ހަބަރު

އީސީ ކައިރީ އެއްވި މެންބަރުންނަށް ފިޔަވަޅު އަަޅަން ނިހާން ގޮވާލައިފި

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލާ އިލެކްޝަން ކޮމިޝަން (އީސީ) ކަައިރިޔަށް އެއްވި މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ގޮވާލައިފި އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އީސީއަށް އެމެންބަރަކު އައްޔަން ކުރުމަށް އިދިކޮޅު މެންބަރުން މަޖިލީހަށް ހާޒިރު ނުވާ ކަމަށާއި ނަމަވެސް އެ ކޮމިޝަނަށް ފާޑު ކިޔުމާއި އެ ކޮމިޝަން ކައިރިޔަށް އެއްވުމުގެ މަސައްކަތް ކުރުމަށް އިދިކޮޅު މެންބަރުންނަށް ވަގުތުވާ ކަމަށެވެ. އިދިކޮޅުން ކުރައްވާ ކަމަކީ ކަނޑައެޅިގެން އީސީއަށް ބިރުދައްކުން ކަމަށް ނިހާން ވިދާޅުވި އެވެ.

"ރާއްޖޭގައި އިލެކްޝަނެއް ބާއްވަން ބާރު އަޅައި ދެނީ ކޮން ބައެއްތޯ ސާފުކޮށް މި ފެންނަނީ، ގާނޫން އަސާސީ ކިޔުއްވާ ފަސް މެންބަރުން ރައީސްއަކާއެކު ތިއްބަވަން ވާނެ ކަމަށް އެބައޮތް އޭގައި، އެ މަސައްކަތް ކުރައްވާކަށް މިއަދަކު ތިޔަ ވިދާޅުވާ ޕާޓީތަކުގެ މެންބަރުންނެއް މަޖިލީހަށް ވަޑައެއް ނުގަންނަވާ، ލޮބުވެތި އެންމެހާ ދިވެހި ރައްޔިތުންނަށް އެނގިވަޑައިގަންވާނެ އެއީ ގާނޫނީ މަސައްކަތެއް މި ކުރައްވަނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އީސީ ދޮށަށް އެއްވެ އެތަނުގައި "ނާޗަަރަންގީ" ކުޅުމަށް ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލާ ކަމަށާއި އެފަދަ ކަންކަން ކުރައްވާ ނަމަ އީސީގެ މެންބަރުން ހިމާޔަތް ކުރުމަށް އޮންނަ އުސޫލުތަކުަގެ ތެރެއިން އިދިކޮޅު ފަރާތްތަކާމެދު ފިޔަވަޅު އަޅައި ދިނުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އިލެކްޝަން ކޮމިޝަނަށް އެ ފިޔަވަޅުތަކާ މެދު ވިސްނުންފުޅު ގެންގުޅުއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެކޭ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އޭގެ އިތުރުން ސިޔާސީ ޕާޓީގެ އިސްކޮށް މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން،" ނިހާން ވިދާޅުވި އެވެ.

އީސީ ކައިރިއަށް އިއްޔެ އެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ކަމަށްވާ ރޮޒައިނާ އާދަމާއި އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ.