ގައުމީ ފިލްމް އެވޯޑްސް

ލައިފް ޓައިމް އެޗީވްމަންޓް ދަރާ ރަޝީދަށް

ނުވަވަނަ ފިލްމު އެވޯޑްސްގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް އެކްޓަރު / ޑައިރެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އަށް ޝަރަފުވެރި ކަމާއެކު ދީފި އެވެ.

މިރޭ އޮލިމްޕަހުގައި އޮތް އެވޯޑް ހަފުލާގައި މި އެވޯޑް ދަރާ ރަޝީދަށް ހަވާލު ކޮށްދެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އުމުުރުން 18 އަހަރުގައި ފިލްމީ ދާއިރާއަށް ނުކުތް ދަރާ އެ ދާއިރާއަށް ޚިދުމަތް ކުރާތާ 38 އަހަރު ވަނީ ވެފައެވެ. ދަރާ އެންމެ ފުރަތަމަ ކުޅެފައިވަނީ ޓީވީއެމްގެ އަހަރީ ދުވަހާއި ގުޅިގެން މީގެ 38 އަހަރު ކުރިން އުފެއްދި "ނަތީޖާ" ނަމަކަށް ކިޔާ ފިލްމެކެވެ.

ޓީވީގެ ކެމެރާމަނެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ދަރާއަކީ ކެމެރާމަނެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވީ "އޯކިޑް އޭނާގެ މާ" މި ނަމުގައި އުފެއްދި ފިލްމުންނެވެ. އެ ފިލްމުގައި ހިމެނޭ "އަންގައިދޭށޭ އަދުވީ ރުހިގެން އޭ މަލާ" މި ލަވައަކީ އަދިވެސް މަގުބޫލު ލަވައެކެވެ.

މިހާތަނަށް ދަރާ ވަނީ 32 ފީޗާ ފިލްމާ، ގިނަ ވީޑިއޯ ލަވަތަކެއްގައި ވެސް މަސައްކަތް ކޮށްފަ އެވެ. ދަރާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ސަޒާ އާއި ކަނޑުރޯދި، އޯކިޑް އޭނާގެ މާ، އިޚްތިޔާރު، ޔޫސުފް އެންޑް ޒައިނަބާއި ފިދާ، އިތުބާރު، ޗުއްޓީ، ލޭކަރުނަ ހިމެނެ އެވެ.

ފިލްމީ ދާއިރާގެ ކާމިޔާބީތައް

  • 1996 ވަަނަ އަހަރު ބެސްޓް ކެމެރާމަން އެވޯޑް -- ފިލްމް ހަގުއަނބި
  • ބެސްޓް ކެމެރާމަން އެވޯޑް -- ގްލޯބަލް ޓީވީ ޗެނަލްއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ ފިލްމް
  • ގައުމީ އިނާމް -- 2005
  • ޚިދުމަތުގެ އަގުވަޒަންކޮށް ފިލްމު އެސޯސިއޭޝަނުން ދިން އެވޯޑް -- 2015

ތައުލީމީ ކާމިޔާބީތައް

  • މާސްޓާސް ޑިޕްލޮމާއިން ވިޝުއަލް ކޮމިއުނިކޭޝަން
  • ޑިޕްލޮމާއިން އެކްޓިން އެންޑް ޕްރެޒެންޓޭޝަން
  • ޑިޕްލޮމާއިން ކެމެރާ އެންޑް ލައިޓިން ޓެކްނިކްސް
  • ޑިޕްލޮމާއިން އެޑިޓިން އެންޑް ސައުންޑް ރެކޯޑިން
  • ޑިޕްލޮމާއިން ފިލްމް ޑައިރެކްޓިން
  • ޑިޕްލޮމާއިން މޯޝަން ޕިކްޗަރު ފޮޓޯގްރަފީ

ދަރާ މިހާރުވެސް ގެންދަނީ "ދަރާ ޕްރޮޑަކްޝަން" ގެ ނަމުގައި ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދާ ތިން ފީޗާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އަދި އިންޑިއާގެ ކުންފުންޏަކަށް ވެސް ފިލްމެއް ޑައިރެކްޓް ކޮށްދެ އެވެ. މީގެ އިތުރުން 10 ލަވައިގެ މައްޗަށް ހިމެނޭ ވީޑިއޯ ލަވަ ސީޑީއެއްގެ މަސައްކަތް ވެސް ކުރެ އެވެ.