ހަބަރު

ކުއްޖަކު މަރާލި ކަމުގެ ދައުވާ ލިބޭ ދެ މީހެއްގެ ބަންދަށް ލުއި ދީފި

ވިހެއުމަށްފަހު ދަރި މަރާލި ކަމުގެ ދައުވާ ލިބޭ ދެ މީހެއްގެ ބަންދަށް މިއަދު ކުރިމިނަލް ކޯޓުން ލުއި ދީފި އެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ތެރޭގައި ގަސްދުގައި ކުއްޖަކު މަރާލި ކަމުގެ ދައުވާ އުފުލާފައިވަނީ އައްޑޫ ސިޓީ، މަރަދޫ އައިޝަތު ޝާހީ އާލްމް އާއި އެ ރަށު ފިނިފެންމާގޭ އިބްރާހިމް ވިސާމްގެ މައްޗަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ވެސް އެ އަހަރުގެ ތެރޭގަ އެވެ.

އައިޝަތު ޝާހީއަކީ މަރާލި ކަމަށް ބުނާ ކުއްޖާގެ މަންމަ އެވެ. ވިސާމްއަކީ ޝާހީގެ ފިރިމީހާ އެވެ.

މިއަދު އޮތް މި މައްސަލާގެ އަޑުއެހުމުގައި އެ ދެ މީހުން ގޭބަންދަށް ބަދަލުކުރަން ނިންމީ އެ މައްސަލައަކީ ކުރިމިނަލް ކޯޓުގައި ކުރިއަށްދާތާ އެތައް އަހަރެއްވެ ލަސްވަމުންދާ މައްސަލައަކަށްވާތީ އެވެ. މި މައްސަލަ ފެންމަތިވީންސުރެ ވިސާމް ހުރީ ޖަލު ބަންދުގަ އެވެ. ޝާހީ މީގެކުރިން ގޭބަންދުގައި ހުރި ނަމަވެސް މިހާރު ހުރީ ޖަލު ބަންދުގަ އެވެ.

އެ ދެ މީހުން ގޭބަންދަށް ބަދަލުކުރުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށް މިއަދު ޝަރީއަތުގެ މަޖިލީހުގައި ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ވަކީލް ވިދާޅުވި އެވެ. އެ މައްސަލާގައި ވިސާމް ޖަލުގައި ބަންދުކުރަން ދައުލަތުން އެދުނީ އޭނާ ތަހުގީގަށް އެކަށީގެންވާ މިންވަރަށް އެއްބާރުލުންދީފައިނުވާތީ ކަމަށެވެ. އަދި ޝާހީ ބަންދުގައި ބެހެއްޓުމަށް އެދުނީ މައްސަލާގައި ސިއްރުން ހެކިބަސްތަކެއް ނަގަން ހުރުމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތީ ކަމަށެވެ. ނަމަވެސް މިހާރު ހެކި ބަސް ނަގާފައިވާތީ އެ ދެ މީހުންގެ ބަންދަށް ލުޔެއް ދިނުމަށް އިއުތިރާޒް ނުކުރައްވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މިއަދު ވަނީ އެ ކުއްޖާ ވަޅުލާފައި އޮތް ކަމުގެ ރިޕޯޓް ލިބިގެން ސީންއަށް ދިޔަ ދެ ފުލުހެއްގެ ހެކި ބަސް ނަގާފަ އެވެ. އެތަނަށް ގޮސް ބެލިއިރު ފޫޓެއްހާ ތަނު އަޑިއަށް ކޮނެ ވަޅުލާފައިވާ ފިޔާތޮށި ކުލައިގެ ޓީޝާޓެއް އޮތް ކަމަށާއި އެ ޓީޝާޓްގެ ތެރޭގައި ކުއްޖާ އޮތް ކަމަށް ދެ ފުލުހުން ވެސް ބުންޏެވެ.

މި މައްސަލާގައި ދެން ހެކިބަސް ނުނެގި ވަނީ ދައުލަތުން ހުށަހެޅި އެންމެ ހެކިވެރިއެއްގަ އެވެ. އެ ހެކިވެރިޔާގެ ހެކި ބަސް ނެގުމަށާއި ދިފާއުގައި ދެ މީހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވަމުން ވިދާޅުވި އެވެ.