ހަބަރު

ކެމްޕެއިން ކުރާނީ ސަރުކާރުން ވަސީލަތްތައް ބޭނުންކޮށްގެން: އަދުރޭ

ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރެއް ހޯއްދެއްވުމަށް ކެމްޕެއިން ކުރައްވާނީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ނައިބް ރައީސްް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ފަރާތުން މަޖީދީމަގުގައި "އަތޮޅު ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަދުރޭ ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރާނީ މުޅި ސަރުކާރާއެކީ ނިކުމެގެން ކަމަށެވެ. އަދި ކެމްޕެއިން ކުރާނީ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ޕާޓީއެއް ވެރިކަމަށް އައީމަ އެޕާޓީއެއް ތަމްސީލް ކުރާ ފަރާތްތައް ސަރުކާރުގެ މަގާމުތަކުގައި އެތިއްބަވަނީ، އެއީ ވަޒީރުން ކަމަށްވިޔަސް އެމްޑީން ކަމަށްވިޔަސް އެބޭފުޅުން ނިކުމެވަޑައިގަންނަވާނީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯދަވައިދެއްވުމަށް، އެބޭފުޅުންނަށް [އެމްޑީޕީ] އަށް ނޭންގުނީ ޕާޓީ ނިޒާމްގައި ވެރިކަން ކުރާނެގޮތް، ނޭންގުނީމަ އިސްތިއުފާދީފަ ދިޔައީ، އިސްތިއުފާދޭންޖެހޭ ސަބަބެއްނެތް، ޖުމްހޫރީ މައިދާނަށް 300 އެއްހާ މީހުން އެއްވާއިރަކަށް ނުޖެހެ އިސްތިއުފާ ދެއްވާފަ ފިލައިގެންދާކަށް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ނުރައްކާތެރި އެތަކެއް ދުވަސްތަކެއް އައިސްފައިވާ ކަމަށާއި ނަމަވެސް އިސްތިއުފާދީފަ އެމަނިކުފާނު ވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަށްވުރެ މިއަހަރުގެ ފެބުރުއަރީމަހުގެ އެއްވަނަ ދުވަސްވެސް މާ ނުރައްކާތެރި ކަމަށެވެ.

"އެދުވަހު ކިހިނެތްތޯ ކަންތައް ކުރެއްވީ، އެއީ އިލްމީ ގާބިލްކަން ހުރީމަ ތަޖުރިބާ ހުރީމަ ކަންކުރާނެ ގޮތް އިނގިވަޑައިގެން ހުރީމަ ރައްޔިތުންނަށްޓަކައި ގުރުބާންވެވަޑައިގަންނަވަން ކެރިވަޑައިގެން ހުންނެވީމަ ގައުމިއްޔަތާއި އިސްލާމް ދީނަށް އެމަނިކުފާނުގެ ހިތްޕުޅުގައި ލޯއްބެއް އޮތީމަ، އެހެންވެގެން ގައުމު ސަލާމަތް ކުރެއްވެވީ، އެހެންވެގެން އެކަނިކުފާނާއެކީގަ ނިކުމެވަޑައިގެން މިތިއްބެވ،ީ އަޅުގަނޑުމެން ނިކުންނާނީ މުޅި ސަރުކާރާއެކީގަ، ހަމަ ހުރިހާ ވަސީލަތްތަކެއް ބޭނުން ކޮށްގެން އިންތިހާބު ކާމިޔާބު ކުރާނީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އިދިކޮޅުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޑިމޮކްރަސީއަކީ ކޮބައިކަން ދަސްކުރުން ކަމަށާއި މަލްޓިޕާޓީ ޑިމޮކްރަސީގައި ތަންތާގައި ވެރިކަން ކުރައްވާއިރު ކަންކުރާގޮތް ބަލައި އުގެނި ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އޭގެފަހުން ޑިމޮކްރަސީގެ ވާހަކަ ދެއްކުމަށާއި އެހެން ނޫނީ ރައްޔިތުން އިދިކޮޅުން ދައްކާ ވާހަތައް ގަބޫލު ނުކުރާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ވެރިކަން ދޫކޮށްލީ ގައުމު ހިންގަން ނޭންގިގެން، ގައުމުގަ މުސާރަ ދޭނެ ގޮތް ނޭންގިގެން،ގައުމު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ހީވެގެން ވެރިކަން ދޫކޮށްލާފަ ފިލީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އޭޝިޔާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސޯދަކީ ރާއްޖޭގެ އިގްތިސޯދު ކަމަށާއި އެކަމުގެ މާހިރަކީ ރައީސް ޔާމީން ކަމަށެވެ. އަދުރޭ ވިދާޅުވީ، ރައީސް ޔާމީން މިގައުމަށްޓަކައި އަދާކޮށްދެވަމުން ގެންދަވާ މަތިވެރި ހިދުމަތް އިތުރަށް ހޯދައިދިނުމުގެ ހިތްވަރާއި ފަންވަރާ އެގާބިލްކަން މިއަދު ރައްޔިތުންގެ ކިބައިގައި ހުންނަން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެން ވާން ޖެހޭ އަޅުގަނޑުމެންގެ ޅަދަރީންގެ މުސްތަގުބަލް އާރާސްތުކޮށްދޭ ބަޔަކަށް، މި މަސައްކަތަކީ ރައިސް ޔާމީނަށް ކޮށްދޭ މަސައްކަތެއް ނޫން، މި މަސައްކަތަކީ ޕީޕީއެމަަށް ކޮށްދޭ މަސައްކަތެއް ނޫން، މި މަސައްކަތަކީ ދިވެހި ގައުމަށްޓަކައި ކޮށްދޭ މަސައްކަތެއް، މާދަމާ އަޅުގަނޑުމެންގެ ޅަ ދަރީންނަށްޓަކައި ކޮށްދޭ މަސައްކަަތެއް،" އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ އަދުރޭ ވިދާޅުވީ، ރައީސް ޔާމީނާ ވާދަކުރަން ނިކުމެފައިތިބީ ގައުމުގެ ވެރިކަން ކުރަން ގާބިލްކަން ލިބިފައިވާ ބޭފުޅުންނެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީ އެއްކޮށް ބައިބައިވެފައިވާ ކަމަށާއި އިބޫއަށް ޓިކެޓްދިން ހިސާބުން އިސް ސަފުގައި މަސައްކަތް ކުރި ފަރާތްތައް ފިލައިފި ކަމަށެވެ. އަދި މިއަދު އިބޫއަށް ކެމްޕޭން ކޮށްދޭން ނިކުންނާނެ މީހަކު ނެތް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.