ހޮލީވުޑް

ޓުވީޓްއަކާ ގުޅިގެން ޖޭމްސްއަށް ފިލްމު ގެއްލިއްޖެ

ބޭއަދަބީ ޓުވީޓެއް ކުރިކަމަށް ބުނެ ޑިޒްނީއާއި މާވެލް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމު "ގާޑިއަންސް އޮފް ދި ގެލެކްސީ ވޮލިއުމް ތްރީ" ގެ ޑައިރެކްޓަރު ޖޭމްސް ގަން މަގާމުން ދުރުކޮށްފި އެވެ. ޖޭމްސް 51، އެ ފިލްމުގެ ޑައިރެކްޓަރުކަމުން ވަކިކުރީ މީގެ ހައެއްކަ އަހަރު ކުރިން އޭނާ ކޮށްފައިވާ ޓުވީޓުތަކަކާއި ގުޅިގެންނެވެ.

އެ ޓުވީޓުތަކުގައި އޭނާ ވަނީ ކުޑަކުދިންނާއި ގުޅޭގޮތުން ޖިންސީ ވާހަކަތައް ދައްކާއި ރޭޕްކުރުމާއި ބެހޭގޮތުން ޖޯކު ޖާހާފަ އެވެ. އެ ޓުވީޓްތައް ކޮށްފައިވާ 2009 ވަނަ އަހަރާއި 2012 ވަނަ އަހަރާއި ދެމެދުގަ އެވެ. ޓުވީޓްތަކުގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ހޮލީވުޑް ރިޕޯޓާއިން ބުނިގޮތުގައި، ޑިޒްނީއިން ވަނީ މިކަމާއި ގުޅިގެން ބަޔާނެއްވެސް ނެރެފަ އެވެ. އެ ބަޔާނުގައި ޖޭމްސް "ގާޑިއަންސް އޮފް ދި ގެލެކްސީ ވޮލިއުމް ތްރީ" ގެ ޑައިރެކްޓަރުކަމުން ވަކިކުރިކަން ކަށަވަރުކޮށްދީފައިވެ އެވެ. އަދި އެނާ ވަކިކުރީ އެ ސްޓޫޑިއޯގެ ގަވާއިދާ އުސޫލުތަކާއި އޭނާ ހިލާފުވެފައިވާތީ ކަމަށް ބުނެފައިވެ އެވެ.

ޖޭމްސް ކުރި ޓުވީީޓް.

ޖޭމްސްވެސް ވަނީ މިކަމާއި ގުޅިގެން ޓުވީޓެއްކޮށް މައާފަށް އެދެފަ އެވެ. އޭނާ ކުރި ޓުވީޓުގައި ބުނީ ކުރީގައި ބޮޑެތި ކަންކަމާއި ބެހޭގޮތުން ޖޯކު ޖަހާފައިވާނެކަމަށް އެއްބަސްވާ ކަމަށާއި ނަމަވެސް ވަަގުތާއެކު އޭނާ މިހާރު އެ އުޅުން ދޫކޮށްލާފައިވާ ކަމަށެވެ. ޖޭމްސްއަކީ ޓުވިޓާގައި ވަރަށް ފާޅުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއަށްވެސް ބޭއަދަބީ ބަހުން ފާޑުކިޔާ މީހެކެވެ.

"ގާޑިއަންސް އޮފް ދި ގެލެކްސީ ވޮލިއުމް ތްރީ" ގެ މަސައްކަތްތައް ފަށާ ގޮތަށް ނިންމާފައި އޮތީ މި އަހަރު ފަހުކޮޅު އެވެ. މި ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ 2020 ގަ އެވެ. މި ފިލްމުގެ ފުރަތަމަ ދެ ފިލްމަށްވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނެވެ. އެ ދެ ފިލްމުވެސް ޑައިރެކްޓުކުރި ޖޭމްސް އެވެ.