ޓެކްނޯލޮޖީ

ހެއްވަން އުފެއްދި ނައިންގެގް، އެންމެން ހެއްވަނީ

ނައިންގެގްއަކީ މީހުން ހެއްވާލާ ފޮޓޯ އާއި ވީޑިއޯ އަދި މީމްސްއާއި ޖިފްސް ހުންނަ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ހަގީގީ މޭސްތިރިއަކީ ހޮން ކޮންގަށް ނިސްބަތްވާ ވިޔަފާރީވެރިއެއް ކަމުގައިވާ ރޭ ޗެން އެވެ. ނައިންގެގަށް މިހާރު 10 އަހަރުވީއިރު ބޭނުންކުރާ މީހުންގެ އަދަދު އުޅެނީ 200 މިލިއަނަށްވުރެ މަތީގަ އެވެ.

"އަހަރެމެން ބޭނުންވީ އަހަރެމެންގެ އެންމެ ބޮޑު އުނދަގޫ ލުއި ކުރަން... އެއީ ހެވޭ ކަހަލަ މަޖާ ފޮޓޯތައް ހޯދުން. އަދި އެ ފޮޓޯތައް އަހަރެންގެ ރަހުމަތްތެރިންނަށް ހިއްސާކުރެވޭނެ ގޮތެއް ހެދުން،" ރޭ ބުންޏެވެ.

ރޭއި މި ޕްލެޓްފޯމް އުފެއްދީ 2008 ވަނަ އަހަރު، ހަތަރު ޕާޓުނަރުންނާއެކު އެވެ. އޭރު އެ އެންމެވެސް އުމުރުގެ ގޮތުން އުޅެނީ 20 ގެ އަހަރުތަކުގަ އެވެ. ދިރިއުޅުމަށް ކުރާ މަސައްކަތުގެ އިތުރުން، އިތުރު މަސައްކަތެއްގެ ގޮތުގައި އެމީހުން މި ޕްލެޓްފޯމް ޑިވެލޮޕްކުރަން ފެށި އެވެ. މަސައްކަތް ފަށައިގަތުމަށް އެންމެންވެގެން އެއްކުރީ 1270 ޑޮލަރެވެ.

މިއަދު ދުނިޔޭގައި ގިނަ ބަޔަކު މި ބޭނުންކޮށްފާނެ ކަމަށް މި ފަސް ޒުވާނުން ދުވަހެއްގެ ކޮޅުންވެސް ހީނުކުރެ އެވެ. އެއީ ފުރަތަމަ މި އުފެއްދީވެސް ހަމައެކަނި އެމީހުންނާއި އެމީހުންގެ ރައްޓެހި ބޭނުންކުރުމަށް ކަމުގައިވާތީ އެވެ.

ނައިންގެގްގެ މަސައްކަތް ފެށިއިރު ރޭއި މަސައްކަތްކުރީ ވާހަކަ ކިޔުމަށް ލޯބިކުރާ މީހުންގެ އޮންލައިން ކޮމިއުނިޓީއެއްގަ އެވެ. މި ޕްލެޓްފޯމު އުފެއްދުމަށްފަހު ރޭއި އާއި އޭނާގެ ޕާޓުނަރުން ރައްޓެހިގެން މެދުގައި މި ޕްލެޓްފޯމު ހިއްސާކުރަން ފެށުމުން ގިނަ ބަޔަކަށް މިއާ ބެހޭގޮތުން އިނގެން ފެށި އެވެ. އަދި ބޭނުންކުރާ މީހުން އިތުރުވާން ފެށި އެވެ. ފޭސުބުކް އާއި ޓުވިޓާގައި މީގައި ހުންނަ އެއްޗެހި ޝެއާކުރަންވެސް ފެށި އެވެ.

ނައިންގެގް ބޭނުންކުރާ މީހުނަށް އަމިއްލަ ފޮޓޯއާއި ވީޑިއޯތައް އަޕުލޯޑުކުރެވެ އެވެ. އަދި އެ ވަގުތެއްގައި އެންމެ ޓްރެންޑުވާ އެއްޗެއް ސާޗުކޮށްލައިގެން ބަލާލެވެ އެވެ. ނައިންގެގްއަށް އެކި ޔޫސަރުން ލާ ކޮންޓެންޓުތައް ސޯޝަލް މީޑިއާގެ އެކި ސައިޓުތަކުގައި ޝެއާކޮށްދިނުމަށް ހަތް އެޑިޓަރުން މިހާރު ތިބެ އެވެ.

މި ޕްލެޓްފޯމު ފުޅާވެ ބޮޑު ވިޔާފަރީއަކަށް ވާން ފެށީ 2012 ވަނަ އަހަރާއި ހިސާބުންނެވެ. ރޭއި އާއި އޭނާގެ ޕާޓުނަރުން އެމީހުން އަދާކުރަމުން އައި ވަޒީފާ ދޫކޮށް މިކަމަށް ހުސްވި އެވެ. މިކަމުން އެމީހުނަށް ލިބޭ އާމްދަނީ ބޮޑުވުމުން ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މިކަން ކުރަން ފެށި އެވެ. އެ އަހަރު ނައިންގެގް އައިއޯސް އާއި އެންޑްރޮއިޑް އެޕެއްވެސް ތައާރަފުކުރި އެވެ. އަދި ސޯޝަލް މީޑިއާގެ އެކި ސައިޓުތަކުގައި އެމީހުންގެ އެކައުންޓުތައް ހުޅުވާ ވިޔަފާރީ ފުޅާކުރި އެވެ.

ވިޔަފާރީ ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެމީހުން ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ސިލްކަން ވެލީއަށް ދިޔަ އެވެ. ސިލްކަން ވެލީއަކީ ދުނިޔޭގެ މަަޝްހޫރު އެކި ޓެކްނޮލޮޖީ ކުންފުނިތައް ފުރަތަމަ ތައާރަފުވެގެން އައި ސިޓީއެކެވެ. ފޭސްބުކް އާއި ގޫގްލް އެންމެ ފުރަތަމަ ތައާރަފުވެގެން އައީ މި ސިޓީންނެވެ. މި މީހުން ވަނީ އެ ސިޓީން 22 އިންވެސްޓަރުން ހޯދާފަ އެވެ. އަދި އެމީހުންގެ އަތުން 2.8 މިލިއަން ޑޮލަރު އެއްކޮށް ކުންފުންޏެއްގެ ގޮތުގައި ވިޔަފާރީ ބޮޑުކުރި އެވެ.

ނައިންގެގުން އެންމެ ފުރަތަމަ މީހަކަށް ވަޒީފާއެއް ދިނީ 2013 ވަނަ އަހަރު އެވެ. މިއަދު އެ ކުންފުނީގައި 30 މުވައްޒަފުން މަސައްކަތްކުރެ އެވެ. އެންމެ ގިނައިން ނައިގެގް ބޭނުންކުރަނީ 18 އަހާރާއި 24 އަހަރާއި ދެމެދުގެ މީހުންނެވެ.