ކުޅިވަރު

އިންޓަނޭޝަނަލް ޓެނިސް މުބާރާތުން ފާއީއަށް ބޮޑު ކާމިޔާބެއް

އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ޓެނިސް ޗެމްޕިއަންޝިޕްގެ ކްއާޓާ ފައިނަލުން ބަލިވި ނަމަވެސް، ރާއްޖޭގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) ރާއްޖޭގެ ޓެނިހުގެ ތާރީހް ބަދަލު ކޮށްލައިފި އެވެ.

ރާއްޖޭގެ ޓޭނިހުގެ ތާރީހްގައި، މިހާ ބޮޑު މުބާރާތަކުން، ކްއާޓާ ފައިނަލާ ހަމަޔަށް ދެވިފައެއް ނުވެ އެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަކީ 47 ގައުމުން ވާދަ ކުރާ މުބާރާތެކެވެ. ސިންގަލްސް ކެޓަގަރީގައި ފާއީ ވަނީ ގަދަ 16 އާ ހަމަޔަށް ދަތުރު ކޮށްފަ އެވެ. މިދިޔަ އަހަރު ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ޓެނިސް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުން ފާއީ ވަނީ ކަޓާފަ އެވެ.

ޑަބަލްސް ކެޓަގަރީގައި އޭނާ ވަނީ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ޑަބަލްސް ކެޓަގަރިގައި އެނާގެ ޕެއާ އަކީ ޔޫގެންޑާގެ ބޮރިސް އަގުމާ އެވެ. ކްއާޓާ ފައިނަލުގައި އެ ދެކުޅުންތެރިން ނިކުތީ ތުރުކީގެ ދެ ކުޅުންތެރިންނާ ދެކޮޅަށެވެ. އެ ދެ ކުޅުންތެރިންނަކީ އިންޓަނޭޝަނަލް ޓެނިސް ފެޑްރޭޝަން) ސްޓޭންޑަޑްގެ ދެ ކުޅުންތެރިންނެވެ. އައިޓީއެފް ސްޓޭންޑަޑްގެ ކުޅުންތެރިންނަކީ ފުލްޓައިމްކޮށް ޓެނިސް ކުޅޭ ކުޅުންތެރިންނެވެ. އަދި އައިޓީއެފް ސަޕޯޓް ޕްރޮގްރާމްގެ ތެރެއިން ކުރިއެރުމަށް އެހީތެރިކަން ލިބޭ ކުޅުންތެރިންނެވެ.

ފުރަތަމަ ސެޓް ފަށައިގެން ފާއީ އާއި އޭނާގެ ޕެއާ ތިން ޕޮއިންޓުން ލީޑް ނެގި އެވެ. ނަމަވެސް މައްސަލަ ދިމާވީ އޭނާގެ ޕެއާ އަގުމާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ފުރަތަމަ ސެޓް ވަރަށް ގާތުން ފާއީ އާއި އޭނާގެ ޕެއާ ވާދަ ކުރި އެވެ. މެޗުން ބަލިވީ 7-5 އަދި 6-3 ންނެވެ. ފާއީ އާއި ޕެއާ ކްއާޓާ ފައިނަލަށް ދަތުރު ކުރީ ތަޖަކިސްތާންގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ.

ސިންގަލްސް ކެޓަގަރީގައިި އޭނާ ވަނީ އިރާގްގެ އައިއިޓީއެފް ކުޅުންތެރިޔާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. ފާއީ މެޗު ކާމިޔާބު ކުރީ 7-5 އަދި 6-1 ންނެވެ. ސިންގަލްސްގެ ދެ ވަނަ ބުރުގައި އޭނާ ބަލިވީ ބަހްރެއިންގެ އައިޓީއެފް ކުޅުންތެރިޔާ އަތުން ދެ ސެޓުންނެވެ. އެއީ 6-4 އަދި 6-3 ންނެވެ.

"މިދިޔަ އަހަރާ ބަލާފައި މި އަހަރު މި ލިބުނީ ވަރަށް ބޮޑު ކުރިއެރުމެއް، ސެމީ އަށް ދެވުނު ނަމަ ވަރަށް އުފާވިސް،" ފާއީ އޭނާގެ ޝުއޫރުތައް ހިއްސާ ކުރި އެވެ. "ނަމަވެސް ފައިނަލް ސްޓޭޖާ ހަމަޔަށް ދެވުމުން ހިތްހަމަޖެހޭ، އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ތާރީހްގައިވެސް މިހާބޮޑު މުބާރާޓެއްގެ ފައިނަލު ސްތޭޖަށް ދެވުނު މިއީ ފުރަތަމަ ފަހަރު ކަންނޭންގެ، އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ ދުރަށްވެސް ރާއްޖޭގެ ކުޅުންތެރިންނަށް ދެވޭނެ."

ފާއީއަށް ކުރިއަށް އޮތް ބޮޑު މުބާރަތަކީ އަންނަ މަހު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ގޭމްސް އެވެ. އެނާ ބުނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއިން ލިބުނު ތަޖުރިބާއިން އޭޝިއަން ގޭމްސްގައި ރަނގަޅު ހިސާބަކަށް ދިއުމަށް އުންމީދު ކުރާ ކަމަށެވެ.