ޔުވެންޓާސް

ޔުވެންޓަސް އޮތީ އެންމެ މަތީ ލެވަލްގައި: އެލެގްރީ

އެމެރިކާގައި ކުރިއަށްދާ ޕްރީ ސީޒަން މުބާރާތުގައި، ޖަރުމަންގެ ބަޔާން މިޔުނިކްގެ މައްޗަށް 2-0 ން ކާމިޔާބު ހޯދުމަށްފަހު ޔުވެންޓަސްގެ ކޯޗް މެކްސިމިލިއާނޯ އެލެގްރީ ބުނީ އޭނާގެ ސްކޮޑު އޮތީ އެންމެ މަތީ ލެވަލްގައި ކަމަށެވެ.

އެ މެޗުގައި ޔުވެންޓަސްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އިޓަލީގެ ޒުވާން ފޯވަޑް އެންޑްރެއާ ފަވީލީ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އެލެގްރީ ބުނީ ސްކޮޑުގެ ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފަ، މިޒުވާން ކުޅުންތެރިންނާ ބަލާފައި ޓީމުން ވަނީ ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފަ،" ތަޖުރިބާކާރު ކޯޗް ބުންޏެވެ. "ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރި، އެ ކުޅުންތެރިން ސާބިތުކޮށްދީފި އެމީހުން އެ ތީބީ އެންމެ މަތީ ލެވަލްގައި ކަން."

"އަހަރެމެން އެންމެ ބޮޑަށް މަސައްކަތް މި ކުރަނީ ޑިފެންސިވް ރަނގަޅު ކުރަން، ސަބަބަކީ އަހަރެމެންގެ އެޓެކް ރަނގަޅު، އެޓޭކްގައި އަހަރެންގެ ސްކޮޑުގައި ތިބީ ޒުވާން ކުޅުންތެރިންތަކެއް، ފަވީލީ ވަނީ ވަރަށް ރަނގަޅަށް ކުޅެފަ."

އެމެރިކާގެ ޓްރައިނިން ކޭމްޕްގައި، ވޯލްޑްކަޕުގައި ވާދަ ކުރި ކުޅުންތެރިން ޔުވެންޓަސްގެ ސްކޮޑުގައި ހިމަނާފައެއް ނެތެވެ. އަދި އެ ޓީމަށް ސޮއި ކުރި ކްރިސްޓިއާނޯ ރޮނާލްޑޯނަން ވެސް ހިމަނާފައެއް ނެތެވެ. އޭނާ އަދިވެސް ހުރީ ޗުއްޓީގަ އެވެ.