މެންޗެސްޓާ ސިޓީ

ސިޓީއަށްއޮތް އެންމެ ބޮޑު ނުރައްކަލަކީ ޗެލްސީ

އަންނަ ސީޒަންގައި ޕްރިމިއާ ލީގް ކާމިޔާބު ކުރުމާ އެންމެ ގާތުން ވާދަ ކުރާނެ ޓީމަކީ ޗެލްސީގެ ކަމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފޯވަޑް ލިރޮއީ ސާނޭ ބުނެފި އެވެ.

މިދިޔަ ދެ ސީޒަންގައި ޗެލްސީއަށް ކޯޗު ކޮށްދިން، އެންޓޯނިއޯ ކޮންޓޭ ވަކި ކުރުމަށް ފަހު، ނަޕޯލީގެ ކުރިގެ ކޯޗް މައުރީޒިއޯ ސާރީ ވަނީ ކޯޗް ކަމަށް ހަމަޖައްސާފަ އެވެ. ސާނޭ ބުނީ ސާރީއަކީ ވަރަށް މޮޅު ކޯޗެއް ކަމަށެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގައި ސިޓީން ނަޕޯލީ އާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީއަށް ވަރަށް ބޮޑަށް އުނދަގޫވި ކަމަށް ސާނޭ ފާހަގަ ކުރި އެވެ.


"ޗެލްސީން އެ ވަނީ ވަރަށް މޮޅު ކޯޗެއް ގެނެސްފަ، މިދިޔަ ސީޒަންގައި ނަޕޯލީ ވަނީ ވަރަށް ރީތި ގޭމެއް ކުޅެފަ، އަހަރެމެން އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ވީ ވަރަށް އުނދަގޫ މެޗަކަށް،" ޖަރުމަންގެ ފޯވަޑް ބުންޏެވެ. "އޭނާ [ސާރީ] ގެ ޓެކްޓިކްސްއަށް ހޭނި ލުމަށް އެ ޓީމަށް ވަގުތު ބޭނުން ވާނެ، ނަމަވެސް އެ ޓީމު ވާނެ އެންމެ އުނދަގޫ ޓީމަކަށް."

ސިޓީން ތަށި ދިފާއު ކުރަން ނިކުންނައިރު ސިޓީއަށް އަށް އެންމެ ޗެލެންޖު ބޮޑު ޓީމަކަށް ވާނީ ކޮން ޓީމެއްތޯ ސުވާލު ކުރުމުން ސާނޭ ބުނީ އެނާ ދެކޭ ގޮތުގައި އެ ޓީމަކަށް ވާނީ ޗެލްސީ ކަމަށެވެ.

މިހާރު މެންޗެސްޓާ ސިޓީން ދަނީ އަންނަ ސީޒަނަށް ތައްޔާރު ވުމަށް އެމެރިކާގައި ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދަމުންނެވެ.