ހަބަރު

އިސްރާފު ނުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނަން: ފައިސަލް

އިދިކޮޅުގެ ސަރުކާރެއް ގާއިމްވެއްޖެނަމަ ރައްޔިތުންގެ ފައިސާ އިސްރާފުވާ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ކުރާނީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކަމަށް އިިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ބ ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ފައިސަލް ވިދާޅުވީ، އިދިކޮޅު ސަރުކާރު ހިންގުމުގައި އިސްރާފުވާ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި މިއަދުވެސް ފެނިގެން ދަނީ ފަސް މިނެޓްގެ އުފަލަށްޓަކައި އެއް މިލިއަން ޑޮލަރު އިސްރާފު ކުރަމުންދާ މަންޒަރު ކަމަށެވެ. މިއަދު ސަރުކާރުން އިސްރާފު ކުރަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފުއްދައިދިނުމަށް ހޭދަ ކުރެވޭނެ ރުފިޔާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"އެ އެއް މިލިއަން ޑޮލަރު މިރަށު [ހިތާދޫ] ގެ ފަސް ގަނޑަށް ހޭދަ ކުރެވިއްޖެ ކަމަށްވާނަމަ މިއަދުން މިއަދަށް ރައްޔިތުން ބޭނުންވާ އަސާސީ ކަންތައްތައް މިރަށުގައި ފުދިގެންދާނެ، އަޅުގަނޑުމެން ސަރުކާރަކުން ކުރާ ކޮންމެ ކަމެއް ވެގެންދާނީ ރައްޔިތުންނަށް ބޭނުންތެރި ރައްޔިތުން ބަލައިގަންނަ ރައްޔިތުންނަށް ދިގު މުއްދަތަކަށް ކޮލިޓީކޮށް ސްޓޭންޑާޑްކޮށް ހުރެގެން ރައްޔިތުންނަށް އޭގެ ފަސޭހަކަން ލިއްބައިދޭނޭ ކަންކަން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، މިއަދު ގައުމު ވަނީ ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ އަނދިރި ގަނޑެއްގެ ތެރޭގައި ކަމަށާއި ރައްޔިތުންގެ ހިދުމަތުގައި ތިއްބެވި އެތަކެއް ފަރާތެއްވަނީ ހިދުމަތުން އެއްފަރާތްކޮށް ހުދުމުހުތާރު ގޮތެއްގައި ވަރަށް ބޮޑެތި އަނިޔާތަކެއްދީފަ ކަމަށެވެ.

"ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމަށް ކުރިމަތިވަމުންދާ ހިތްދަތިކަމާއި ހިތާމަ. ގާސިމް އިބްރާހީމަށް ދިމާވަމުންދާ ހިތާމަތަކާއި މުޅި އާއިލާއަށް ކުރިމަތި ކުރުވަމުންދާ ހިތްދަތިކަން، މުޅި އުމުރުގައި ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތި ކުރަމުންދާ އުނދަގޫތަކާއި ދުއްތުރާތަށް، ޝެއިހް އިމްރާނަށް ދެމުންދާ އަނިޔާތަކާއި ދުއްތުރާތަށް،" ފައިސަލް ވިދާޅުވި އެވެ.

މިކަންކަމަކީ ދިވެހި ރައްޔިތުން މިއަދު ބަދަލަކަށް އެދިގެންއުޅޭ ސަބަބު ކަމަށާއި ރައްޔިތުން ބަދަލަކަށް އެދޭ ސަބަބަކީ އެތަކެއް އާއިލާތައް ހައްގުނޫން އެތަކެއް އަނިޔާތަކެއްދޭތީ ކަމަށެވެ. އަދި ރައްޔިތުން މިއަދު ބަދަލަކަށް އެދެނީ ދައުލަތުން އެތަކެއް ފައިސާތަކެއް ގެއްލިގެން ގޮސްފައިވާތީ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އިދިކޮޅުގެ އޯގާތެރި ސަރުކާރެއް އަންނަނީ އެންމެ ކަމަކު ކަމަށާއި އެއީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފޯރުކޮށް ދިނުމަށްޓަކައި ކަމަށެވެ. އަދި ރައްޔިތުން ހިނިތުންވުމާއެކު އާއިލާއާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމްކޮށް ދިނުމަށްޓަކައި ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިއިން ކޮންމެ ރަށަކުންވެސް ފެނިގެންދަނީ ސިއްހީ ދާއިރާ މުޅިން ވަޅުޖަހާފައިވާތަން، މުޅިން ފެއިލްވެފައިވާތަން، އަޅުގަނޑުމެން ސަރުކާރެއްގައިި އަޅުގަނޑުމެން އެންމެ އިސްކަމެއްދޭނީ ސިއްހީ ކަންކަމަށް، ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްވުރެ އަޅުގަނޑުމެން ސަރުކާރަށް މުހިންމު އެހެން އެއްވެސް ކަމެއް ނޯންނާނެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، މުޅި ގައުމާއި ރައްޔިތުން މިއަދު މިވަނީ އަނިޔާވެރިކަމާއި ކުރިމަތިލާފައި ކަމަށާއި މިކަންކަމަކީ ހުއްޓުވަން ޖެހޭ ކަންކަން ކަމަށެވެ. އަދި ވިދާޅުވީ، އަނިޔާވެރިކަން ހުއްޓުވުމަކީ މުސްލިމުންނަށްވީތީ ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެކަންކަން ހުއްޓުވާނެ ކަމަށެވެ.

"މިހާރު މިއޮތް ސަރުކާރަށް އެންމެ ފުރުސަތެއްދީފި ނަމަވެސް އަޚުގަނޑުމެން އަތުން ގައުމު ބީވެގެން ދިއުމުގެ ފުރުސަތު އެބައޮތް، އަޅުގަނޑުމެން އަޅުވެތިކަމުގެ ދުވަސްތަކެއް ކުރިމަތި ލުމަކީ އެއީ ހަމަވެދާނެ ކަމެއް، މި ގިނަ ސަބަބުތަކަށްޓަކައި ރައްޔިތުން އެބަޖެހޭ ބޮޑު ތަނުން ނޫނެކޭ ބުނަން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އިދިކޮޅުން އަދިވެސް މަސައްކަތް ކުރަންވީ ވޯޓް އިތުރުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށާއި މިދުވަސްވަރު ދެކެވޭ ވާހަތަކަށް ތިބެންޖެހޭނީ ހޭލާ ސަމާލުވެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތަކަށް ވާންވާނީ އަދިވެސް ވޯޓް އިތުރު ކުރަން، މިހާރު އަޅުގަނޑުމެންނަށް ލިބިފައިވާ 75 ޕަސެންޓް، މުޅި ރާއްޖެއިން ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް ފެންނަމުންދާ 75 ޕަސެންޓަށްވުރެ އިތުރަށް މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ،" ފައިސަލް ވިދާޅުވި އެވެ.