ބޮލީވުޑް

"ބާރަތު"ގެ ރޯލަކަށް ޖެކީއާއި ނޯރާ

ސަލްމާން ޚާންގެ ފިލްމު "ބާރަަތު" ގެ ރޯލެއް ކުޅުމަށް މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްއާއި ނެށުންތެރިޔާ ނޯރާ ފަތެހީއަށް ފުރުސަތު ލިބިއްޖެ އެވެ. މި ފިލްމުގައި ޖެކީ ކުޅޭނީ ސަލްމާންގެ ބައްޕަގެ ރޯލުންކަމަށް ރިޕޯޓުތައް ބުނެ އެވެ. ނޯރާ ކުޅޭ ރޯލާއި ބެހޭ މާ ގިނަ މައުލޫމާތެއް އަދި ހިއްސާކޮށްފައެއް އެވެ.

ބޮލީވުޑް ހަންގާމާއިން ބުނިގޮތުގައި މި ފިލްމުގައި ޖެކީގެ ރޯލު އެހާ ބޮޑެއް ނުވާނެ އެވެ. ނަމަވެސް ޖެކީގެ ރޯލަކީ މި ފިލްމުގައި ސަލްމާންގެ ރޯލަށް ބާރުދޭނެ ރޯލެއްކަމަށް ބުނެފައިވެ އެވެ. އަދި މި ރޯލު ކުޅުމުމަށް ޖެކީ ހަމަޖެއްސީ ސަލްމާން ބޭނުންވެގެން ކަމަށްވެ އެވެ.

މި ފިލްމުގައި ނޯރާވެސް މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް މުމްބައި މިރާއަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފައިވެ އެވެ. ނޯރާ ފެނިގެންދާނީ މި ފިލްމުގެ އައިޓަމް ލަވައަކުން ކަމަށް މީގެކުރިން މީޑިއާގައި ވާހަކަދެކެވުން ނަމަވެސް އައްބާސް ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

"ބާރަތް" އަކީ 2014 ވަނަ އަހަރު ނިކުތް ކޮރެއަން ފިލްމު "އޮޑޭ ޓު މައި ފާދާ" ގެ އަސްލަކަށް ބަލައިގެން އުފައްދާ ރީމޭކް ފިލްމެކެވެ. މި ފިލްމުގައި ސަލްމާން އުމުރުން 19 އަހަރުން ފެށިގެން އުމުރުން 70 އަހަރާ ހަމަ ދައްކުވައިދޭނެ އެވެ. އެގޮތުން އޭނާގެ ތަފާތު ފަސް ސިފައެއް ފިލްމުގައި ފެނިގެންދާނެ އެވެ.

އަންނަ އަހަރުގެ ފިތުރު އިދުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުގައި ޕްރިޔަންކާ ޗޯޕްރާ، ތާބޫ، ދިޝާ ފަޓްނީ، ސުނީލް ގްރޯވާ، އާސިފް ޝެއިޚް، ޝުރާބް ޝުކްލާ، ޝަރަތު ސަކްސޭނާ، ޝަޝަންކު އަރޯރާ އަދި އަނަންތު ވިދާތު ޝަރުމާ ހިމެނެ އެވެ.