ވާހަކަ

ބުނެދޭށޭރުހެމޭ

(22 ޖުލައި 2018 އާ ގުޅޭ)

"އަހަރެން ހީކުރި ވަރަށްވުރެ ނީމް މާ ބޯބޮޑު... އަހަންނަށް ހީވީ ރަނގަޅަށް، ފޮޓޯގައި ފެނިފަ ވެސް ހީވިއޭ އެ ފިރިހެން ގޮލައާ ކަމެއް އޮތިއްޔޭ، އެހެންވިޔަސް ހަމަ އަސްލަށް ވެސް ނީމް މިހާރު ހާދަ ލޯތްބޭ، އެހެންމީހަކު ބޭނުންކުރަން ދޭހިތެއްނެތް" މަގުމައްޗަށް ނުކުންނަން ހިނގައިގަތް މިޢުވާނުގެ ހިތުގައި ވިއެވެ.

އެލެވޭޓާ ތެރެއަށް އަރްސަލްއާއެކު ނިމްރާ ވަނެވެ. ޕާކިން އޭރިއާއިން ނިކުމެ ހޮޓެލް ތެރެއަށް ވަންނަން ވާއިރަށް ނިމްރާގެ އުނަގަނޑުން އަރްސަލް ދޫކޮށްލައިފިއެވެ. އެ ހުރިހާ އިރު ނިމްރާއަށް ހުރެވުނީ ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެންނެވެ.

"އަރްސަލް ކިހާއިރެއްވަންދެންބާ ހުރީ... އަހަރެމެން ދެ މީހުންގެ ދެމެދުގައި ދެއްކި ހުރިހާ ވާހަކައެއް އަރްސަލް އަޑު އެހީތަ؟ ކީއްވެބާ އެއްޗެކޭ ނުބުނެ އެ ހުންނަނީ... އަރްސަލް ނުރުހިއްޖެނަމަ ވަގުތުން އެކަން އޭނާ ފާޅުކުރާނެ... ނޫނީ އަރްސަލްއަށް އެއްވެސް ކަމެއް ނޭނގެނީ ކަމަށް ވެސް ވެދާނެ" ނިމްރާގެ ހިތަށް އަރަމުންދިޔައެވެ. އަރްސަލް ހިމޭންކަން ޚިޔާރުކުރުމަކީ އަންނަން އޮތް ކޮޅިގަނޑުގެ ގަދަކަން ހާމަކޮށްދޭކަމެއްކަން ނިމްރާއަށް ވިސްނެއެވެ. އެހެންވިޔަސް އަރްސަލްއަށް އެނގުނު މިންވަރެއް ނުބުނަނީސް އިސްވެ އެއްވެސް ވާހަކައެއް ދައްކަން ނިމްރާ ބޭނުމެއްނޫނެވެ. އޭނާގެ މާޒީ އެނގުމުން އަރްސަލް ފޫހިވެދާނޭ ނިމްރާއަށް ހީވަނީއެވެ.

އެލެވޭޓާގެ ދޮރު ހުޅުވުމުން ދޮރުގައި އަރްސަލް ހިފަހައްޓައިލުމާއެކު ނިމްރާއަށް ބަލާލިއެވެ. އަރްސަލް ނުކުތީ ނިމްރާގެ ފަހަތުންނެވެ. ރެސްޓޯރެންޓު ހުންނަ ބަޔަށްކަން ނުކުމެވުނީ ނިމްރާއަށް އެނގުނީ ދެނެވެ. ހިމަކޮރިޑޯއިން ލާފައި އައިސް ރެސްޓޯރެންޓުގެ ތެރެއަށް އަރްސަލްއާއެކު ނިމްރާ ވަނެވެ.

"އިވެންޓްއާ ބެހޭ ގޮތުން ޒިވަންއަށް ވެސް އޮޅުންފިލުވައިދޭން އެބަޖެހޭ، ސެކިއުރިޓީ ހުރިހާ ކަމެއް އެމީހުން ބަލަހައްޓާއިރު، ޑީޓެއިލް ބްރީފިންގްއެއް ލިބިގެން އެމީހުންގެ ސްޓާފުން ހަމަޖައްސަން އެނގޭނީ" އަރްސަލް ވާހަކަދެއްކިއެވެ.

"ހޭ ޑާލިންގް!... މާ އަވަސްއަރުވާލައިފައި ކޮންތާކަށްތަ ދިޔައީ؟" ޒިވަންއާއި ރާދިން އިން މޭޒު ދޮށުގައި ނިމްރާއާއި އަރްސަލް އިށީނުމާއެކު ރާދިން އަހާލިއެވެ.

"އެ... މީހަކު ބައްދަލުކުރަން އައީމަ" ވާހަކަދައްކަން އުޅުނު ވަގުތު އަރުތެރެ ހިކިފައި ހުރުމުން ނިމްރާ ހިންދިރުވާލައި ތުންފަތް ތެތްމާލައިފައި ބުނެލިއެވެ. ހަމައެވަގުތު މޭޒު މަތީ ހުރި ފެންތަށްޓެއް އަރްސަލް ނަގައި ނިމްރާގެ ކުރިމަތީ ބަހައްޓައިފިއެވެ. އޭނާއަށް ނިމްރާ ބަލާލުމުން ބޮލުން އިޝާރާތްކޮށްލީ އެ ފެންތަށި ބޯލާށޭ ބުނާ ފަދައިންނެވެ. އެހެންވެ މަޑުމަޑުން ފެންތަށި ނަގައި ފެންފޮދެއް ނިމްރާ ބޯލިއެވެ. އަދި ހަށިފުރާ ދިގު ނޭވާއެއް ލުމާއެކު ނަފްސު ހަމައަކަށް ނިމްރާ އަޅުވާލިއެވެ. އެހެންނޫނީ އަރްސަލް ކަމަކަށް ޝައްކުކޮށްފާނޭ ނިމްރާއަށް ހީވީއެވެ.

އަމިއްލަ ޖަމިއްޔާއަކުން ފައިސާ ހޯދުމަށް ޓަކައި ބާއްވަން ހަމަޖެހިފައި އޮތް ޑިނާނައިޓްއާ ބެހޭ ގޮތުން ނިމްރާ އޮޅުން ފިލުވައިދިނެވެ. ޖަމިއްޔާގެ ސެކްރެޓެރީއާއި ޓްރެޝަރާއާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ވެސް ނިމްރާ ކިޔައިދިނެވެ. އެ ހަފްތާގެ ބުރާސްފަތު ދުވަހުގެ ރޭ އިވެންޓް ބޭއްވޭނަމަ އެ ރެއަށް ހުރިހާ ކަމެއް ނިންމަން ޖަމިއްޔާއިން ބޭނުންވާކަމަށް ބުންޏެވެ. ހުރިހާ ވާހަކައެއް އަޑުއަހާފައި ރާދިން އޭނާގެ ޚިޔާލު ފާޅުކުރިއެވެ. ޒިވަން އޭނާގެ ޒިންމާ އޮތްވަރު ނިމްރާއަށް ކިޔައިދިނެވެ. އޭނާގެ މުވައްޒަފުން ތިބޭނޭތަނާއި އެ މީހުންގެ އެހީތެރިކަން ލިބޭނޭ ގޮތުގެ އިތުރު ތަފްސީލު ވަރަށް އަވަހަށް ދޭނަން ކަމުގައި ވެސް ޒިވަން ބުންޏެވެ.

"އެމީހުން އޮތީ ހޮޓެލްގެ ވެރީންނަށް ދަޢުވަތުދީފައި، މިތާ އިވެންޓް ކުރިއަށްދާއިރު އެޓެންޑްވާންވާނެއެއްނު" ފަހުކަމަކަށް ނިމްރާ ބުނެލިއެވެ.

"އިޓް ވިލް ބީ ފަން، އައި ކޭން ބްރިންގްއަށް ޑޭޓް" ރާދިން އިނދެފައި ބުނެލިއެވެ.

"އަރްސަލްގެ ކައިރިން ވާރުތަކުރީތަ؟ އޭނާއަށްވުރެ ފްލާޓީ ރާދު މިހާރު... އެންޑް ޔޫ ލިޓްލްވަން، އެހާ ދުވަސްކޮށްފަ ބައްދަލުވީމަ އަދިވެސް އަހަންނަށް ދަޢުވަތެއްނުދޭ ކޮފީގަނޑަކަށް ވެސް، އަހަރެން މިތާ އުޅޭގަޑިއެއްގައި ގުޅާލާނަމަ" ޒިވަން ބުންޏެވެ.

"ސޮރީ... ގުޅާނަން އިނގޭ" ނިމްރާ ބުނެލިއެވެ.

އެންމެން އެކުގައި ރެސްޓޯރެންޓުން ނުކުމެ އެ މީހަކު މަސައްކަތް ކުރާ ދިމާއަކަށް ދިޔައެވެ. ނިމްރާ އެނބުރި އައިސް ކެބިންއަށް ވަނުމާއެކު އީވާ ހާސްވެފައި ބަލާލިއެވެ.

"ހުރިހާ ކަމެއް އޯކޭތަ؟" އީވާ އަހާލިއެވެ.

"އަރްސަލް އައިތަ؟" ނިމްރާ ވެސް ކުރީ ސުވާލެކެވެ.

"ނާދޭ... އެކަކުވެސް ނާދޭ" އީވާ އަވަސްއަވަހަށް ބުނެލިއެވެ.

ހަތަރެއް ޖެހިތަނާ ނިމްރާ އޮފީހުން ނުކުތީ އީވާ ވެސް ގެއަށް ދިއުމުގެ ހުއްދަ ދީފައެވެ. އޭނާ އައިސް އެޕާޓްމެންޓަށް ވަދެވުނު ގޮތަށް އަވަހަށް އައިސް ވަނީ ކޮޓަރިއަށެވެ. ލައުންޗު މައްޗަށް އަތްދަބަސް ދޫކޮށްލުމާއެކު އައިސް އެނދަށް ބަންޑުން ވެއްޓިގަތެވެ. މުޅި ދުވަސް މިޢުވާނުގެ ސަބަބުން ނިމްރާއަށް ޚަރާބުވެއްޖެއެވެ. ހުރިހާކަމެއް ގޯސްވީ އެތަނަށް އަރްސަލް އައީމައެވެ.

"މޭބީ ހީ ޑޯންޓް ކެއާ... އަހަރެން ފިރިހެނަކާ ވާހަކަދެއްކުމަކީ އޭނާއަށް މައްސަލައެއްނޫނީ، އެހެންވެ އަޅާނުލަން އެ ހުންނަނީ، އެހެންނޫނީ ކޮންމެވެސް އެއްޗެއް ބުނަންވީނު" އެނދުގައި އަޅާފައި އޮތް މަޑުރަޖާގެ ތެރޭ ނިމްރާ އިތުރަށް މޫނު ފޮރުވާލިއެވެ. އެގޮތަށް އިރުގަނޑަކު އޮވެފައި ނިމްރާ ތެދުވެ ހެދުން ބަދަލުކޮށްލިއެވެ. އެއްވެސް ކަމެއް ކުރާހިތްނެތުމުން އޭނާ އަނެއްކާ ވެސް އައިސް އެނދުގައި އޮށޯތީއެވެ.

ކޮޓަރީގެ ދަމާލެވޭ ދޮރު ކަހާލުމުން ނިމްރާ އެ ދިމާއަށް ބަލާލިއެވެ. އޭރު ދޮރުމަތީ ހުރީ އަރްސަލްއެވެ. ފުންމައިގެން ތެދުވެ އެނދުގައި ނިމްރާއަށް އިށީނދެވުނެވެ. ވަގުތުން އޭނާގެ މޫނުން ކަންބޮޑުވުން ފާޅުވިއެވެ. އޮފީސް ހެދުމުގައި ހުރި އަރްސަލް އެ އައީ އޮފީހުން ނުކުތް ގޮތަށްކަން ނިމްރާއަށް އެނގުނެވެ. އިރުކޮޅަކު ނިމްރާއަށް ބަލަން ހުރުމަށްފަހު އަރްސަލް ވަދެގެން އައިސް އެނދުގެ މަގަތުގައި އިށީނެވެ.

"އެއީ ބޯއީފްރެންޑްތަ؟" އަރްސަލް އެހިއެވެ.

"ކޮބާ" ޖެހިލުންވެފައި ނިމްރާއަށް ބުނެލެވުނެވެ. އެހިނދު އަރްސަލް ބަލާލި ގޮތުން ނިމްރާ ފިނިވާގޮތްވިއެވެ. އެ ބެލުމުގައި ވަނީ ދޮގު ހަދައިގެން ސަލާމަތްނުވާނޭކަން އަންގައިދޭފަދަ އިންޒާރެކެވެ. ނިމްރާ އަވަސްއަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ.

"އަހަރެން ވާހަކަދެއްކީމަ ވާހަކަދައްކާށޭ ބުނަމެއްނު، ތިހެން ހަރަކާތްތަކެއްކުރަންވީކީނޫން، ލަފުޒު ބޭނުންކޮށްގެން ޖަވާބުދޭންވީ" އަރްސަލްގެ އަޑުގައި ހުރި ހަރުކަށިކަން އިތުރަށް ނިމްރާ ހާސްކުރުވިއެވެ.

"މިހާރަކުނޫން" ނިމްރާ އިސްޖަހައިލައިގެން އިނދެ ބުނެލިއެވެ. އެގޮތް އަރްސަލްއަށް ކަމަކު ނުދިޔައެވެ.

"ލުކް އެޓް މީ" އަރްސަލް ބުނެލިއެވެ. އޭނާގެ ބަސް ޤަބޫލުކުރަމުން ނިމްރާ އިސްއުފުލާ ބަލާލިއެވެ.

"ކީއްކުރަން އޭނާ އައީ؟... އޭނާ... އޭނާދެކެ އަދިވެސް ލޯބިވޭތަ؟" އަރްސަލް ވެސް އިނީ ނިމްރާގެ ހިތުގައި އޮތް އެއްޗެއް އެނގެން ބޭނުންވެފައެވެ.

"ނުވޭ ލޯތްބެއް... އަހަރެންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް އެއީ، ކަމެއް ދިމާވީމަތާ ވިސްނޭނީ. މީހެއްގެ ގޮތެއް ހަމަހުރެފައެއް ނޭނގޭނެއެއްނު، އޭނާއަށް ނޫހުން ހޮޓާ ހުޅުވި ރޭގެ ފޮޓޯތައް ފެނިގެން މި ހޮޓެލްގައި އަހަރެން މަސައްކަތްކުރާކަން ހޯދީ، ބައްދަލުކުރަންވެގެން އަބަދާ އަބަދު އަންނާތީ ބޭނުންވީ އޭނާގެ ކުރިމައްޗަށް އަރާފައި ބުނަން އަހަރެން ބޭނުންނުވާކަން ބައްދަލުކުރަން، މި ހޮޓެލަށް އެގޮތަށް އަހަރެން ހޯދަން ނާންނާށޭ ބުނަން ބޭނުންވީ" ނިމްރާ ބުންޏެވެ.

"އެންއާރް ކޮމްޕެނީއަކީ ކާކުގެ ތަނެއް؟" އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އަރްސަލް އަހާލިއެވެ. އެއާއެކު ނިމްރާއަށް ޔަގީންވީ އޭނާ ހީކުރި ގޮތާއި ޚިލާފަށް އަރްސަލްއަށް ވަނީ އޭނާއާއި މިޢުވާނާ ދެމެދު ދެކެވުނު ވާހަކަތަކުން ބޮޑުބައެއް އަޑުއިވިފައި ކަމެވެ.

"ސްކާލެޓް!... ޓެލް މީ އެވްރިތިންގް" ނިމްރާގެ ފަރާތުން ފެންނަމުންދިޔަ ޖެހިލުންވުން އަރްސަލްއަށް ފާހަގަވިއެވެ.

"ހުރިހާކަމެއް އެނގެން ބޭނުން" ދެވަނަ ފަހަރަށް އަރްސަލް ވާހަކަދެއްކީ ނިމްރާ އަނގައިން ނުބުނުމުންނެވެ. އޭނާ އެނދުގެ މެދުގައި ކަހަލަ ގޮތަކަށް އިން ނިމްރާގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ. އެއްފައި އެނދުމައްޗަށް އަރުވާލަމުން ނިމްރާއާ ކުރިމަތިވާނޭހެން އަރްސަލް އެނބުރިލިއެވެ. ނިމްރާގެ ދަތްދޮޅީގައި އަރްސަލް ހިފަހައްޓާލައިގެން އިނދެ އެ ދެ ލޮލަށް ބަލަމުންދިޔައެވެ.

"މިޢުވާނު! އޭނާއަށް ކިޔަނީ މިޢުވާނު، ބާބެކިއު ހެދި ދުވަހު ފެނުނީ ވެސް އޭނާ، އަހަރެން ހަމައެކަނި ރައްޓެހިވި މީހަކީ އެއީ. ލޯބިވެގެން ގުޅުނީ... އެންއާރްއަކީ އަހަރެންގެ ކާފަގެ ބިޒްނަސް، ގެސްޓްހައުސް ބިޒްނަސްއެއް... ހަތަރު ގެސްޓްހައުސް ހުރި، އެއްތަން ހުރީ ހުޅުމާލޭގައި، އެއީ ކާފަގެ ބުރަމަސައްކަތް، އަހަރެން މީހަކަށް ހެދީ ކާފައާއިމާމަ، އެންއާރްއަކީ ނަފީޒާއި ރައްޒިއްޔާގެ މިލްކެއް، އެ އަކުރުތައް ރަމްޒުކޮށްދެނީ ވެސް އެމީހުން، ކާފައާއި މާމަގެ ހުރިހާ އެއްޗަކީ އެ ކުފުންނާއި ރަންދޯދިގެ، ކާފަ ވިޔަފާރި ފުޅާ ކުރީ ގެ ބެންކަށްލާފައި، މިޢުވާނަކީ ހަރުދަނާ ޒުވާނެއްނޫންވީމަ އެކަމާ ކާފައާއި މާމަ ތިބީ ހިތްހަމަނުޖެހިފައި، މިޢުވާނު ވަޒީފާއެއް އަދާކުރަން ފެށީމަ އޭނާއާ މެދު އެ މީހުން ދެކޭގޮތް ބަދަލުވާނޭ ހީކޮށް ކާފަގާތު އާދޭސްކޮށްގެން ވިޔަފާރީގައި މިޢުވާނު ބައިވެރިކުރީ، ކާފަ ނިޔާވިއިރު މުޅި ކުންފުނި އޮތީ މިޢުވާނުގެ ނަންމައްޗަށް ބަދަލުކޮށްފައި، ހުރިހާ ލިޔެކިޔުމަކުން ފެންނަން ހުރީ ކާފަ އޭނާއަށް އެ ވިޔަފާރި ދިނީކަމުގައި، އޭނާއަށް ނުގެންދެވުނީ މި ގެ، ބޭންކަށް ދައްކަން ޖެހޭ ބޮޑު އަދަދުގެ ސަބަބުން އޭނާއަށް ގެ ނުހޯދުނީ، އެކްސިޑެންޓް ހިނގީ އޭނާ ބައްދަލުނުކުރަން އުޅޭތީވެ އޭނާ ހުރިތަނެއް ހޯދައިގެން ހުޅުމާލެއަށް އައި ރޭ، އެރޭ އޭނާ ޔަގީންކޮށްދިނީ އަހަންނަކީ މުހިންމުމީހެއްނޫންކަން، އަހަންނާއި މާމަ ބިކަވެގެންދާނޭކަން އޭނާއަށް އެނގޭ، ދުވަސްކޮޅަކަށް އުޅެވޭވަރަށް ފައިސާކޮޅެއް ދީފާނަންކަމުގައި ބުނި، އަދި ކާފަގެ ކުންފުނި ބޭނުންނަމަ ކޯޓަށް ދަޢުވާ ހުށަހެޅުމަށްބުނީ، ހުރިހާ ކަމެއްވީ އަހަރެންގެ ސަބަބުން، އޭނާ ބުނިހެން އަހަރެން ގަމާރީ، ފިރިހެނުން ބުނާފަދަ އީޒީ އަންހެންކުއްޖަކީ، އެ ހުރިހާކަމަކަށްފަހު މާމައާ ކުރިމަތިލާނީ ކިހިނެއް، މުސްކުޅިވި ދުވަހު ހުރިހާ އެއްޗެއް ގެއްލުނީ، ގެއަށް ގޮސް މާމައަށް އެ ޚަބަރުދޭނޭ ގޮތެއް ނޭނގިގެން އަހަރެން ދުއްވަނިކޮށް ވާރޭ ވެހެން ފެށީ، ސައިކަލު ބާރުކޮށްލީ ފެރީޓާމިނަލް ފެންނަން ހުރީމަ، އަހަންނަށް ސައިކަލުކުރިމަތިން ދުވެފައި އައި އަންހެންކުއްޖާ ފެނުމުން ބުރެކި ޖައްސަން އުޅެއުޅެ އެކަމެއްނުވި، ނައްޓާލަން އުޅުމުން ވެސް އެކަންނުވީ، އޭރު މާ ލަސްވެއްޖެ، އެކުއްޖާ ވެއްޓުނުއިރު ސައިކަލާއެކު ކަހާލައިގެން އަހަރެން މާ ދުރަށް ދިޔައީ" އެއްއަތުން އަނެއްއަތުގައި ނިމްރާ ބާރަށް ހިފަހައްޓާލިއެވެ. އަރްސަލްއަށް ދަތްކުނޑިވިކާލެވުމާއެކު ދެއަތްތިލަ މުއްކަވާލެވުނެވެ.

"ޔޫ އާ ކަމިން ވިތް މީ، އަހަރެން މިއުޅެނީ ބައްޕަމެންގެއަށް ބަދަލުވާންވެގެން، އެއްޗެހި ޕެކްކުރަންވެފަ ހުރީ" ފިނިނޭވާއެއް ދޫކޮށްލުމާއެކު އަރްސަލް އެނދުންތެދުވެ ބުނެލިއެވެ. ހީވީ އިރުކޮޅެއްކުރީން ހުރި ޠަބީޢަތް މުޅިން ބަދަލުވީހެނެވެ. ހަޤީޤަތުގައި އޭނާ ބިލާލުމެންގެއަށް އެހާ އަވަހަށް ބަދަލުވާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ނިމްރާގެ ޚިޔާލުތައް އެހެން ދިމާއަކަށް އަނބުރާލުމަށް ޓަކައި ވަގުތުން އެ ނިންމުން ނިންމީއެވެ.

"ތައްޔާރުވޭ، އަހަންނާއެކު ގެއަށްދާން" އަރްސަލް ބުނެލިއެވެ. ނިމްރާ އިނީ ވާނުވާ ނޭނގިފައި އިން މީހަކު ފަދައިންނެވެ. އޭނާ އެ ހުރިހާ ވާހަކައެއް ކިޔައިދިނުމުން އަރްސަލްގެ ފަރާތުން ފެނުނީ ހީކުރި ފަދަ އަސަރެއްނޫނެވެ. ހަރަކާތެއްކުރަން ނޭނގިފައި އިން ނިމްރާގެ ދެއަތުގައި އަރްސަލް ހިފާލުމާއެކު އޭނާ އެނދުން ބޭލުވިއެވެ. ގެނެސް މޭގައި ފޮރުވާލުމާއެކު ބާރަށް ނިމްރާގެ ގައިގާ އަރްސަލް ބައްދާލިއެވެ. ނިމްރާގެ ކޯތާފަތުގެ ދެފަރާތުން ހިފަހައްޓާލުމާއެކު އެ ތުންފަތުގައި އަރްސަލް ބޮސްދިނެވެ.

"ޔޫ އާ މައިން، ސްކާލެޓްއަށް ހުއްދައެއްނެތް އެހެން އެއްވެސް ފިރިހެނަކާ ގާތްވުމުގެ، އެކަން ހަނދާންކުރައްޗޭ" ނިމްރާއާ ހަތަރު ހަމަކޮށްލުމަށްފަހު އަރްސަލް ބުނެލިއެވެ. ނިމްރާ ބޯޖަހާލިއެވެ.

"ނައު ގޯ، ގެޓް ރެޑީ، އަހަރެން ތިރީގަ މަޑުކުރާނަން، ނޫނީ ހެދުންލާން ހެލްޕެއް ބޭނުމިއްޔާ މަޑުކޮށްފާނަން" އަރްސަލް ސަމާސާކޮށްލިއެވެ. ނިމްރާގެ ތުންފަތަށް ހިނިތުންވުމެއްވެރިތަން ފެނުމުން އަރްސަލް ހިތްހަމަޖެހުނެވެ.

"ޔޫ އާ ވަންހަންޑްރެޑް ޕަސަންޓް އަ ޕާވާޓް، އޯލްޑް ފުރޭތަ" ހިނިއައިސްފައި ހުރެ ނިމްރާ ބުނެލިއެވެ. އަރްސަލް ހީނލާފައި ކޮޓަރިން ނުކުތެވެ.

ސިޓިންރޫމު ސޯފާގައި އިން އަރްސަލްގެ ދެބުމަ ކައިރިވެ ނިތަށް ރޫޖެހިފައިވިއެވެ. އޭނާގެ ސިކުނޑީގައިވީ ނިމްރާ ކިޔައިދިން ވާހަކަތަކެވެ. މިޢުވާނުދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. ނިމްރާގެ ކުށެއްނެތި އޭނާގެ މައްޗަށް އެ ދަރަޖައަށް މީހަކު އަނިޔާވެރިވެދާނޭ އަރްސަލް ހިޔެއްނުކުރެއެވެ.

"ނިމްރާއަކީ އަހަރެންގެ މިލްކެއް، ހަމައެކަނި އަހަރެންގެ... ކަލެއަކަށް ނުލިބޭނެ، މީގެ ފަހުން އޭނާއާ ގާތްވާން ވެސް ހިތަށް ނާރުވާތި" އަރްސަލްއަށް ހިތާހިތުން ބުނެލެވުނެވެ.

ނިމްރާ ސިޓިންރޫމަށް އައުމާއެކު އަރްސަލް ވަގުތުން އޭނާގެ މޫނުގައިވީ އަސަރު ބަދަލުކޮށްލައިފިއެވެ. ހިނިތުންވެލަމުން ނިމްރާއަށް އަތްދިއްކޮށްލިއެވެ. އެ އަތުގައި ނިމްރާ ހިފުމުން އޭނާ ގޮވައިގެން އެޕާޓްމެންޓުން ނުކުންނަންއައެވެ. (ނުނިމޭ)