ހަބަރު

ދަރަނީގެ ނުރައްކަލާ ހެދި މޫޑީސް ރޭޓިންގައި ރާއްޖެ ފަހަތައް

Jul 25, 2018
1

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައި ވާތީ، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިޑިޓް ރޭޓިން އެޖެންސީ، މޫޓީސް އިން އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށް ލަފާކޮށް، އިގްތިސާދު ދަށްވެދާނެ ގައުމުތައް ނޫނީ ނެގެޓިވް ކެޓަގަރީގައި ރާއްޖެ ހިމަނައިފި އެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ޖަމާއަތުން ނެރުނު ރިވިއުގައި ރާއްޖެ ހިމަނާފައި ވަނީ ދެމެހެއްޓެނިވި އިގްތިސާދު ނޫނީ ސްޓޭބަލް އިގްތިސާދުގެ ގައުމުތަކުގެ ތެރޭގަ އެވެ.

ރާއްޖޭގެ ރޭޓިންއެއް އެންމެ ފުރަތަމަ ހެދި، މޫޓީސް އިން މިއަދު ރާއްޖޭގެ ރޭޓިން އަލުން ރިވިއު ކުރުމަށް ފަހު ނެރުނު، ސްޓޭޓްމަންޓްގައި ބުނީ، ރާއްޖޭގެ "ރޭޓިންގެ އައުޓްލުކް" ނޫނީ ރޭޓިންގެ ހުލާސާ ސްޓޭބަލް އިން ނެގެޓިވް ނޫނީ ދަށް ކެޓަގަރީއަކަށް ބަދަލު ކުރަން ޖެހުނީ ސަރުކާރުން ނަގަމުން އަންނަ ބޮޑެތި ލޯނުތަކުގެ ސަބަބުން ދަރަނި ބޮޑުވެ އެކަމުގެ ސަބަބުން އުފުލަން ޖެހޭ ބުރަ އިންތިހާއަށް ބޮޑުވަމުން އަންނާތީ ކަމަށެވެ. މޫޑީސް އިން ބުނި ގޮތުގައި، އެ ޖަމާއަތުން ލަފާކުރަނީ ބޮޑުދަރަނީގެ ބުރަ ކުރިއަށްއޮތް 10 ވަރަކަށް އަހަރު ރާއްޖެއިން އުފުލަން ޖެހޭނެ ކަމަށެވެ.

މޫޑީސް އިން ބުނީ ބޮޑެތި އިގްތިސާދި މަޝްރޫއުތަކަށް ރާއްޖެއިން ފައިސާ ހޯދަން މަދު ގޮތްތަކެއް ހުރިއިރު، އުމްރާނީ މަސައްކަތްތަކަށް ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގެ ބޭންކްތަކުން ބޮޑެތި އަދަދުތަކުން ދަރަންޏަށް ފައިސާ ނަގަމުން ދާއިރު، ދުވަހުން ދުވަހަށް ސަރުކާރު ހިންގުމަށް ކުރަން ޖެހޭ ހަރަދުތައް ވެސް ފޫބެއްދެނީ ރާއްޖޭގެ ބޭރުންނާއި އެތެރެއިން ދަރަންޏަށް ފައިސާ ނަގައިގެން ކަމަށެވެ.

ރާއްޖެއިން މިހާރު ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހުރި މިންވަރާ މެދު ސުވާލު އުފައްދަމުން މޫޑީސް އިން ބުނީ، ދިވެހި ސަރުކާރުން ވިއްކާފައިވާ ސޮވަރިން ބޮންޑަށް 2022 ވަނަ އަހަރު އަނބުރާ ފައިސާ ދައްކަން ޖެހޭއިރު އެ ފައިސާ ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެ ޖަމާއަތުން ބުނި ގޮތުގައި، ބައެއް މަޝްރޫއުތައް ހިންގުމަށް ނަގާ ފައިސާއިން އެކަށީގެންވާ މަޝްރޫއުތަކަށް ފައިނޭންސް ނުކުރެވޭ ނަމަ އޭގެ ބުރަ އިގްތިސާދަށް އިތުރަށް ބޮޑުވެގެން ހިނގައިދާނެ އެވެ. އަދި ބޭރު ފައިސާ މާރުކުރުމުގެ އަގުތަކަށް އަންނަ ބަދަލުގެ ސަބަބުން، ބޭރުން ނަގާފައިވާ ލޯނުތައް ދެއްކުން އިތުރު ތަކުލީފަކަށް ވުމުގެ ބިރު އޮތް ކަމަށް ވެސް ރޭޓިންގައިވެ އެވެ.

ދަރަނީގެ ސަބަބުން، ރާއްޖޭގެ އިގްތިސާދު ދަށްވަމުން އައި ނަމަވެސް އުމްރާނީ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އައިސްފާނެ ކަމުގެ ކުޑަ އުންމީދެއް އޮތުމުގެ ސަބަބުން، "ބީ-2" ރޭޓިންގައި ރާއްޖޭގެ ރޭޓިން ވަނީ މޫޑީސް އިން ދަހަމައްޓައިފަ އެވެ. އެހެން ނަމަވެސް، ސިޔާސީ ހަމަޖެހުން ގާއިމް ނުކުރެވޭ ނަމަ އަދި ދައުލަތުގެ
ދަރަންޏާއި އާމްދަނީގެ ސިޔާސަތުގެ ސަބަބުން މި ރޭޓިން ވެސް ދަށްވުމުގެ ފުރުސަތު އޮތް ކަމަށް މޫޑީސްއިން ވަނީ ބުނެފަ އެވެ.

މިރޭޓިންއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އިން ބުނީ، ރާއްޖޭގެ އިގްތިސާދާ މެދު މޫޑީސްއިން ދެކޭގޮތް، އައުޓްލުކް ދަށްވި ނަމަވެސް މޫޑީސްގެ ބީ-2 ރޭޓިންގައި ރާއްޖެ ދެމެހެއްޓުމާ ގުޅޭގޮތުން، މިނިސްޓްރީއިން ބުނީ، މިއީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާ އަށް ލިބުނު ކާމިޔާބީއެކެވެ. އަދި ފާއިތުވެ ދިޔަ އަހަރުތަކުގައި ސަރުކާރުން ބޮޑެތި ހޭދަތައް އުމްރާނީ މަޝްރޫއުތަކަށް ކުރަން ޖެހުނީ، ވޭތުވެ ދިޔަ ސަރުކާރު ތަކުގައި މިކަމަށް އިސްކަން ދީފައި ނުވުމުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި މި މަސްރޫއުތަކުގެ ފައިދާ މުޅި އިގްތިސާދަށް ލިބި އިގްތިސާދު ފުޅާވެ ދަރަނި
އަދާކުރުމުގެ ގާބިލިއްޔަތު އިތުރު ވެގެންދާނެ އެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތައް މިއަހަރުގެ ތެރޭގައިވެސް ނިމި އޭގެ ފައިދާ
އަވަސްމުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ލިބި ފެންނަމުން ދާނެ އެވެ،" ފިނޭންސްގެ ބަޔާނުގައިވެ އެވެ.

މޫޑީސް އިން ބުނީ 2020 ވަނަ އަހަރު އަންނައިރު، ރާއްޖޭގެ ދަރަނީގެ ނިސްބަތް ޖީޑީޕީ ނޫނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން، 68.7 ޕަސެންޓަށް އަރާނެ ކަމަށެވެ. އަދި އާމްދަނީގެ 6.3 ޕަސެންޓް ހޭދަކުރަން ޖެހެނީ ދަރަނި ދެއްކުމަށް ކަން ވެސް ވަނީ މޫޑީސްއިން ފާހަގަކޮށްފަ އެވެ. މިއަދަދު އިތުރުވާނެ ކަމަށް ވެސް ލަފާކުރެ އެވެ. އަދި 2017 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ބޭރުގެ ދަރަނި 38 ޕަސެންޓަށް އެރިއިރު މި އަދަދު އަހަރަކަށް ވުރެ އަހަރެއް މައްޗަށް ދާނެ ކަމަށް ވެސް މޫޑީސްއިން ވަނީ ލަފާކޮށްފަ އެވެ.

"ސަރުކާރުގެ ދަރަނީގެ ތެރެއަށް ކޮންސެޝަން ނޫން ލޯންތައް (ބޮޑެތި ޓާމްސްތަކުގައި ދޭ ލޯން) އަންނަނީ އިތުރުވަމުން. މީގެ ސަބަބުން ދަރަނި އަނބުރާ ދެއްކުމުގެ ގާބިލްކަން ރާއްޖޭގައި ދަނީ ދަށްވަމުން،" މޫޑީސްއިން ބުނެފައިވެ އެވެ.