ދުނިޔެ

ބޮމުގެ ހަމަލާއަކުން އަފްޣާން ނައިބު ރައީސް ސަލާމަތްވެއްޖެ

Jul 23, 2018

ކާބުލް (ޖުލައި 22) - އަމިއްލައަށް އަރުވާލައިގެން ހުންނެވި އަފްގާނިސްތާނުގެ ނައިބު ރައީސް އަބްދުލް ރަޝީދު ދޮސްތަމް އެނބުރި ގައުމަށް ވަޑައިގެންނެވިތަނުން ދިން ބޮމުގެ ހަމަލާއެއްގައި 14 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ޖާނުން ފިދާވެގެން ބޮން ގޮއްވާލީ، މީގެ އެއް އަހަރު ކުރިން ތުރުކީއަށް ވަޑައިގެންނެވި ސިފައިންގެ ކުރީގެ އިސްވެރިޔާ ޖެނެރަލް ދޮސްތަމު އެނބުރި ގައުމަށް ވަޑައިގެން، ކާބުލް އެއާޕޯޓުން ވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓުން ވަނީ މި ހަމަލާގެ ޒިންމާ ނަގާފަ އެވެ. ފުލުހުން ބުނި ގޮތުގައި، މި ހަމަލާގައި މަރުވި ގިނަ މީހުންނަކީ ދޮސްތަމް އެނބުރި ވަޑައިގެންނެވުމާއި ގުޅިގެން ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި މީހުން ކަމަށެވެ. މި ހަމަލާގައި 60 މީހުން ޒަހަމްވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ، އޭނާގެ ނައިބު ރައީސް އެނބުރި ވަޑައިގެންނެވުމުގެ ހުއްދަ ދެއްވީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ސަޕޯޓު އިތުރުކުރުމަށް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ދޮސްތަމް ވަނީ 2001 ވަނަ އަހަރު ތަލިބާނު ބަލިކުރުމަށް އެމެރިކާ ސިފައިންނަށް އެހީވެދިނުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފަ އެވެ. ނަމަވެސް، އެ ހަމަނުޖެހުންތަކުގެ ތެރޭގައި އިންސާނިއްޔަތާއި ހިލާފު އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތު ދޮސްތަމް އަށް ވަނީ ކުރެވިފަ އެވެ.