ނޭޝަަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ކޮންމެ އަހަރަކުން ދެމުން އަންނަ ދިވެހި ފިލްމު އެވޯޑްސްގެ މި އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދީ މަސައްކަތްތައް އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދެމުން އަންނަ އެވޯޑެކެވެ.
މިއީ މި އެވޯޑު ދޭ ނުވަ ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑަށް ކުރިމަތިލެވޭނީ މިދިޔަ އަހަރު (2017) ރިލީޒްކުރި ފިލްމުތަކަށެވެ. މިދިޔަ އަހަރު ދިވެހި ސިނަމާއަށް އައި ފިލްމުތަކަކީ ނަހުލާގެ ފިލްމު "ބޮސް"، ފައްތާހުގެ ފިލްމު "ހައްދު"، ޔޫއްޕެ ޑައިރެކްޓުކުރި "ނޯޓީ 40"، ޑާކްރެއިންގެ "މިއީ ލޯތްބަކީ،"، "މަލިކާ"، "އިލް ނޮއިސް" އަދި "ނޭދެން ވަކިވާކަށް" އެވެ.
މި ހުރިހާ ފިލްމުތަކެއް ބައިވެރިވެއްޖަނަމަ މިއަހަރުގެ ދިވެހި ފިލްމު އެވޯޑު ވަރަށް ވާދަވެރިވާނެ އެވެ. މި ފިލްމުތައް ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދާފަ އެވެ.
އެވޯޑަށް ކުރިމަތިލެވޭނެ އުސޫލު އެންސީއޭއިން ވަނީ އާންމުކޮށްފަ އެވެ. އެވޯޑުގައި ބައިވެރިވުމަށް އެދޭ ފިލްމުތަކަށް މި އަންނަ މަހު 30 އާއި ހަމައަށް ފޯމު ލުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަންނަ ޑިސެމްބަރުގައި އެވޯޑު ހަފްލާ ބާއްވަން ނިންމި ނަމަވެސް ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ އަހަރު ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑުގައި އެންމެ މޮޅު ފިލްމަކަށް ހޮވުނީ ޑާކްރެއިންގެ ރޮމޭންޓިކް ކޮމެޑީ ފިލްމު "ވަށޭ މަށާ އެކީ" އެވެ. އެންމެ މޮޅު ކުރު ފިލްމުގެ އެވޯޑު ގެންދިޔައީވެސް ޑާކްރެއިންނެވެ. އެއީ ފިލްމު "ވޫޑޫ" އިންނެވެ. މިދިޔަ އަހަރު އެންމެ ގިނަ އެވޯޑުތައް އުފުލާލީ އެ ޕްރޮޑަކްޝަނުންނެވެ.