ބޮލީވުޑް

ރާޖްކުމާރާއި ޝްރައްދާގެ އިންސްޓަގްރާމް ދޮވެލައިފި!

ރާޖްކުމާރް ރާއޯ އާއި ޝްރައްދާ ކަޕޫރް މިހާރު އެންމެ ފޯރީގައި ތައްޔާރުވަމުން އަންނަނީ އެ ދެ މީހުން އެކުގައި ފެނިގެންދާނެ ކޮމެޑީ ހޮރޯ ފިލްމު "ސްތުރީ" އަށެވެ. ފިލްމުގެ ޕްރޮމޯޝަނަށް ދެ މީހުން މިހާރު ވަނީ އިންސްޓަގުރާމް ދޮވެލައި، ހުރިހާ ފޮޓޯތަކެއް ވެސް ޑިލީޓްކޮށްފަ އެވެ.

އަންނަ އޮގަސްޓު މަހު 31 ގައި ރިލީޒް ކުރާ މި ފިލްމުގެ އޮފިޝަލް ޓްރެއިލާ ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ. އިންސްޓަގުރާމުން ފޮޓޯތައް ޑިލިޓް ކުރީ ވެސް ފިލްމުގެ ޓްރެއިލާ އާންމު ކުރަން ވެގެނެވެ. ފިލްމުގެ އާ ޕޯސްޓަރެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. "ސްތުރީ" ގެ މާނައަކީ އަންހެނުންނެވެ.

ރާޖްކުމާރްގެ އިންސްޓަގުރާމްގައި މިހާރު އިނީ ތިން ފޮޓޯ އެވެ. އެ ތިން ފޮޓޯގައި ހިންދީން ލިޔެފައި ވަނީ "އޭ ސްތުރީ މާދަން އަންނާތި" އެވެ. ފޮޓޯތަކުގެ ކެޕްޝަންގައި ވަނީ ބިރުގަންނަ އީމޯޖީއެއް ޖަހާފަ އެވެ.

ޝްރައްދާގެ އިންސްޓަގުރާމުގައި ވެސް އިނީ ތިން ފޮޓޯ އެވެ. އެ ފޮޓޯތަކުގައި ލެޓިން ހިންދީ ލިޔެފައި ވަނީ "ފިރިހެނުން ބިރު ގަންނާނެ" އެވެ. އަދި ކެޕްޝަނުގައި ހުރިހާ ފިރިހެނުން ރައްކާތެރިވެ ތިބުމަށް ބުނެފައިވެ އެވެ. އެއީ މިފަހަރު ބިރު ގަންނާނީ ފިރިހެނުން ކަމަށްވާތީއޭ ވެސް ލިިޔެފައިވެ އެވެ.

"ސްތުރީ" ގެ އޮފިޝަލް ޓްރެއިލާ.

މި ދެމީހުންގެ ޕްރޮފައިފް ޕިކްޗާވެސް ވަނީ ދުއްވާލާފަ އެވެ. އަމަރް ކައުޝިކް ޑައިރެކްޓުކުރާ މި ފިލްމަކީ އިންޑިއާގެ ކަނައްޑާގައި 1990 ގެ އަހަރުތަކުގައި އުޅުނު ކަމަށް ބުނާ ފުރޭތައެއް ކަމުގައިވާ "ނަލޭ ބާ" ގެ ހާދިސާއަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފުރޭތަ ކުރާކަމަކީ ގޭގޭގެ ދޮރުގައި ޓަކިޖަހާއި ދޮރު ހުޅުވުމުން، އެ ހުޅުވާ މީހާ ގެންދަނީ އެވެ.