ބޮލީވުޑް

"ރެެޑީ" ގެ ދެވަނަ ބައެއް ގެނެސްދެނީ

ސަލްމާން ޚާން އާއި އާސިން ލީޑުން ފެނިގެންދިޔަ ފިލްމު "ރެޑީ" އަކީ 2011 ވަނަ އަހަރު ބްލޮކްބާސްޓާއެއްގެ ދަރަޖައަށް އުފުލުނު ފިލްމެކެވެ. އަނީސް ބަޒްމީ ޑައިރެކްޓުކުރި ރޮމޭންޓިކް ކޮމެޑީ އެ ފިލްމުގެ ސީކުއެލް ފިލްމެއް ގެނެސްދިނުމަށް މިހާރު ތައްޔާރުވާން ފަށައިފި އެވެ.

ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން ސީކުއެލްގައިވެސް ލީޑުން ފެނިގެންދާނީ ސަލްމާން އެވެ. ސަލްމާން މިހާރުވެސް އަންނަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި "ބާރަތު"، "ދަބަންގު 3" އަދި "ޝޭރް ޚާން" ފަދަ ފިލްމުތައް ހިމެނެ އެވެ.

ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ގެނެސްދީފައިވާ "ރެޑީ" ގެ ޕްރޮޑިއުސަރު ބޫޝަން ކުމާރް މިހާރު ވަނީ ސީކުއެލްގެ މަސައްކަތްތައް ސަލްމާން އާއި ޑައިރެކްޓަރު އަނީސްއާއެކު މަޝްވަރާކުރަން ފަށާފަ އެވެ. ސީކުއެލްގައި ލީޑުން ފެނިގެންދާނެ ބަތަލާއެއް އަދި ޔަގީނެއް ނުވެ އެވެ.

މުމްބައި މިރޯއަށް ދިން އިންޓަވިއުއެެއްގައި ޑައިރެކްޓަރު އަނީސް ބުނީ ސީކުއެލްގެ މަސައްކަތް ފަށާފައިވާ ކަމަށާއި ފިލްމު ގެނެސްދެވޭނެ އިރެއް ބުނަން އިނގޭނީ ސަލްމާންއަށް ވަގުތެއް ވުމުން ކަމަށެވެ. އަދި ވަރަށް އަވަހަށް ސަލްމާންއާއި ބައްދަލުކޮށް މި ފިލްމުގެ ވާހަކަތައް މަޝްވަރާކުރާނެ ކަމަށް އޭނާ ބުންޏެވެ.