ދުނިޔެ

ލޭއޮހޮރުވުމާއި، ތުހުމަތުތަކާއެކު ޕާކިސްތާނު އިންތިހާބުގެ ކުރީގައި އިމްރާން ހާން

Jul 26, 2018

ކަރާޗީ (ޖުލައި 26) - ބޮޑެތި ތުހުމަތުތަކާއި، ލޭއޮހޮރުވުމުގެ ތެރޭގައި، ޕާކިސްތާނުގެ ގައުމީ އިންތިހާބުގެ ކުރީގައި އަދި ޕާކިސްތާނުގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން ހާނު އިސްވެ ހުންނަވާ އިދިކޮޅު ޕީޓީއައި ނަގައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިހާރު އާންމުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ޕީޓީއައި ކުރީގައި އޮތް ކަމަށް ދެއްކިއަސް، މެޖޯރިޓީ ލިބޭނެ ކަމާމެދު ވަނޫ ސުވާލު އުފެދިފަ އެވެ.

ޕާކިސްތާނުގެ ސިފައިންގެ ތާއީދު ލިބިފައިވާ، ޕީޓީއައި އިން ވޯޓަށް ނުފޫޒު ފޯރުވައި، ވޯޓު އޮޅުވާލާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އިއްޔެ ވޯޓުލާއި މަރުޒަކެއް ބޮމެއް ގޮއްވާލުމުގެ ސަބަބުން އެތަކެއް މީހުންނެއް މަރުވެފައިވާއިރު، ވޯޓަށް މަކަރު ހެދިކަމުގެ ތުހުމަތުތައް އިލެކްޝަންސް އޮފިޝަލުން ވަނީ ދޮގުކޮށްފަ އެވެ. އަދި ނަތީޖާތައް އައުން ލަސްވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

މިހާތަނަށް 42 ޕަސަންޓް އިންތިހާބީ މަރުކަޒުތަކުން ނަތީޖާ ހާމަކޮށްފައިވާއިރު، ޖުމްލަ 272 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރާއިރު، ޕީޓީއައި އިން މިހާތަނަށް 113 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް، މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ވެރިކަން ކުރާ ޕާކިސްތާނު މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ދަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ގާތްގަނޑަކަށް 106 މިލިއަން ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުން ތިބިއިރު، ވޯޓުލާން ނިކުމެފައިވަނީ ގާތްގަނޑަކަށް 55 ޕަސަންޓު މީހުން ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފަ އެވެ.

މި އިންތިހާބުގައި 30 ސިޔާސީ ޕާޓީއަކުން 12،570 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއީ ޕާކިސްތާނުގެ ތާރީހުގައި، ރައްޔިތުން ވޯޓުލައިގެން ވިދި ވިދިގެން ދެ ދައުރަށް ސަރުކާރަކު އިންތިހާބު ކުރާ ދެވަނަ ފަހަރެވެ.