ހަބަރު

އިދިކޮޅު ރަނިންމޭޓްކަން ފައިސަލްއާ ރަސްމީކޮށް ހަވާލުކޮށްފި

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރޭ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމްއަށް ރަނިންމޭޓްކަން ޖުމްހޫރީ ޕާޓީން ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންމޭޓްކަން ފަައިސަލްއާ ރަސްމީކޮށް އެޕާޓީން ހަވާލުކޮށްފައިވަނީ މިއަދު މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރަނިންމޭޓް ކަމުގެ ލިޔުން ފައިސަލްއާ ހަވާލުކޮށްދެއްވީ ޖުމްހޫރީ ޕާޓީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ރަސްމީކޮށް ރަނިންމޭޓްކަމާ ހަވާލުވުމަށްފަހު ފައިސަލް ވިދާޅުވީ، އޭނާ ދެމިހުންނާނީ ކޯލިޝަންގެ މުޅި މަގުސަދާއެކު 23 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން އެދޭ ބަދަލު ގެނައުމަށްޓަކައި ވަރަށް ކެރިގެން ތައްޔާރަށް ކަމަށެވެ.

"މިއަދު ރައްޔިތުން ގަބޫލު ކުރައްވާ އަޅުގަނޑުމެންގެ ހަތަރު ޕާޓީ ގުޅިގެން ވަކިން ހާއްސަކޮށް ހަތަރު ޕާޓީގެ ލީޑަރުން ދެއްކެވިމަގުން މިދަނީ ގައުމަށްޓަކައި ގިނަ އިސްލާހުތަކެއް ހޯދުމުގެ، ގިނަ ކާމިޔާބުތަކެއް ހޯދުމުގެ މަގުގައި،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ފުރުސަތުތަކަކީ މާ ގިނަ ގިނައިން ލިބޭނެ އެއްޗެއް ނޫން ކަމަށާއި ފުރުސަތަކީ މަދުން ލިބޭ އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް ވިސްނުންތެރި މީހުން އަބަދު ވެސް ބަލާނީ ފުރުސަތުގެ ބޭނުން ހިފައި ރައްޔިތުން އެދޭ ބަދަލެއް ގެނައުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރައްޔިތުންގެ ކައިރިން އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުންގެ ހައްގު ގައި އަދި މުޅި ދިވެހި ގައުމުގެ ހައްގު ގައި ވަކިވަކި ފަރުދުންގެ ލެވެލްގަ އާއި މުޅި ޓީމުގެ ލެވެލްގަ އާއި ކޯލިޝަންގެ ލެވެލްގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް މި ކަންތައްތައް ކާމިޔާބު ކުރަން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އިބޫ އަކީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށެވެ. އަދި ޔަގީންކަން ދޭން ބޭނުންވަނީ އެކުގައި ކުރަމުންގެންދާ މަސައްކަތުން ރައްޔިތުން ބޭނުންވާފަދަ ގައުމެއް އަދި ދުވަސްތަކެއް ހޯދައިދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ކިބައިން އެދެނީ މި މަސައްކަތުގައި އެންމެ ތަންފުކެއްވެސް ފަހަތައްނުޖެހި ކުރިއަށް ފިޔަވަޅު އަޅައިގޮސް 23 ސެޕްޓެމްބަރުވާ ދުވަހަކީ އަޅުގަނޑުމެން، މިހާރު މިއޮތް ސަރުކާރު ބަލިކޮށް ދިވެހި ރައްޔިތުންނަށް ދިވެހި ގައުމު ހަވާލުކުރާނެ ދުވަސް ކަމުގައި ހެދުމަށް، އެކަމަށްޓަކައި މިއަދުން ފެށިގެން މިވަގުތުން ފެށިގެން އިތުރު މަސައްކަތްތަކެއް ފައްޓަމާ ހިނގާ،" ފައިސަލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންމޭޓްކަން ފައިސަލް ކާމިޔާބު ކޮށްފައިވަނީ، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނަށްވުރެ އެއް ވޯޓް އިތުރަށް ލިބިގެން ނެވެ. ސިއްރު ވޯޓުން ފައިސަލް ނަސީމަށް ރަނިންމޭޓްކަން ލިިބިވަޑައިގެންނެވީ 15 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.