ހަބަރު

ބަނގުރަލާއި އޫރުމަސް އުފުލާ ކަނޑުއުޅަނދުތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަނީ

ބަނގުރަލާއި އޫރުމަސް އެއްތަނުން އަނެއްތަނަށް އުފުލާ ކަނޑުއުޅަނދުފަހަރުގައި ސެޓްލައިޓް ޓްރެކިން ޑިވައިސްއެއް ހަރުކުރުމަށް ނިންމާފައިވާކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ރާއްޖެއަށް އެތެރެވާ މަސްތުވާތަކެއްޗާ ގުޅޭގޮތުންނާއި އަދި އެކަންކަން ހުއްޓުވުމަށް ކަސްޓަމްސްގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަށް ނޫސްވެރިންނާ ހިއްސާ ކުރުމަށް، ކަސްޓަމްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވީ، ބަނގުރަލާއި އޫރުމަސްފަދަ ތަކެތި ކަނޑުމަގުން އުފުލާ އުޅަނދުފަހަރުގައި ސެޓްލައިޓް މެދުވެރިކޮށް ޓްރެކް ކުރެވޭނެ ކުޑަ ޓްރެކިން ޑިވައިސްއެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޖުނައިދު ވިދާޅުވީ އެ ފަދަ ޑިވައިސްއެއް ހަރުކުރުމުގެ ބޭނުމަކީ އެ ވެސެލްއެއްގެ މޫވްމަންޓް ޓެރެކް ކުރުން ކަމަށާއި، އެ ޑިވައިސް ހަރުކުރުމުން ކަސްޓަމްސްގެ ކޮންޓްރޯލް ރޫމަށް އެ އުޅަނދެއް ދަތުރު ކުރަމުންދާ މިސްރާބު އެނގޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުން އެ އުޅަނދެއް ދާން ޖެހޭ ދިމާނޫން އެހެން ދިމާލަކަށް ދާނަމަ އެނގިގެން ދާނެކަމަށް ޖުނައިދު ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ އެެތެރެކުރާ ބަނގުރާ ހުއްދަ ނޫން އެކި ދިމަދިމާލަށް ދިއުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އައްޑޫއަށްދާއެއްޗެއް މިތާ ކައިރި ރިސޯޓަކަށް ވަންނަންޔާ، ނުވަތަ އެހެން ދިމާލަކަށް ބަނގުރާ ހިފައިގެން ދަންޔާ ކަސްޓަމަށް ބެލޭނެ އޭތި މިހާރު ކޮން ދިމާލަކަށްތޯ މިސްރާބު ޖަހާފަހުރީ. ދެން އެ ބޭފުޅުން ކޯސް ދިނުމަށްފަހު މިތަނުން އޭތި ރެކޯޑްކުރާނެ. ޖީއޯ ފެންސެއް އިންނާނެ. އޭގެން ބޭރުވަންޔާ ކަސްޓަމްސްއަށް އިނގޭނެ. ބަލަން ފަސޭހަވާނެ" ޖުނައިދު ވިދާޅުވިއެވެ.

ޖުނައިދު އިތުރަށް ވިދާޅުވީ، މިއީ މިއަދަކު ފަށައިގެން އުޅޭ ކަމެއް ނޫން ކަމަށާއި، އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޖުނައިދު ވަނީ ވިދާޅުވެފައެވެ.