ކުޅިވަރު

ދަ ގޭންގުން މުސާރަ ނުދޭތީ ކުޅުންތެރިން ކަންބޮޑުވެއްޖެ

އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައިވާ، ދަ ގްރޭންޑް އަމިގޯސް ނިއު ޖެނަރޭޝަން (ދަ ގޭންގުން) އެ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންނަށް ދޭން ޖެހޭ މުސާރަ ނުދީ އޮތް މައްސަލަ ފެންމަތި ވެއްޖެ އެވެ.

މި އަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދުމަށް އެހީތެރިވި ޓީމުގެ ދިވެހި ކުޅުންތެރިންނާ ބިދޭސީ ކުޅުންތެރިންނަށް ވެސް ފުރިހަމަ އަގު އަދާ ނުކޮށް އޮތް ކަމުގެ ޝަކުވާ އެބައޮތެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި، ދަ ގޭންގުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި އެއް ކުޅުންތެރިޔަކީ، ކުރިން އޭވައިއެލް އާއި ނިއު ރޭޑިއަންޓަށް ކުޅުނު ބްރެޒިލްގެ ސަންޓޯސް އެވެ. އޭނާއަށް ދޭން ޖެހޭ ބޯނަސް ފައިސާ ނުދީ އޮތް މައްސަލަ ވަނީ ފެންމަތި ވެފަ އެވެ. ނަމަވެސް އޭނާ ވަނީ އެކަމާ ބެހޭގޮތުން މިޑިއާގައި ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ބެނެފަ އެވެ.

ދަ ގޭންގަށް މި އަހަރުގެ ދެ ވަނަ ޑިވިޝަންގެ މުބާރާތް ކާމިޔާބު ކޮށްދިނީ، ގްރީން ސްޓްރީޓްގެ ކުރީގެ އެސިސްޓެންޓް ކޯޗް ފަރީދު މުހައްމަދު (ފަރިއްޓޭ) އެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ދޭން ޖެހޭ ފުލު ޕޭމަންޓާ މެދު އެ ކުލަބުން ވަނީ އިހުމާލު ވެފަ އެވެ. މިކަމާ ބެހޭގޮތުން އޭނާގެ ކޮމެންތެއް ހޯދާލަން ގުޅުމުން އޭނާ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ.

"ޓީމުން ބުނަނީ، އެފްއޭއެމުން ދޭން ޖެހޭ އިނާމު ފައިސާ ލިބުމުން ޕޭމަންޓް ދޭނެ ކަމަށް، އެހެން އަބަދުވެސް ބުނަނީ،" މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި ކުުންތެރިޔަކު ބުންޏެވެ. "ނަމަވެސް އެއީ އެފްއޭއެމްއާ ގުޅުން ހުރި ކަމެއް ނޫން، ހަގީގަތުގައި ޗެމްޕިއަންކަން ލިބުނަސް ނުލިބުނަސް ޕޭމަންޓް ދޭން ޖެހޭނެ، އިނާމު ފައިސާއަކީ ޗެމްޕިއަންކަން ލިބުނީމަ ޔަގީން ވާ އެއްޗެއް، ނަމަވެސް އަޅުގަނޑުމެންނަށް ޕޭމަންޓް ދޭން ޖެހޭނެ."

މި ކަމާ ބެހޭގޮތުން އެ ކުލަބުގެ ރައީސްއަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދޭތީ އޭނާގެ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.