އައިޝަތު ރިޝްމީ

ރިޝްމީގެ "ވިޝް ލިސްޓު" ފުރިހަމަ ކޮށްފި!

ދިވެހި ސިނަމާގެ ރިޝްމީ ރަމީޒަށް ރެއަކީ ބޮޑު ރެއެކެވެ. ރިޝްމީ އާއި ރަވީ އުފެއްދި ފިލްމު ވިޝްކާ އޮތީ ގިނަ ކެޓަގަރީތަކުން ނޮމިނޭޓްވެފަ އެވެ. ފަހަރަކު އެވޯޑެއް އިއުލާން ކުރަމުން ގޮސް ތިން ގަޑިއިރުގެ ދިގު ހަފުލާ ނިންމާލި އިރު ހަތް އެވޯޑެއް އެ ފިލްމުން ގެންދިޔަ އެވެ.

ރިޝްމީއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ކާމިޔާބުކޮށް އޭނާގެ "ވިޝް ލިސްޓު" އެންމެ ފަހުން ކާމިޔާބު ކުރީ އެވެ. އަދި މި އުފާވެރިކަން ދެގުނަ ކޮށްދިނީ މިރެއަކީ އޭނާގެ އުފަންދުވަހަށް ވުމުންނެވެ.

ރިޝްމީގެ 34 ވަނަ އުފަންދުވަސްވީ ކޮންމެހެންވެސް ފާހަގަކުރަންޖެހޭ އުފާވެރި ދުވަހަކަށެވެ. ރޭގެ ހަފުލާގައި ވިޝްކާއަށް އެވޯޑެއް ލިބުނު ކޮންމެ ފަހަރަކު އެ ފިލްމުގެ ޕްރޮޑަކްޝަންގައި އިސްކޮށް އުޅުނު ރިޝްމީއަށް ތަހުނިޔާ ކިޔެވެ. އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ގޮސް އެންމެ ފަހުން އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑުގެ ތަހުނިޔާ ވެސް ހުރިހާ ތަރިން ކިޔެވެ. މި އެވޯޑު ރިޝްމީ ހޯދީ ނިއުމާ މުހައްމަދުގެ އަތުންނެވެ.

އެވޯޑު ލިބުމާއެކު ފިލްމީ ދާއިރާއިން ކުރިއަށްދާން ފުރުސަތު ފަހިކޮށްދިން ކަމަށްޓަކައި ރިޝްމީވަނީ އޭނާގެ މަންމަ އާއި ބައްޕައަށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި މުޅި ފިލްމުގެ ކްރޫއަށް ޝުކުރު އަދާކޮށް އެންމެ ހާއްސަ ޝުކުރު އޮތީ ފިރިމީހާ ރަވީ އަށެވެ.

ފިލްމުގައި ފެނުނު "ވިޝްކާ" ގެ ކެރެކްޓާ ލިޔެދިން އަބްދުﷲ ވިޝާމްގެ ނަން ފާހަގަކުރި އެވެ. އެވޯޑު ލިބުނީ އޭނާ އުފެއްދި އެ ކެރެކްޓާގެ ސަބަބުން ކަމަށް ރިޝްމީ ފާހަގަކުރި އެވެ.

އަދި އޭނާގެ "ވިޝް ލިސްޓު" ގައި ހުރި ހުރިހާ އެއްޗެއް މިހާރު ފުރިހަމަވީ ކަމަށް ބުންޏެވެ. މި އެވޯޑު އޭނާ ހާސިލް ކުރީ އޭނާގެ އެއްބަނޑު ކުޑަކޮއްކޮ މަރިޔަމް އައްޒަ އާއި މަރިޔަމް މަޖުދާގެ އިތުރުން ނުޒުހަތު ޝުއައިބު އާ ވާދަކޮށެވެ. އައްޒަ ދެ ފިލްމަކުން ރިޝްމީ އާ ވާދަ ކުރި އެވެ. ކޮއްކޮ ބަލިކޮށް އެވޯޑު ގެންދިޔަ އިރުވެސް ދެބެންގެ ކިބައިން ރުޅިވެރިކަމެއް ނުފެނެ އެވެ. އެވޯޑު ބަލާ ސްޓޭޖަށް ދިޔައިރު އައްޒަ ވަނީ ރިޝްމީ އަށް ޝުކުރު އަދާކޮށްފަ އެވެ.

"ވިޝްކާ" ފިލްމުން ސާކް ފިލްމް އެވޯޑްސް 2017 ގައި އެންމެ މޮޅު ބަތަލާގެ އެވޯޑުވެސް ލިބުނެވެ. އަދި ސާކުގައި ރިޝްމީ ހޯދި މި ކާމިޔާބީ އަގުވަޒަންކޮށް 2017 ގައި ބޭއްވި ދިވެހި ފިލްމު އެވޯޑުގައި ވެސް ހަނދާނީ ފިލައެއް ދިނެވެ.