ހަބަރު

36 ކަމަކާއެކު އަދާލަތުގެ މެނިފެސްޓޯ ހާމަކޮށްފި

އަދާލަތު ޕާޓީން 36 ސިޔާސަތެއް ހިމަނައި އެބޭފުޅުންގެ މެނިފެސްޓޯ މިއަދު ހާމަކޮށްފި އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރު ވިދާޅުވީ، މި ވެރިކަން ބަދަލު ކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނުން ވަނީި އެއްބަސްވެވޭ ކެނޑިޑޭޓަކާއި ރަނިންމޭޓެއް ދައްކާފައި ކަމަށާއި މިހާރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން އޮތް މަސައްކަތަކީ އެއްބަސްވެވޭ މެނިފެސްޓޯއެއް އެކުލަވާލައި ރައްޔިތުންނާއ ހަމައަށް ގެނެސްދިނުން
ކަމަށެވެ.

މެނިފެސްޓޯގައި ހުރި ކަންކަން ހާމަކުރައްވައި ނަޒީރު ވިދާޅުވީ، އަދާލަތު ޕާޓީން ހުށަހަޅާ 36 ސިޔާސަތު އެކުލެވިގެންވަނީ ތިން ކަމެއްގެ މައްޗަށް ކަމަށާއި އެއީ ދިވެހީންގެ ދީނާއި ހެޔޮވެރިކަމާއި ފުދުންތެރި ދިރިއުޅުމުގެ މައްޗަށް ކަމަށެވެ.

އެގޮތުން ދިވެހީންގެ ދީން ސެގްމެންޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދިނުމަށާއި އިސްލާމްދީނުގެ އަގީދާ ދެމެހެއްޓުމާއި ދީނީ ތައުލީމު ފުޅާކުރުމަށް މަސައްކަތް ކުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ޝަހުސިއްޔަތު ރާއްޖޭގައި ވަރުގަދަ ކުރުން ހިމެނެ އެވެ. އަދި ޒަކާތު ފަންޑެއް ގާއިމް ކުރުމަށާއި ވަގުފް ފަންޑެއް ގާއިމް ކުރުމާއި އިސްލާމީ ތަރަހައިގެ ތެރޭގައި އެންމެހާ ކަންކަން ގާއިމް ކުރުމަށް ބާރު އެޅުން ހިމެނެ އެވެ.

މީގެ އިތުރުން އިސްލާމިކް ރިސާޗް ސެންޓަރެއް ގާއިމް ކުރުމަށާއި މިނިވަން މުސްތަގިއްލު ފިގުހު އެކަޑަމީއެއް ގާއިމް ކުރުންވެސް ހިމެނެ އެވެ.

ހެޔޮވެރިކަމެއްގެ ދަށުން ހިމެނޭ މައިގަނޑު ކަންކަމަކީ، ރައްޔިތުންގެ މިނިވަންކަމާއި އަދުލު އިންސާފު ގާއިމް ކުރުމާއި މަދަނީ ސިޔާސީ އަދި އިގްތިސޯދީ ހައްގުތައް ހިމާޔަތް ކުރުމާއި ދިވެހި ބަހާއި އާދަކާދަޔާއި އާސާރީތަންތަން ހިމާޔަތް ކުރުމާއި ދިވެހި ބިންތައް ދިވެހީންގެ އެއްޗެއްގެ ގޮތުގައި ދެމިގެންދާނެކަން ކަށަވަރު ކޮށްދިނުން ހިމެނެ އެވެ. އަދި އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމާއި ދީނީ ވިސްނުމުގެ ސަބަބުން މީހާގެ ޖިންސްގެ ތަފާތު ކުރުން ނައްތާލުން ހިމެނެ އެވެ.

މީގެ އިތުރުން މައިމީހާއާ ދަރިފުޅަށް ހެޔޮ ސިއްހަތަކަށް ބާރު އެޅުމާއި އޭގެ ދަށުން ބަލިވެ އިނީއްސުރެ ކުއްޖާގެ އުމުރުން ދެ އަހަރު ދުވަސް ވަންދެން ދައުލަތުން އެލަވެންސެއް ދިނުމާއި މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެހެން ރަށްރަށަށްވެސް ހަމަހަމަ ކަމާއެކު ފުރިހަމަ ސިއްހީ ނިޒާމެއް ފޯރުކޮށްދިނުމާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމާއި ފަރަގު ނައްތާލުން ހިމެނެ އެވެ. އަދި މީޑިއާތަކަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމާއި ޖަލުތަކުުގެ ފެންވަރު ރަނގަޅުކޮށް ގައިދީންނަށް މިހާރަށްވުރެ ރަނގަޅު ހިދުމަތްތަކެއް ދިނުން ހިމެނެ އެވެ.

ފުދުންތެރި ދިރިއުޅުމުގެ ދަށުން އަދާލަތުން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، އިސްލާމިކް ފައިނޭންސް ގާއިމްކޮށް އިސްލާމީ ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ ހެދުމާއި ރަނގަޅު ބޯފެނުގެ ނިޒާމެއް ރަށްރަށުގައި ގާއިމް ކުރުމާއި އެންމެ ދަށް މުސާރައެއް ކަނޑައެޅުމާއި ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު އިތުރަށް ފަހި ކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން ޓްރާންސް ޝިޕްމެންޓް ބަނދަރެއް ގާއިމް ކުރުމަށާއި އޮންލައިން ވިޔަފާރިތަކަށް ފުރުސަތު ފަހި ކުރުމާއި އިންޓަނެޓްގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުން ހިމެނެ އެވެ. އަދި މަސައްކަތް ތެރިންގެ ޔޫނިއަނެއް ގާއިމް ކުރުމާއި އަބުރުވެރިކަމުގެ ދިރިއުޅުމެއް އުޅެވޭނެ ފަދަ މާހައުލެއް ގާއިމް ކުރުމާއި ދުރުރާސްތާގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން ހިމެނެ އެވެ.

ނަޒީރު ވިދާޅުވީ، މެނިފެސްޓޯގައި އެއްބަސްވެވޭ ކަންކަން އެބަހުރި ކަމަށާއި ހިޔާލް އެއްގޮތް ނުވާ ކަންކަންވެސް އެބަހުރި ކަމަށެވެ. އެކަންކަންވެސް ހައްލު ކުރާނީ ހުރިހާ ޕާޓީތަކުން އެއް މޭޒެއްގެ ދޮށުގައި ތިއްބަވައިގެން ކަމަށް ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ، މިއަދު ހާމަކުރި ސިޔާސަތުތަކާއެކު އެހެން ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށްދާނެ ކަމަށާއި މަޝްވަރާކޮށްގެން އެންމެން އެއްބަސްވެވޭ މެނިފެސްޓޯއެއް ހާމަ ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން ވަރަށް އަވަހަށް ރަސްމީކޮށް ކެމްޕެއިން ފަށާނެ ކަމަށާއި ކެމްޕެއިން ކުރިއަށް ގެންދާއިރު ރައްޔިތުންނާއި ހަމައަށްދާނީ އިދިކޮޅު ޕާޓީތަކުން އެއްބަސްވެވޭ މެނިފެސްޓޯއަކާއެކު
ކަމަށެވެ.