ހޮލީވުޑް

"ފިފްޓީ ޝޭޑްސް" ގެ އާ ފޮތެއް ނެރެނީ

މަޝްހޫރު އިރޯޓިކް ވާހަކަ ސިލްސިލާ "ފިފްޓީ ޝޭޑްސް އޮފް ގްރޭ" ގެ އާ ފޮތެއް ނެރުމަށް ތައްޔާރުވެފައިވާކަން މި ސިލްސިލާގެ ލިޔުންތެރިޔާ އީއެލް ޖޭމްސް އިއުލާނުކޮށްފި އެވެ.

މިފަހަރުގެ ފޮތުގައި ވާހަކަ ކިޔައި ދޭނީ އެނެސްތޭޝިއާ ސްޓީލީގެ ހިތް ފަތަހަކުރި ބިލިއަނަރު ކްރިސްޓިއަން ގްރޭގެ ޕޮއިންޓް އޮފް ވިއު އިންނެވެ. ޖޭމްސް ބުނެފައި ވަނީ މި ސިލްސިލާގެ އާ ފޮތެއް ލިޔުނީ ކްރިސްޓިއަން ގްރޭގެ ޕޮއިންޓް އޮފް ވިއު އިން ފޮތެއް ގެނެސްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުން ދިއުމާ ގުޅިގެން ކަމަށެވެ.

އާ ފޮތަށް ދީފައިވާ ނަމަކީ "ގްރޭ" އެވެ. މި ފޮތް ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ ޓައިޓްލް ކެރެކްޓާގެ އުފަން ދުވަހާ ދިމާކޮށް، އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ.

"ފިފްޓީ ޝޭޑްސް" ޓްރިލޮޖީ އަކީ އެނެސްތޭޝިއާ އާއި ގްރޭއާ ދެމެދު ހިނގާ ލޯބީގެ ބޮޑު ކުޅިގަނޑެއްގެ ވާހަކަ އެވެ. މި ތިން ފޮތުގެ 125 މިލިއަނަށް ވުރެ ގިނަ ކޮޕީސް ވިކިފައިވެ އެވެ.

ސިލްސިލާގެ އާ ވާހަކައާ ބެހޭ ގޮތުން ޖޭމްސް ބުނެފައި ބަނީ ކޮންމެ ގުޅުމެއްގައި ވެސް ކިޔައިދޭން ޖެހޭ ދެ ވާހަކައެއް އޮންނަ ކަމަށާއި އެގޮތުން މިއީ "ފިފްޓީ ޝޭޑްސް" ގެ ވާހަކައިގައި ކިޔައި ނުދެވި އޮތް ބައި ކަމަށެވެ.

"ފިފްޓީ ޝޭޑްސް" ފޮތުގެ ކާމިޔާބީއާ ގުޅިގެން މި އަހަރު މީގެ އަސްލަށް ފިލްމެއް ވެސް ގެނެސްދީފައިވެ އެވެ. އެ ފިލްމަށް ފަހު އޭގެ ސްކްރީންރައިޓަރުންނާއި ވާހަކަ ލިޔުންތެރިޔާއާ ދެމެދު މައްސަލަ ޖެހިފައިވާއިރު ވާހަކަ ސިލްސިލާގެ އަސްލަށް އުފައްދާ ދެ ވަނަ ފިލްމަށް ސްކްރިޕްޓް ތައްޔާރުކުރުމަށް މިހާރު ހަމަޖެހިފައި ވަނީ އީއެލް ޖޭމްސްގެ ފިރިމީހާ ނިއާލް ލެނަޑް އެވެ.