ގައުމީ ފިލްމް އެވޯޑްސް

އެންމެ ގިނަ އެވޯޑް ޔޫއްޕެއަށް

މި ފަހަރުގެ ފިލްމު އެވޯޑްސްގައި އެންމެ ގިނަ އެވޯޑް ގެންދިޔަ ތަރިއަކަށް ޔޫސުފް ޝަފީއު އަލީ (ޔޫއްޕެ) ހޮވިއްޖެ އެވެ.

މިރޭ އޮލިންޕަހުގައި އޮތް ފިލްމު އެވޯޑް ހަފްލާގައި ޔޫއްޕެ ވަނީ ހަތަރު އެވޯޑެއް އުފުލާފައެވެ. އެއީ އެންމެ މޮޅު ޑައިރެކްޓަރު، އެންމެ އެންމެ އެކްޓަރު، އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު އެޑިޓިންގެ އެވޯޑެވެ.

މި ހުރިހާ އެ ވޯޑެއް ވެސް ޔޫއްޕެ އުފުލާލީ މިދިޔަ އަހަރު އޭނާ ސްކްރީނަށް ގެނައި "ދެވަންސޫރަ" އިންނެވެ.

"ދެވަންސޫރަ" އަކީ ނަފްސާނީ މައްސަލަތަކަކާއި މަރުގެ މައްސަލަތަކެއް ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.

ނުވަ ވަނަ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ ގިނަ އެވޯޑް ގެންދިޔަ ތަރިއަކަށް ޔޫއްޕެ ވެފައިވާއިރު މިފަހުން ފިލްމީ ދާއިރާއަށް ނިކުތް އެންމެ ކާމިޔާ ފިލްމީ ތަރިއަކީ ޔޫއްޕެ އެވެ. އެންމެ މޮޅު އެކްޓަރުގެ ގައުމީ ފިލްމް އެވޯޑްސް އެންމެ ގިނަ ފަހަރަށް ލިބިފައިވާ ތަރިއަކީ ވެސް ޔޫއްޕެ އެވެ. އޭނާއަށް ވަނީ ހަތަރުވަނަ ގައުމީ ފިލްމް އެވޯޑްގައި "ވެހޭވާރޭތެރޭ" ގައި އަދާކުރި ރޯލަށް އެވޯޑްސް ލިބިފަ އެވެ. އެއަށްފަހު "ވާ ލޯބި އެނގޭނަމަ" ގައި ދެއްކި ރޯލަށް ގައުމީ ފިލްމް އެވޯޑް ލިބިފައިވާއިރު "ހެޕީބާތްޑޭ" ގައި ޔޫއްޕެ ދެއްކި މޮޅު އެކްޓިންއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވަނީ ލިބިފަ އެވެ.

ޔޫއްޕެ މިހާތަނަށް 88 ފިލްމު ކުޅެފައިވާއިރު، 800 އެއްހާ ލަވަ ކުޅެފައިވެއެވެ. އަދި 38 ޑައިރެކްޝަން ހަދާފައިވާއިރު އޭގެ ތެރެއިން 36 ޑައިރެކްޝަނަކީ ޔޫއްޕެގެ އަމިއްލަ ފިލްމުތަކެވެ. މިހާތަނަށް 36 ސްކްރީންޕްލޭ ވެސް އޭނާ ވަނީ ލިޔެފައެވެ.