ސާފް ސުޒުކީ ކަޕް

ސާފް ސުޒުކީކަޕް: އިންޑިއާއިން ކުރިމަގަށް ބޮޑު ފިޔަވަޅެއް

ބަނގުލަދޭޝްގައި ނުވަ އަހަރު ކުރިން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ރާއްޖެއާ ދެކޮޅަށް ކާމިޔާބު ހޯދީ، އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމުންނެވެ. ބައެއް ސީނިއާ ކުުޅުންތެރިން ހިމެނު ނަމަވެސް ސްކޮޑުގައި ޑޮމިނޭޓް ކުރީ 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އެފަހަރުގެ މުބާރާތަށް ރާއްޖެއިން ދިޔަ ސްކޮޑުގައި ގިނައިން ހިމެނުނީ އޭގެ ކުރީގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނެވެ. އެ މުބާރާތަށް 23 އަހަރުން ދަށުގެ ޓީމު ފޮނުވުމަކީ އިންޑިއާއިން މުސްތަގުބަލަށް އެޅި ފިޔަވަޅެކެވެ.

ޖޭޖޭ ލާލްޕެކުލޫއާ، ނިރުމާލް ޗެތުރީ، މެން ފަދަ ޒުވާން ކުޅުންތެރިންނާއެކު އިންޑިއާއިން އެކުލަވާލި ސްކޮޑުވީ، މިހިނގާ 10 އަހަރު ތެރޭގައި މުޅި އިންޑިއާގެ ފުޓްބޯޅަ ބަދަލު ކޮށްލި ޖީލަށެވެ. އެފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ ނެރުނު ސްކޮޑުގެ ޖީލުން އޭޝިއަން ކަޕްގައި ދެ ފަހަރު ވާދަ ކުރުމުގެ ފުރުސަތު ހޯދައިފި އެވެ. އެއީ އޭގެ ކުރީގެ 24 އަހަރުގައިވެސް އިންޑިއާއަށް ދެވުނު ހިސާބެއްވެސް ނޫނެވެ ނޫނެވެ.

މިފަހަރު އަނެއްއްކާވެސް ބަނގުލަދޭޝްގަ އެވެ. އިންޑިއާއިން މިފަހަރުވެސް ނެރެނީ 23 އަހަރުން ދަށުގެ ޓީމެކެވެ. އެ ޓީމުގައި އިންޑިއާގެ 19 އަހަރުން ދަށުގެ ޓީމުގެ ހަތަރު ކުޅުންތެރިންވެސް ވަނީ ހިމަނާފަ އެވެ. އެއީ އިންޑިއާގައި މިދިޔަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑްކަޕުގައި ވާދަ ކުރި ސްކޮޑުގައިވެސް ހިމެނުނު ހަތަރު ކުޅުންތެރިންނެވެ.

ކުރިއަށް 10 އަހަރަށް އިންޑިއާގެ ފުޓްބޯޅައިގެ މުސްތަގުބަލް ބިނާ ކުރަން އިންޑިއާއިން މަންޒަރު ކުރާހަލުމަށް ބޭނުން ކުރަނީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. މިއީ ސަރަހައްދުގެ އެހެން ގައުމުތަކުންވެސް ގެންގުޅުން ރަނގަޅު ސްޓްރެޓެޖީއެއް ކަމަށް ގަބޫލު ކުރެވެއެވެ. އިންޑިއާގެ ކޯޗް އިންގްލެންޑްގެ ސްޓެފަން ކޮންސްޓަންޓީން ބުނީ، މުބާރާތްތަކަށް ސްކޮޑު ނަގާއިރު ޒުވާން ކުޅުންތެރިންނަށް އޮތް ފުރުސަތުތަކަށް އިންޑިއާއިން އަބަދުވެސް ބަލާ ކަމަށެވެ.

"އަހަރެމެން އަބަދުވެސް ބަލަން އޭޖު ގުރޫޕްތަކަށް، އެއީ އެ ކުޅުންތެރިންނަށް ހަރުގަނޑުގެ ޖެހިގެން ހުރި ހަރުފަތަށް އެރުމަށް ހޯދައިދޭ ފުރުސަތެއް،" ކޮންސްޓަންޓީން ވާހަކަ ދެއްކި އެވެ. "އަހަރެން އަބަދުވެސް ބަލަން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވޭތޯ، އަދި އެ ކުޅުންތެރިންނަށް ކުޅެވޭނެ އެންމެ ރަނގަޅު ފިލޯސަފީ އަކީ ކޮބައިތޯ، މި ކޭމްޕްވެސް އެއާ ތަފާތެއް ނުވާނެ، ބައެއް ޒުވާން ކުޅުންތެރިން ވަނީ އެ ކުޅުންތެރިންނަށް މި ޓީމުން ޖާގަ ހައްގުކަން ސާބިތު ކޮށްދީފައި."

ޒުވާން ޓީމަކާއެކު މުބާރާތަކާ ކުރިމަތިލުމަކީ އުނދަގޫ ކަމެއް ކަމަށް ކޮންސްޓަންޓީން ފާހަގަ ކުރި އެވެ. ނަމަވެސް އެ ޗެލެންޖު ނެގުމުގައި އޭނާ ފަހެއް ނުޖެހެ އެވެ. އޭނާ ބުނީ އެއީ އިންޑިއާގެ ފުޓްބޯޅައަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

"މިކަހަލަ ޒުވާން ޓީމަކާއެކު މުބާރާތަކަށް ކުރިމަތިލުމަކީ އުނދަގޫ ކަމެއް، އެއީ ޗެލެންޖެއް، ނަމަވެސް އެއީ އަހަރެމެން ބޭނުންވާ ގޮތަކީ،" ކުރިން ނޭޕާލަށްވެސް ކޯޗް ކޮށްދިން ކޮންސްޓަންޓީން އޭނާގެ ޝުއޫރުފާޅު ކުރި އެވެ. "އަހަރެމެން ބޭނުން ވަނީ ކޮން ކުޅުންތެރިޔެއްތޯ އަހަރެމެންނަށް ބޭނުންވާ ނަތީޖާ ނެރެދެނީ ބަލަން، އަދި ކޮން ކުޅުންތެރިޔެއްތޯ އިތުރަށް ޒިންމާ ނަގައިގެން މި ޓީމަށް އިތުރު ހަކަތަ ގެނެސްދޭނީ ވެސް ބަލަން، އެހެންވެ ޒުވާން ސްކޮޑެއް މި ނެރެނީ."

އިންޑިއާގެ ސީނިއާ ޓީމަށް އޮތް މުބާރާތަކީ އަންނަ އަހަރު އަރަބި އެމިރޭޓްސްގައި ބާއްވާ، އޭޝިއަން ކަޕެވެ. އެ މުބާރާތަށް ދާ އިންޑިއާގެ ސްކޮޑުގައި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.