ދުނިޔެ

ގަތަރުގެ ހައްގުތަކަށް ޔޫއޭއީ އިން އަރައިގެންފައިވާ ކަމަށް ނިންމައިފި

Jul 24, 2018
1

ހޭގް (ޖުލައި 24) - ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ގަތަރާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގަތަރު ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް އދ. އެންމެ މަތީ ކޯޓުން ނިންމައިފި އެވެ.

ދީނީ ހަރުކަށި ވިސްނުމަށް ހިތްވަރުދޭކަމަށް ބުނެ، ޔޫއޭއީގެ އިތުރުން ސައުދީ، ބަހުރެއިން އަދި މިސުރުން ގަތަރާއި ހާރިޖީ އަދި ދަތުރުފަތުރު ކުރުމުގެ ގުޅުން ކަނޑާލީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

މިކަމާއި ގުޅިގެން ގަތަރުން ދަ ހޭގުގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޔޫއޭއީގައި ދިރިއުޅޭ އެތަކެއް ހާސް ގަތަރު ރައްޔިތުންނާއި އެމީހުންގެ އާއިލާތައް ގައުމުން ބޭރުކޮށް، ވައިގެ މަގުންނާއި ކަނޑު މަގުން އެތެރެނުވެވޭ ގޮތް ހެދުމުގެ ސަބަބުން އެމީހުންގެ ހައްގުތައް ނިގުޅައި ގަނެފައިވާ ކަމަށެވެ. އަދި އެ ނިންމުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ހިލާފަށް ނަސްލީ ތަފާތުކުރުން ކަމުގައި ވެސް އެ މައްސަލާގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ދުނިޔޭގެ ކޯޓުގެ ގޮތުގައި ސިފަކުރާ އައިސީޖޭގެ ނިންމުމުގައި ވަނީ ގަތަރަށް ނިސްބަތްވާ މެންބަރުން ހިމެނޭ އާއިލާތައް އެކުގައި އަލުން ދިރިއުޅުމުގެ ފުރުސަތު ދިނުމަށާއި ގަތަރުގެ ދަރިވަރުން ޔޫއޭއީގައި ކިޔެވުމުގެ ފުރުސަތު ވެސް ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އައިސީޖޭގެ ނިންމުން ގަތަރާ އެއްކޮޅަށް ދިޔައީ އެއް ވޯޓުގެ ތަފާތުންނެވެ. ގަތަރަށް ތާއީދުކޮށް އަށް ފަނޑިޔާރުން ވޯޓު ދިން އިރު ދެކޮޅު ހެދީ ހަތް ފަނޑިޔާރުންނެވެ.

އައިސީޖޭގެ ނިންމުމަށް ގަތަރުން ވަނީ މަރުހަބާ ކިޔާފައިވާއިރު، ޔޫއޭއީ އިން ބުނެފައި ވަނީ ގަތަރުން ހުށަހެޅި މައްސަލަ ބެލުމުގެ ހައިސިއްޔަތު އައިސީޖޭ އަށް ލިބިގެން ނުވާ ކަމަށެވެ.