ހަބަރު

ތިމާވެއްޓާ ބެހޭ ދެ މުއާހަދާއެއްގައި ރާއްޖެ ބައިވެރިވާން ނިންމައިފި

Jul 24, 2018

މޫސުމަށް އަންނަ ބަދަލު ކުޑަކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ ބައިނަލް އަގްވާމީ ދެ މުއާހަދާއެއްގައި ރާއްޖެ ބައިވެރިކުރަން ސަރުކާރުން ނިންމައިފި އެވެ.

ރާއްޖެއިން މިއަދު ބައިވެރިވާޏް ނިންމާފައިވަނީ، "ފްރޭމްވޯކް އެގްރީމެންޓް އޮފް ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް" (އައިއެސްއޭ) އާއި ދިރޭތަކެތީގެ ނަސްލު ހިމާޔާތްކުރުމާއި، ދެމެހެއްޓެނިވިގޮތެއްގައި ދިރޭތަކެތީގެ ބައިތަކުގެ ބޭނުން ހިފައި، ޖެނެޓިކްސް ރިސޯސަސް އިންސާފުވެރި ގޮތެއްގައި ބޭނުންކުރުމާއި ބެހޭގޮތުން އެކުލަވާލާފައިވާ ނަގޯޔާ ޕްރޮޓޮްކޯލްގައި ބައިވެރިވުމަށެވެ. ސަރުކާރުން މިގޮތަށް ނިންމާފައިވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަމަންޓް މިނިސްޓްރީ ހުށަހެޅި ދެ ކަރުދާހާ ބެހޭގޮތުން މަޝްވާރާކުރުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން މިއަދު ބުނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ދެ އެއްބަސްވުމުގައި ގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި ދެ މުއާހަދާގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖްރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

ރާއްޖެއަކީ މިހާރުވެސް ތިމާވެއްޓާ ގުޅޭ ގިނަ ކަންތައްތަކެއްގައި ބައިނަލް އަގުވާމީ އެކި މަޖިލިސްތަކުގައި އަޑު އުފުލާ ގައުމެކެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދަށުން އެއޯސިސްގެ ޗެއާކަން ވެސް ރާއްޖެ ވަނީ ހޯދާފަ އެވެ.