ސާފް ސުޒުކީ ކަޕް

ސާފް ސުޒުކީކަޕު: "ބަންގާޅު ޓީމުގައި ބުންވަރެއް ނެތް"

އަމިއްލަ ގައުމުގައި ސެޕްޓެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވަމުންދާ ބަންގުލަދޭޝްގެ ޓީމަށް ކުރިމަތި ވެފައިވާ ފިޓްނަސް މައްސަލައާ މެދު ޓީމުގެ ކޯޗް އިންގްލެންޑްގެ ޖެމީ ޑޭ ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ބަންގުލަދޭޝްގެ ޓީމު ވަނީ ގަތަރުގައި ޓްރެއިނިންއަށް ކޭމްޕް ކޮށްފަ އެވެ. އޭޝިއަން ގޭމްސް އާއި ސާފް ޗެމްޕިއަންޝިޕަށް އެއްކޮށް ތައްޔާރު ވަމުން އަންނަ ސްކޮޑުން ވަނީ ދެ ހަފުތާ ކުރިން ޓްރެއިނިންތައް ފަށާފަ އެވެ. ޖެމީ ޑޭ، ވަނީ ސާފް ޗެމްޕިއަންޝިޕަށާއި އޭޝިއަން ގޭމްސްއަށް ތައްޔާރު ވުމަށް އޭނާ އެކު މަސައްކަތް ކުރުމަށް ސްވިޑެންގެ ދެ އެސިސްޓެންޓް ކޯޗުންނާއި ފިޓްނަސް ޓްރެއިނަރެއް ގެނެސްފަ އެވެ.

ގަތަރުގައި ހުރެ ބަންގުލަދޭޝް މީޑިއާތަކާ ވާހަކަ ދައްކަމުން ޖެމީ ޑޭ ބުނީ، ފިޓްނަސް މައްސަލަ ފިޔަވައި ދެން ހުރި ކަންކަން ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ. ޓީމުގެ ފިޓްނަސް ޓްރެއިނާ ލިންޑްސޭ ޑޭވިސް ބުނީ ފިޒިކަލީ ރަނގަޅަށް ފިޓް ކުރުމަށްޓަކައި ރަނގަޅު ޑައިޓަކަށް ކުޅުންތެރިން ހޭނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބައެއް ކުޅުންތެރިންގެ ފިޓްނަސް އިތުރު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަޖެހޭ، ނަމަވެސް އެހުރިހާ ކަމަކަށް ވުރެ އަހަރެން ބުނާނީ އެންމެ ބޮޑު މައްސަލައަކީ ފިޒިކަލީ ވަރުގަދަ ނުވުން، އެއީ ކަންނޭންގެ އެންމެ ބޮޑަށް މަދުވާ ކަމަކީ، ނަމަވެސް އަހަރެމެންނަށް އެކަންވެސް އިމްޕްރޫވް ކުރެވޭނެ، ވަގުތުތަކެއް ނަގާނެ،" ޑޭވިސް ވާހަކަ ދެއްކި އެވެ.

"އަހަރެން މި މަސައްކަތް ކުރަނީ ފުޓްބޯޅައިގެ ޑައިޓް ބަދަލު ކުރެވޭތޯ، ނަމަވެސް އެއީ މިތަނުގައި ކުރަން އުނދަގޫ ކަމެއް، ކުޅުންތެރިން ރަނގަޅު ޑައިޓަކަށް ހޭނުވުމަށް އަހަރެން ވަރަށް ބާރު އަޅަން، ސަބަބަކީ ކުޅުންތެރިން ފިޒިކަލީ ވަރުގަދަ ބަޔަކަށް ހެދުމަށް ޑައިޓް ވަރަށް މުހިންމު."

ޖެމީ ޑޭ ބުނީ ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުޅުންތެރިން ކުރާ މަސައްކަތް ދަނޑުގައި ދައްކާނަމަ، ބަންގުލަދޭޝް ޓީމަށް ސަޕޯޓަރުން ހިތް ހަމަޖެހޭ ފަދަ ނަތީޖާއެއް ނެރެވޭނެ ކަމަށް ޖެމީ ޑޭ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބަންގުލަދޭޝްއާއެކު ގުރޫޕް އޭ ގައި ހިމެނެނީ ނޭޕާލް، ބޫޓާން އަދި ޕާކިސްތާނެވެ. ސާފް ޗެމްޕިއަންޗިޕް ފަށާނީ ސެޕްޓެމްބަރު މަހު ހަތަރު ވަނަ ދުވަހު އެވެ.