ލައިފްސްޓައިލް

ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ޓެސްޓް ކާމިޔާބު

ރާއްޖޭގައި އުސޫލު އޮންނަ ގޮތުން ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރަންޖެހެނީ ހަފްތާއަކު ފަސް ދުވަހު އެވެ. އަމިއްލަ އޮފީސްތަކާއި ކުންފުނިތަކުގައި ހަފްތާއަކު ހަ ދުވަހު މަސައްކަތްކުރާއިރު، ގިނައީ އެއް ދުވަސްވެސް ހަފްތާ ޗުއްޓީއަށް ނުލިބޭ ތަންތަނެވެ. މަސައްކަތައް ބާރު ސްޕީޑުގައި ނުނިމި ދިގުލައިގެން ހިނގައިދާނެތީ ބައެއް ކުންފުނިތަކުން ޗުއްޓީ ދިނުމަށް ފަސްޖެހެނީ އެވެ. އަހަރު ޗުއްޓީ ނުލިބޭ މީހުންވެސް ރާއްޖޭގައި ވަރަށް ގިނަ އެވެ.

އެކަމަކު އިނގޭ ހެއްޔެވެ. ނިއުޒިލޭންޑުގެ ކުންފުންޏަކުން ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރާނަމަ ވާގޮތެއް ބެލުމަށް ހެދި ޓެސްޓެއް ކާމިޔާބުވެ، ދާއިމީކޮށް އެ ކުންފުނީގެ މުވައްޒަފުން ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ބަދަލުކުރަން މިހާރު ވަނީ މަޝްވަރާކުރަން ފަށާފަ އެވެ. މި ޓެސްޓު ހެދީ އެ ގައުމުގައި ތަފާތު ދިރާސާތައް ކުރާ ބަޔަކާއި ހަވާލުކޮށްގެންނެވެ.

ޕާޕެކްޗުއަލް ގާޑިއަން ކިޔާ ނިއުޒިލޭންޑުގެ އެ ކުންފުންޏަކީ މީހުންގެ ވަސިއްޔައްތަކާއި ގެދޮރާއި މުދާ ބަލަހައްޓައިދިނުމުގެ މަސައްކަތްކުރާ ކުންފުންޏެކެވެ. އެ ކުންފުނީގައި 240 އަށް ވުރެ ގިނަ މީހުން މަސައްކަތްކުރެ އެވެ.

ޓެސްޓުގެ ހެދުމަށްޓަކައި އެ ކުންފުނިން ވަނީ ދެ މަސް ދުވަސްވަންދެން މުވައްޒަފުން މަސައްކަތްކުރަންޖެހޭ ވަގުތު ހަފްތާއަކު ހަތަރު ދުވަހަށް ބަދަލުކޮށްފަ އެވެ. އެއީ ކޮންމެ ދުވަހަކު އަށް ގަޑިއިރަށެވެ. އެމީހުނަށް މުސާރަވެސް ދީފައި ވަނީ ކުރިންވެސް ދެމުންއައި ގޮތަށް ހަފްތާގެ ފަސް ދުވަހަށެވެ.

އެ ކުންފުނިން ހާމަކުރިގޮތުގައި ނަތީޖާ ވަރަށް ފުރިހަމަ އެވެ. މުވައްޒަފުންގެ ޕްރޮޑަކްޓިވިޓީ ރަނގަޅުވެ، އަމިއްލަ ދިިރިއުޅުމާއި މަސައްކަތުގެ ދިިރިއުޅުން ބެލެންސުކޮށްލުމަށް އެމީހުނަށް ފަސޭހަވެގެންދިޔަ އެވެ. އަދި މަސައްކަތައް ގިނަވުމާއި ގުޅިގެން މުވައްޒަފުންގެ މެދުގައި އޮންނަ ނުތަނަވަސްކަން ކުޑަވެ، އެމީހުންގެ ސްޓްރެސް ލެވެލްވެސް ކުޑަވެފައިވައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިއީ ހަމަ އަހަރެންގެ ހިޔާލަށް އެއް ދުވަހަކު އައި ކަމެއް. އަހަރެން ބޭނުންވީ ކުންފުނީގެ މުވައްޒަފުންނަށް ރައްކާތެރި އަދި ފަސޭހަ މަސައްކަތުގެ މާހައުލެއް ހޯދައިދޭން. އިރާދަކުރެއްވިޔާ މި ޓެސްޓު ވަރަށް ކާމިޔާބު. ކުންފުނީގެ ބޯޑަށް ހުށަހަޅައިގެން މިއީ ދާއިމީ ކަމަށް ބަދަލުކުރަން މަސައްކަތް ފަށައިފިން،" އެ ކުންފުނީގެ ސީއީއޯ އެންޑްރިއު ބާންސް ބުންޏެވެ.