މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެލޭރިއާއިން ސަލަމާތްވުމަށް ބޭނުންކުރާނެ ހާއްސަ ގުޅަ ބޭހެއް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން (އެފްޑީއޭ) ދީފި އެވެ. މެލޭރިއަށް ހާއްސަ ބޭހެއް ބޭނުންކުރުމުގެ ހުއްދަ މިދިނީ 60 އަހަރު ފަހުންނެވެ.
ކޮންމެ އަހަރަކު މެލޭރިއާ ޖެހިގެން ދުނިޔޭގައި 8.5 މިލިއަން މީހުން ބަލިވެ އެވެ. މެލޭރިއާއަށް ހާއްސަ ބޭހެއް ނުހުންނައިރު، މި ބަލިޖެހިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި މަރުވާ މީހުންގެ އަދަދު ގިނަ އެވެ. ބޭނުންކުރުމުގެ ހުއްދަ މިހާރު ދީފައިވާ މެލޭރިއާއަށް ހާއްސަ ބޭހަށް ކިޔަނީ ޓެފެނޯކީން (tafenoquine) އެވެ.
ޓެފެނޯކީންގެ އެހީގައި ހަށިގަނޑުން މެލޭރިއާގެ ވައިރަސް ނައްތާލުމަށް އެހީވާނެ ކަމަށް ސައިންސުވެރިން ބުނެ އެވެ. މި ވައިރަސް އިންސާނާގެ ހަށިގަނޑުގައި ފިލާ އިންނަނީ ލިވާގެ ތެރޭގަ އެވެ. މި ބޭހުގެ އެހީގައި އެހެން މީހުނަށް މި ބަލި ފެތުރުނަ ނުދީ ހިފެހެއްޓުމަށްވެސް އެހިވާނެ ކަމަށް ބުނެފައިވެ އެވެ. މި ބޭސް ބޭނުންކުރަން ޖެހެނީ ކޮންމެ 14 ދުވަހަކުން އެއް ގުޅަ އެވެ.
އެމެރިކާގެ އެފްޑީއޭއިން ބުނީ ބޭސް ބޭނުންކުރުމުގެ ހުއްދަ ދިން ނަމަވެސް މީގެން ކުރިމަތިވެދާނެ ސައިޑް އިފެކްޓަކަށް ސަމާލުވާންޖެހޭނެ ކަމަށެވެ. އެގޮތުން އެންޒައިމްގެ މައްސަލަ ހުންނަ މީހުންނާއި ނަފްސާނީ ބަލިތައް ހުންނަ މީހުން މި ބޭސް ބޭނުންކުރުން އެންމެ ރަނގަޅު ނޫން ކަމަށް ބުނެފައިވެ އެވެ.
މި ބޭސް ބޭނުންކުރުމުގެ ކުރިން ޑެފިޝިއެންސީ ޓެސްޓު ހަދަން އެމެރިކާގެ އެފްޑީއޭއިން އިރުޝާދުދެ އެވެ. ޑެފިޝިއެންސީ ޓެސްޓަކީ ހަށިގަނޑުގައި ލޭ ދައުރުވުމަށް އެހިވާ އަޔަންގެ މައްދާ ބޭނުންވާ ވަރަށް ހަށިގަނޑުގައި ހުރިތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. ދުނިޔޭގައި މެލޭރިއާ ބަލި އެންމެ ގިނަ، ފަގީރު ގައުމުތަކަށް މި ޓެސްޓު ހެދުމަށް ބޮޑު ގޮންޖެހުމަކަށްވެގެންދާނެ އެވެ.