނަ ބަޔަކު އިންތިޒާރުކުރާނެ އެވެ.

މި ފިލްމުގައި އެންޓީއާރްގެ ރޯލު ކުޅޭނީ އޭނާގެ ދަރިފުޅު ނަންދަމޫރީ ބާލާކްރިޝްނާ އެވެ. އަދި އެންޓީއާރްގެ އަންހެނުން ބަސަވަތަރަކަމަގެ ރޯލުން ކުޅަދާނާ އެކްޓްރެސް ވިދްޔާ ބާލަން ފެނިގެންދާނެ އެވެ. ފިލްމުގެ ކާސްޓަށް އިތުރު ތަރިންގެ ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ފިލްމުގައި ވަރަށް މުހިންމު ރޯލަކުން ދެކުނު އިންޑިއާގައި މަޝްހޫރު އެކްޓްރެސްއެއް ކަމަށްވާ ރަކުލް ޕްރީތް ސިންހު ފެނިގެންދާނެ އެވެ. ރަކުލް ފެނިގެންދާނީ މިދިޔަ ފެބްރުއަރީ މަހު މަރުވި އިންޑިއާގެ ސުޕަސްޓާރު އެކްޓްރެސް ސްރީދޭވީގެ ރޯލުންނެވެ. ރަކުލް އެންމެފަހުން ފެނިގެންދިޔައީ މި އަހަރު ނިކުތް ބޮލީވުޑްގެ ފިލްމު "އައްޔާރީން" އިން އެވެ.

އެންޓީއާރްއާއި ސްރީދޭވީ ވަނީ އެކުގައި 14 ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެ ދެމީހުންގެ އޮން-ސްކްރީން ޖޯޑަށް ގިނަ ބައެއްގެ ލޯބިވެސް ލިބުނެވެ.

އެންޓީއާރްއަކީ އެކްޓަރެއްގެ އިތުރުން ދެކުނު އިންޑިއާގެ ސިޔާސީ ލީޑަރެއް، ޕްރޮޑިއުސަރެއް، ޑައިރެކްޓަރެއް އަދި އެޑިޓަރެކެވެ. އޭނާއަށް ވަނީ ތިން ފިލްމެއް ކޯ ޕްރޮޑިއުސްކޮށްގެން ގައުމީ އެވޯޑުވެސް ލިބިފަ އެވެ. އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އަންދުރަ ޕްރަދޭޝްގައި ހަތް އަހަރު ވަންދެން ޗީފް މިނިސްޓަރެއްގެ މަގާމު އޭނާ އަދާކޮށްފައިވެ އެވެ.