ހަބަރު

މަނިކާއި ޝާޔަން ވަކިކޮށް ޕީއެސްއެމްގެ އާ ބޯޑް އެކުލަވާލައިފި

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދު ޕީއެސްއެމްގެ ބޯޑުން ވަކިކޮށް ޕީއެސްއެމްގެ ބޯޑަށް އާ މެންބަރުންތަކެއް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައި އެ ކުންފުނީގެ އާ ބޯޑް އެކުލަވާލައިފި އެވެ.

ޕީއެސްއެމްގެ ބޯޑު މެންބަރުން ބަދަލުކޮށްފައި ވަނީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރުމާ ގުޅިގެން އެވެ. އެ އިސްލާހުގައިވާ ގޮތުން ޕީއެސްއެމް ސަރުކާރު ކުންފުންޏަކަށް ބަދަލުކޮށް ބޯޑަށް ހުރިހާ މެންބަރުން އައްޔަން ކުރާނީ ރައިސުލްޖުމްހޫރިއްޔާ އެވެ. އެ ބޯޑުގެ މައްސޫލިއްޔަތުގެ ތެރޭގައި ދައުލަތާއި ދިވެހި ގައުމުގެ ސިޔާދަތާއި ކަރާމާތާއި އަމިއްލަ މިނިވަންކަން ނެގެހެއްޓުމަށް ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތައް ނިންމުންތައް ރައްޔިތުންނަށް ބަޔާންކޮށްދީ އެކަން ތަންފީޒު ކުރުމުގައި ޕީއެސްއެމްގެ މެނޭޖްމަންޓަށް އިރުޝާދު ދިނުން ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ޕްރައިވަޓައިޒޭޝަން އެންމެ ކޯޕޮރައިޒޭޝަންގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރަން ނިންމާފައިވާ އާ މެންބަރުން ހާމަކުރައްވާފަ އެެވެ. އެގޮތުން ކުރިން އެ ބޯޑުގައި ހިމެނޭ މަނިކާއި ޝާޔަންގެ އިތުރުން އިބްރާހިމް ހިލްމީ އާއި މުހައްމަދު ޝާގިލް އަދި މަހުމޫދު އަލީ ބޯޑު މެންބަރުންގެ ގޮތުގައި އާ ބޯޑްގައި ނުހިމެނެ އެވެ.

އަލަށް އައްޔަން ކުރި ބޯޑުގައި ހިމެނެނީ ކުރިން ވެސް ބޯޑްގައި ހިމެނުނު ޕީއެސްއެމްގެ މިހާރުގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ އެމްޑީ، މުހައްމަދު އިކްރާމްގެ އިތުރުން އަލަށް އައްޔަންކުރި މަރިޔަމް އަޒްރާ އަހުމަދާއި އައިޝަތު ހަފީޒް އަދި ޓީވީއެމްގެ މިހާރުގެ ޕްރޮގްރާމް ހެޑް، އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) އެވެ. އަލަށް އައްޔަން ކުރި ބޯޑްގެ ޗެއާމަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ، މަރިޔަމް އަޒްރާ އަހުމަދެވެ. އަދި މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި އައްޔަން ކުރީ، މިހާރުގެ ވެސް އެމްޑީ ހަލީލް އެވެ. އަދި ޑެޕިއުޓީ އެމްޑީއެއްގެ ގޮތުގައި، އިކްރާމް ރައީސް ވަނީ ހަމަޖައްސަވައިފަ އެވެ.

ބޯޑު މެންބަރު ކަމުން މަނިކު ވަކިކޮށްފައިވާއިރު އޭނާ ވަނީ ވޯލްޑް ކަޕްގެ ރައިޓްސް ޕީއެސްއެމްގެ މެނޭޖްމަންޓުން ގަތުމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރައްވާ، އެކަން ހިނގި ގޮތް ތަހުގީގު ކުރުމަށް ގޮވާލައި ބަޔާނެއް މިފަހުން އާންމު ކުރައްވައިފަ އެވެ. އަދި ޝާޔަން ވަކިކޮށްފައިވަނީ އިކްރާމާއި ހަލީލްއާ އެ ދެ ބޭފުޅުން މަގާމުން ދުރުކުރުވަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް އޭނާ ސަސްޕެންޝަންގައި ހުންނަވަނިކޮށެވެ.