ވާހަކަ

ބުނެދޭށޭރުހެމޭ

(24 ޖުލައި 2018 އާ ގުޅޭ) -- ނިމްރާ ސިޓިންރޫމަށް އައުމާއެކު އަރްސަލް ވަގުތުން އޭނާގެ މޫނުގައިވީ އަސަރު ބަދަލުކޮށްލައިފިއެވެ. ހިނިތުންވެލަމުން ނިމްރާއަށް އަތްދިއްކޮށްލިއެވެ. އެ އަތުގައި ނިމްރާ ހިފުމުން އޭނާ ގޮވައިގެން އެޕާޓްމެންޓުން ނުކުންނަންއައެވެ.

ނިމްރާއަށް ކުރެވެމުންދިޔަ ކުށްވެރި އިޙްސާސް ބަދަލެއްނުވިއެވެ. އަރްސަލްއާ ހަތަރުކަޅި ހަމަކުރަން އޭނާއަށް އުނދަގޫވިއެވެ. ހަޤީޤަތުގައި އޭނާ ހުރީ އެކަނިވެލަން ބޭނުންވެފައެވެ. އެކަމަކު އެ ފުރުޞަތު އޭނާއަށް އަރްސަލް ދޭން ބޭނުންނުވާހެން ހީވިއެވެ. މަޑު ހިނގުމުގައި އަރްސަލްއާއެކު ނިމްރާ ހޮޓެލުން ނުކުތެވެ. އެ ހޮޓެލަށް ޚާއްޞަކުރެވިފައިވާ ޓެކްސީ ސެންޓަރަށް ގުޅައި ޓެކްސީއެއް ގެނުވިއެވެ. އަރްސަލް ޓެކްސީއެއްގައި ދާން އުޅުމުން ސުވާލުކުރަން ނިމްރާ ހިތަށް އެރިނަމަވެސް އޭނާ ޚިޔާލު ބަދަލުވީ ކާރުގައި ރާދިން ދިޔައީއޭ ހިތަށް އެރުމުންނެވެ.

ޓެކްސީގައި ހޭދަވެގެން ދިޔަ ވަގުތުކޮޅުގައި ނިމްރާ އިނީ އިސްޖަހާލައިގެން ދެ ލޯ މަރާލައިގެންނެވެ. އަރްސަލް ވާހަކަނުދެއްކި ނަމަވެސް ދޭތެރެއަކުން ނިމްރާގެ އަތުގައި ހިފާލައި ފިރުމާލައެވެ.

ހުޅުމާލޭގައި ހުންނަ އަރްސަލްގެ ގޭގެ ދޮރުމައްޗަށް ވާގޮތަށް ޓެކްސީ މަޑުކުރުމުން ޑްރައިވަރަށް ފައިސާ ދީފައި ކުރިން ފޭބީ އަރްސަލްއެވެ. އޭނާ ދޮރުފަތުގައި ހިފަހައްޓާލައިގެން ނިމްރާ ފައިބަންދެން މަޑުކުރިއެވެ. ދެ ޒުވާނުން ޓެކްސީއިން ފޭބުމާއެކު ޓެކްސީ ދުއްވާލައިފިއެވެ. ނިމްރާގެ އަތުގައި ހިފާލަމުން އަރްސަލް ކުރިއަށް ޖެހިލިއެވެ.

"ހަނދާން އެބަހުރިތަ އެންމެ ފުރަތަމަ ސްކާލެޓް އަހަރެން ގާތަށް އައި ދުވަހު އަހަރެން ބުނި ވާހަކަތައް" އިމާރާތުގެ މަތިން ތިރިއަށް ނަޒަރު ހިންގާލާފައި ނިމްރާއަށް އަރްސަލް ބަލާލިއެވެ.

"ހަނދާން އެބަހުރި" މަޑުމަޑުން ނިމްރާ ބުނެލިއެވެ.

"ކީކޭ އަހަރެން ބުނީ..." އަރްސަލް އަހާލިއެވެ.

"އަރްސަލްއާ ހަމައަށް އަހަރެން އަންނަ ހިނދުންފެށިގެން އެނބުރި ދާން ބޭނުންވިޔަސް އަރްސަލްގެ ހުއްދައެއްނެތި ނުދެވޭނެކަން، އަދި އަހަރެން އައީ އަރްސަލްގެ ހުށަހެޅުން ޤަބޫލުކޮށް އަރްސަލް ބުނިކަމެއް ކޮށްދޭން އެއްބަސްވެގެންކަން، ތަކުރާރުކޮށް އަރްސަލް ލައްވާ އެއްވާހަކައެއް ބުނުވަން ހަދައިގެން ނުވާނޭކަން، އަރްސަލް ބުނާ އެއްޗެއް ހަނދާންނެތިދާނޭހެން ހީވަންޏާ އެއްޗެއްގައި ނޯޓުކޮށްގެން ވިޔަސް ހަނދާންބަހައްޓަން ޖެހޭނެކަން" ނިމްރާ ބުނެލިއެވެ.

"ޔޫ ޑޫ ރިމެމްބާރ... ދެޓްސް އެގްޒެކްޓްލީ ވަޓް ހައި ސެއިޑް، ވޯޑް ޓު ވޯޑް" ކުޑަކޮށް ހިނިއަންނަ ގޮތް އަރްސަލްވިއެވެ. ފުރަތަމަ ނިމްރާއާ ބައްދަލުވިއިރު އޭނާގެ ހުރި ހަރުކަށިކަމާއި ހިތުގައި އޮތް ނަފުރަތުގެ މަތިން އަރްސަލް ހަނދާންވިއެވެ. އެ ޖަޒުބާތުތައް ބަދަލުވީތީ އަރްސަލް އަޖައިބުވެއެވެ. މިގޮތަށް ކަންތައް ވެދާނޭ އަރްސަލް ހީނުކުރެއެވެ. އެހެންނަމަވެސް ނިމްރާއާ ބައްދަލުވީތީ މިހާރު އޭނާ އެކަމާ އުފާކުރެއެވެ. ހަޔާތުގެ ޚިއްސާއަކަށް އެ އަންހެންކުއްޖާ ވެއްޖެކަމުގައި އިޙްސާސް އަރްސަލްއަށް ކުރެވެއެވެ. އެއީ އޭނާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އިޙްސާސެކެވެ.

އެޕާޓްމެންޓަށް ނިމްރާ ގޮވައިގެން އަރްސަލް ވަނެވެ. އޭނާއާއެކު އަންނަން ބުނަމުން އަރްސަލް ވަނީ ކޮޓަރިއަށެވެ. އޮފީސް ހެދުން ބަދަލުކުރަމަށް އުޅުނު އަރްސަލް ފަސްއެނބުރި ދޮރާ ދިމާއަށް ބަލާލިއިރު ނިމްރާ ހުރީ ކޮޓަރީގެ ބޭރުގައެވެ. އެއާއެކު އަނެއްކާ ވެސް ކުރީގެ ހަނދާނެއް އާވެގެންދިޔައެވެ.

"ކާކު ބުނީ މިކޮޓަރިއަށް ވަންނާށޭ" އަރްސަލް ހަޅޭލަވައިގަތީ ނިމްރާއަށެވެ.

"އަން...ނާށޭ...ބުނީމަ" ޖެހިލުންވެފައި ހުރި ނިމްރާ ބުންޏެވެ.

އެ ޚިޔާލުން އަރްސަލްއަށް ހީނލެވުނެވެ. އޭނާ ނިމްރާއާ ދޭތެރޭ ކަންތައް ކުރީ ވަރަށް ހަރުކަށިކޮށްކަން އަރްސަލްއަށް ވިސްނާލެވުނެވެ. ގަމީހުގެ ގޮށްތައް ނައްޓަން ހުރެފައި އަރްސަލް އައިސް ދޮރުކައިރީ މަޑުކޮށްލިއެވެ.

"ކޮޓަރިއަށް ވަންނަންވީނު، އަހަރެންގެ މެއިޑަށް، އަހަރެންގެ ސްކާލެޓަށް ފެންނަން ނުޖެހޭވަރު އެއްޗެއް ނޯންނާނެ" ދޮރުކަނީގައި ލެނގިލައިގެން ހުރެ ނިމްރާގެ ކޯތާފަތުގައި އަރްސަލް ފިރުމާލިއެވެ. އަރްސަލްގެ އެދުމަށް ނިމްރާ ކޮޓަރިއަށް ވަނެވެ. އެހެންނަމަވެސް އަރްސަލް އުންމީދުކުރިފަދަ އަސަރެއް ނިމްރާގެ ފުށުން ނުފެނުނެވެ. އަރްސަލްގެ ސަމާސާއަށް ރައްދުދިނުމެއް ވެސް ނެތެވެ.

"ވަޓްސް ރޯންގް ސްކާލެޓް؟ ޑޫ ޔޫ ސްޓިލް ހޭވް ފީލިންގްސް ފޯ ހިމް، އޭނާއަކީ މުހިންމު މީހެއްނޫނިއްޔާ ދެން ކީއްވެ ތިހެން ތި އިންނަނީ، އަހަރެން އެބަހުރީމެއްނު ގާތުގައި... އޭނާގެ މަތިން ހަނދާންނައްތާލަބަލަ، އެހެން ފިރިހެނަކާމެދު ސްކާލެޓް ޚިޔާލުކުރާކަށް ވެސް އަހަރެން ބޭނުމެއްނޫން، އެހެންމީހަކު ތި ހަށިގަނޑުގައި ބީހެން ހުއްދަދެވޭނީ ކިހިނެއް؟ މައި ސްކާލެޓް!... އަހަރެން ސްކާލެޓަށް ދެރައެއްލިބުނަކަ ނުދޭނަން، ޓްރަސްޓް މީ އޯކޭ... އައި ނީޑް ޔޫ ވިތް މީ، އެންޑް އައި ވޯންޓް ޔޫ މޯ ދެން އެނީތިންގް" އަރްސަލްގެ ހިތުގައި އެތައް ވާހަކައެއް ވިއެވެ. ނިމްރާ އެއްޗެކޭ ބުނޭތޯ އަރްސަލް އޭނާއާ ކުރިމަތިލައިގެން ހުރެ ގަމީހުގެ ހުރިހާ ގޮށެއް ނައްޓައި ގަމީސް ބޭލިއެވެ. ފަޓުލޫނުގެ ބެލްޓު ނައްޓާލަމުން ވެސް ނިމްރާއަށް އަރްސަލް ބަލާލިއެވެ. ބޮޑުވަރަކަށް ނިމްރާ ކޮށްލީ އަރްސަލްއަށް ފުރަގަސްދިނުމެވެ.

"މިރޭ އަހަރެން ގަސްދެއްނުކުރަން ސްކާލެޓް ގެއަށް ފޮނުވާކަށް" އަރްސަލް ހެދުން ބަދަލުކޮށް ނިމިގެން ބުނެލިއެވެ.

"ޕެކްކުރަން ނުފަށަމެންނު، އެޕާޓްމެންޓުގައި ހުރި ހުރިހާ އެއްޗިއްސަށް ކިހިނެއް ހަދަނީ؟ ރާދުއާ ދެ މީހުން ދިޔައީމަ މިތަން ހުންނާނީ ފަޅަށް ދޯ" ނިމްރާ ވާހަކަދެއްކިއެވެ. އެހެންނަމަވެސް އަރްސަލް ދެއްކިވާއާ ގުޅުވުމުގެ ޝައުގުވެރިކަމެއްނެތިއެވެ.

އެޕާޓްމެންޓަށް ވަދެގެން އައި ރާދިންއަށް އަރްސަލްގެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރިތަން ފެނުނެވެ. ހަމައެއާއެކު ވާހަކަދައްކާ އަޑު އިވުނެވެ. އޭނާ އައިސް އެ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އެނދުގައި އިށީނދެ އިން ނިމްރާ ފެނުމުން ލިބުނީ ހައިރާންކަމެވެ. ނިކަން ބޮޑަށް ހިނިތުންވެލަމުން ނިމްރާއަށް ރާދިން ގޮވާލިއެވެ. ނިމްރާ ވެސް ހިނިތުންވުމެއް އޭނާއާ ބަދަލުކޮށްލިއެވެ.

ރާދިން އައުމުން ނިމްރާގެ މޫޑު ބަދަލުވިހެން އަރްސަލްއަށް ހީވިއެވެ. ތިން މީހުން ސިޓިންރޫމުގައި ކޮފީބޯން ތިބިއިރު އަރްސަލް ގެއަށް ބަދަލުވާން ނިންމައިފިންކަން ރާދިން ގާތު ބުނެލިއެވެ. ނިމްރާ އައިސް އޭނީ އެއްޗެހި ޕެކުކުރަން އޭނާއަށް އެހީތެރިވާންކަން ވެސް އަރްސަލް ބުނެލިއެވެ. ރާދިންއަށް އަނގައިން ބުނަން ނޭނގިފައި އިރުކޮޅަކު އިނދެވުނެވެ. ދެން އަހާލެވުނީ ބިލާލުގެ ގާތުގައި ބުނެފިންތޯއެވެ. އެއާއެކު އަރްސަލް ދެފަރާތަށް ބޯހޫރާލިއެވެ.

"ރާދު ބުނަންވީނު" އަރްސަލް ބުނެލިއެވެ. ހިނިއައިސްފައި އިން ރާދިން ބޯޖަހާލިއެވެ. އަދިވެސް އަރްސަލްއަށް ބިލާލުއާ މާގިނަ ވާހަކަތަކެއް ދައްކާކަށް ނުކެރެއެވެ. ބައްޕައާ މެދު ހިތް ސާފުވީ ނަމަވެސް ކުޑައިރުއްސުރެ އޮތް ދުރުކަމުގެ ސަބަބުން ކުއްލިއަކަށް މާ ބައްޕަވެގެން އުޅޭންވެއްޖެނަމަ އެއީ ގޮތްދެއްކުން ކަމުގައި ނޫނީ ނުވާނޭކަން އަރްސަލްއަށް އެނގެއެވެ. އެ ދެމެދުގައި އެކަހަލަ ވަރުގަދަ ގާތް ގުޅުމެއް ކުރީން ނެތްއިރު އެފަދަ ގުޅުމެއް އުފެދެން ވަގުތުނަގާނެއެވެ.

* * * * *

ހަފްތާ ނިމުމަކަށް އައިއިރު ނިމްރާއާ ބައްދަލުކުރަން މިޢުވާނު ނާދެއެވެ. އެކަމާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ނިމްރާއަށް ލިބުނެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުކުރުވިލޭރޭ އޮތް ޑިނާނައިޓަށް ނިމްރާ ދިނެވެ. "ލެންޑް އަ ހޭންޑް" ޖަމިއްޔާއަކި ޒުވާނުންގެ ޚިއްސާ އޮތް ޖަމިއްޔާއެކެވެ. އެމީހުންނަކީ ރާއްޖޭގައި ސިއްޙީއެހީތެރިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.

ޑިނާ ނައިޓު ފަށަން އޮތީ ރޭގަނޑު އަށެއް ޖަހާއިރުއެވެ. އެ އިވެންޓަށް އަންނާނަން ކަމުގެ ޔަގީންކަން ރާދިން ދިން އިރު އަރްސަލް ވަކި ޖަވާބެއް ނުދެއެވެ. ނިމްރާއާއި އޭނާގެ އެސިސްޓެންޓް، އީވާގެ އިތުރުން ހޮޓެލްގެ ޖެނެރަލް މެނޭޖަރު، ޖަމިއްޔާގެ ފަރާތުން އެރޭގެ ކަންތައްތަކުގައި ހަރަކާތްތެރިވަމުން ދިޔަ މެންބަރުންނަށް ހޮޓެލް މެދުވެރިކޮށް ކަންކަން ފަހިކޮށްދޭން ތިއްބެވެ. ހޮޓެލްގެ ތެރޭގައި ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި ޒިވަންގެ މުވައްޒަފުން ހަރަކާތްތެރިވާތީ ފެނެއެވެ. ޓިކެޓު ގަނެގެން ވަދެވޭ ގޮތަށް ހަމަޖެހިފައި އޮތް އިވެންޓެއްވީމައި ކޮންމެ މީހަކަށް އެތެރެއަށް ނުވަދެވޭނޭހެން ސިކިއުރިޓީ ސްޓާފުން ބަލަހައްޓަމުންދިޔައެވެ. ތިންގަޑިއިރަށް ކުރިއަށް ދާ އެ އިވެންޓް ނިމެންދެން ޒިވަން ހޮޓެލްގައި އުޅޭނަން ކަމުގައި އޭނާ އޮތީ ބުނެފައެވެ.

"ހިނގާ އަހަރެމެން ވެސް ކޮންމެވެސް ދިމާއެއްގައި އިށީންނަމާ" އިވާގެ ގާތުގައި ނިމްރާ ބުނެލިއެވެ.

ހޮޓެލްއަށް ޚާއްޞަކުރެވިފައި ހުރި މޭޒު ދޮށުގައި ނިމްރާއާއެކު އީވާ ވެސް އިށީންނަން އައެވެ. އޭރު ޖަމިއްޔާގެ އިސް ދެތިން މެންބަރަކާ ސަލާމްކޮށް ވާހަކަދައްކަން ރާދިން މަޑުކޮށްލިއެވެ. ރާދިން ވަދެގެން އައި ދިމާއަށް ނިމްރާ ނަޒަރު ހިންގާލިއެވެ. އަރްސަލް ފެންނާކަށް ނެތެވެ. އޭނާ ނާންނަނީކަން ނިމްރާ ޔަގީންކުރިއެވެ. ނަމަވެސް އެ ހިނދު ނިމްރާއަށް ސިހުން ލިބިގެން ދިޔައީ ބޯލްރޫމުގެ ދޮރުން ވަދެގެން އައި ކީފާ ފެނިފައެވެ. ނިމްރާއަށް އިންތަނުން ތެދުވެވުނެވެ.

"އާނާއަށް އިންވައިޓް ނުކޮށް ކީފާއަށް ރާދު އިންވައިޓް ކުރީތަ؟ އޭނާ ކީއްކުރަން އެއީ" ވަގުތުން ނިމްރާގެ ސިކުނޑީގައި ސުވާލުމާކެއް ޖެހުނެވެ.

ކީފާ އައިގޮތަށް ޖަމިއްޔާގެ މީހުން ގާތު މަޑުކޮށްލިއެވެ. ހެވިފައި ހުރެ ވާހަކަދައްކަމުން އޭނާ ދިޔައިރު ހީވަނީ އެއީ ކޮންބައެއްކަން އޭނާއަށް އެނގޭ ހެނެވެ. ރާދިން ބަލަން ހުރި ގޮތުން ކީފާ އެ އައީ ރާދިން ދަޢުވަތު ދީގެން ނޫންކަން ނިމްރާއަށް ނަގައިގަނެވުނެވެ. ގިނައިރެއްނުވެ ރާދިންގެ އިޝާރާތަށް ނިމްރާއާއި އީވާ އައެވެ. ޖަމިއްޔާގެ މެންބަރުންނާއެކު ރާދިންއާއި ނިމްރާގެ އިތުރުން އީވާ ވެސް އެއްމޭޒުދޮށުގައި އިށީނެވެ. ކީފާ ވެސް އިނީ ހަމަ އެމޭޒު ދޮށުގައެވެ. އިވެންޓް ފެށި މީހުންތައް ވައްދަން ފެށީ ދެނެވެ. އޭރު ސްޓޭޖުގައި ތިބި ބޭންޑުން ކުޅެމުންދިޔަ މިއުޒިކުގެ އަޑު ފެތުރިއްޖެއެވެ.

މީހުންތައް ގިނަވެ އިވެންޓް ކުރިއަށް ދާން ފެށުމުން ތަފާތު ކަންތައްތައް ޖަމިއްޔާގެ ފަރާތުން ބޭއްވިއެވެ. ދިވެހި ފަންނާނެއްގެ މޮޅެތި ކުރެހުންތައް ދައްކާލުމާއެކު އެ ކުރެހުންތައް ގަތުމުގެ ފުރުޞަތު ހުޅުވާލާފައި އޮތެވެ. ނިމްރާ ހީކުރިވަރަށް ވިރެ އައި މީހުން ގިނައެވެ. އެ ބޮޑު ބޯލްރޫމު އޮތީ ފުރިފައެވެ.

"ހެލޯ ލޭޑީސް" ނިމްރާ އިވުނީ ދަންނަ އަޑެއްކަން އެނގި ބަލާލިއެވެ.

"ހަލަފް! މިތާ ވެސް... ކީއްތިކުރަނީ" ނިމްރާ އަހާލިއެވެ.

"ހެލްޕިން އަ ފްރެންޑް... ޓިކެޓު ލިބުނީމަ އައީ، މި ހޮޓެލްގައި އޮތްކަން އެނގުނީމަ ޔަގީންވި ރެޑް ހުންނާނޭކަން، ރާދުބެ ދުށިން ދެންމެ ބޭރަށް ނުކުންނަނިކޮށް، ކޮބާ ދޮންބެ" އަޑުގަދަ މާޙައުލުގެ ސަބަބުން ހަލަފް ވާހަކަދެއްކީ ނިމްރާގެ ކަންފަތާ ކައިރިވެލަމުންނެވެ.

"އަރްސަލް ނާދޭ، މާ މީހުން ގިނަވީމަ ރާދު ނުކުމެލީކަންނޭނގެ" ނިމްރާ ވެސް ވާހަކަދެއްކީ ބާރަށެވެ.

ހަލަފްގެ ސަމާލުކަން ހުއްޓުނީ ނިމްރާގެ ގާތުގައި ހުރި އީވާއަށެވެ. ހަލަފްގެ މިޒާޖުގައި ހުންނަ މަޖާގޮތް އީވާއަށް ހުރީ ފެނިފައެވެ. ނިމްރާގެ ފަރާތުން ހަލަފްއަކީ ކޮންކަހަލަ ޒުވާނެއްކަން ކޮންމެވެސް ވަރަކަށް އީވާއަށް އެނގެއެވެ. ހަލަފްއާއެކު އައުމަށް އީވާއަށް ދަޢުވަތު ދިނުމުން އޭނާ ބަލާލީ ނިމްރާއަށެވެ.

"ގޯ އިންޖޮއި" ފުޅާ ހިނިތުންވުމަކާއެކު އިވާގެ ކޮނޑުގައި ޖަހާލަމުން ނިމްރާ ބުނެލިއެވެ. އެއާއެކު ދެން ފެނުނީ އީވާގެ އަތުގައި ހިފާ ދަމާލަމުން އޭނާ ގޮވައިގެން މީހުންގަނޑުގެ ތެރެއަށް ހަލަފް ހިނގައިގަތްތަނެވެ. ހިނިއައިސްފައި އިރުކޮޅަކު އެ މީހުން ދިޔަ ދިމާއަށް ބަލަން ހުރެފައި ނިމްރާ އައިސް ހުއްޓިލީ ފާރުތަކުގައި ހަރުކޮށްފައި ހުރި ކުރެހުންތަކުން ކުރެހުމެއްގެ ކައިރީއެވެ.

"އަރްސަލްދެކެ އަހަރެން ލޯބިވޭ" ނިމްރާއަށް އެއްފަރާތަށް ބަލާލެވުނީ އިވުނު އެއްޗެއް ޔަގީންނުވެގެނެވެ. އޭނާގެ ކަނާއަތް ފަރާތުގައި ކުރެހުމަށް ބަލަހައްޓައިގެން ހުރީ ކީފާއެވެ.

"އަހަންނާއި އަރްސަލްގެ ދެމެދަށް ވަންނަނީ ކަލޭ، އޭނާގެ އަންހެނުން މަރާލީ އޭނާގެ ދިރިއުޅުމަށް ކަލޭ އަންނަން ބޭނުންވެގެން ދޯ... މުއްސަނދި ދިރިއުޅުމެއްތަ ބޭނުންވީ... އެހެންވެއްޖެނަމަ އަރްސަލް ފަދަ ފިރިހެނަކު ހޯދައިދީފާނަން" ކީފާ ބުންޏެވެ.

"މީ ތިފަދަ ވާހަކައެއް ދެއްކުމަށް އެންމެ މުނާސަބު ވަގުތާއި ތަނެއް ވެސް ނޫން، ކީފާ ބުނަން ބޭނުންވާ ވާހަކައެއް އޮތިއްޔާ ފަހަށް ބާއްވާ، މައްސަލައެއް ކްރިއޭޓް ކުރުމުގެ ބޭނުމަކީ ކޮބާ؟ މީ އަރްސަލްގެ ހޮޓެލްއެއް... މިތަނުގައި ނޭދެވޭ ކަމެއް ހިނގައިފިނަމަ އޭގެ އަސަރު ކުރާނީ އޭނާއަށް" ހިތްހަމަނުޖެހުނަސް އެކަމެއް ނިމްރާ ނުދެއްކިއެވެ.

"ކީފާ" ދެ ޒުވާނުންނަށް އެއްފަހަރާ ބަލާލެވުނީ ރާދިން ތަންކޮޅެއް ބާރަށް ގޮވާލުމުންނެވެ.

"ކޮބާ މިތަނަށް އައުމުގެ ބޭނުމަކީ" ރާދިން ސުވާލުކުރިއެވެ.

"އަހަންނަށް ދަޢުވަތި ލިބިގެން އައީ... މި ހުރި އަންހެންމީހާގެ މޮޅުކަމުން ބޭއްވޭ އިވެންޓެއް ނޫނޭ މީ، ލެންޑް އަ ހޭންޑަކީ އަހަރެންގެ ވެސް ޚިއްޞާ އޮންނަ ޖަމިއްޔާއެއް، އެ މީހުންނަށް މި ހޮޓެލްގައި މި އިވެންޓް ބާއްވަން ޚިޔާލު ދިނީ އަހަންނޭ، އެކަމަކު ހުރިހާ ކްރެޑިޓެއް މި އަންހެނާއަށް ދޭން ދޯ ބޭނުންވަނީ... ބަލަ އަހަންނަށް އަރްސަލްއަށް މާގިނަ ކަންތައްތައް ކޮށްދެވޭނެ، އެކަން އެކަކަށް ވެސް ނުވިސްނެނީ ކީއްވެތަ؟ މީނާއަށް ކޮށްދެވޭނީ ކޮންކަމެއް، މީ ދުނިޔޭގައި އުޅޭ މީހަކުކަން ވެސް ދަންނަ ބަޔަކު ނޫޅޭ، އެކަމަކު އަހަރެން ދަންނަ މީހުންގެ ފަރާތުން އަރްސަލްގެ ވިޔަފާރިއަށް ވެސް ކުރިއެރުން ލިބޭނެ" ކީފާ ބުނަން ބޭނުންވި ހުރިހާ އެއްޗެއް ނުބުނެވީސް ރާދިން އޭނާގެ އަތުގައި ހިފާ ދަމައިގަތެވެ.

"ތި ހުރިހާ ވާހަކައެއް ދައްކާނޭ މީހަކު މި ޙަފުލާގައި ހުރެދާނެ، އެމީހަކު ހޯދާ އޭނާއަށް ކިޔައިދީ... ނިމްރާގެ ގާތަށް ގޮސް ފާޑުފާޑުގެ ވާހަކަތައް ދައްކާނޭކަމެއްނެތް، ކީފާގެ ކަންތައް ތި ދަނީ މާ މައްޗަށް، އަރްސަލް މި ޙަފުލާގައި ނެތުމަކީ އޭނާއަށް ކަންކަން ނޭނގޭނޭކަމެއްނޫން، ހީ އިޒް ވޮޗިންގް އެވްރިތިންގް... ހީވޭތަ އޭނާ ނިމްރާ އެކަނިވާން ދޫކޮށްލާނޭހެން، މިހާރު އޭނާއަށް ނިމްރާއަށްވުރެ މުހިންމު އެކަކުވެސް ނުވޭ، ތިހެން އުޅުމަށްވުރެ ރަޙުމަތްތެރިއަކު ފަދައިން އެނބުރި އަތުވެއްޖެނަމަ އަރްސަލް ވެސް ކީފާގެ އަޑު އަހާނެ، މަޖޫބަރަކުން މީހެއްގެ ހިތެއް ބަދަލެއް ނުކުރެވޭނެ، އަރްސަލް ބޭނުންވަނީ ނިމްރާ، އެކަން ކީފާއަށް ޖަހަމްނުވާނަމަ ޔޫ ބެޓާ ލީވް، ފޮގެޓް ހިމް، ފޮގެޓް އަސް... އަހަރެން ވެސް ބޭނުމެއްނޫން ކީފާއަކީ ރައްޓެއްސެކޭ ބުނާކަށް، މިހާރު އަހަރެންގެ ކުރިމަތީގައި ހުރީ އަހަރެން ދަންނަ ކީފާއެއްނޫން" ކީފާ ގޮވައިގެން ނިމްރާއާ މާ ދުރަށް އައިސް އެއްފަރާތްވެލަމުން ރާދިން ވާހަކަދެއްކިއެވެ. ދުވަހަކުވެސް ކީފާ ދެކެފައިނުވާ ނުރުހުމާއި ހަރުކަށިކަން ރާދިންގެ އަޑުގައިވިއެވެ.

* * * * *

ހަފްލާ ތެރޭގައި ހަރަކާތްތެރިވާ އެންމެންގެ ތެރެއިން ވެސް މިޢުވާނުގެ ނަޒަރު ހުއްޓިފައި ހުރީ އެކަހެރިކޮށް އުޅޭ ނިމްރާއަށެވެ. އޭނާގެ ގާތުގައި އައިސް މަޑުކޮށްލި އަންހެން ކުއްޖާ ފެނުމުން އެއީ ކާކުކަން ދެނެގަންނަން މިޢުވާނަށް އެނގުނެވެ. އެއީ ހޮޓެލްގެ ލިފްޓުން ނުކުންނަން އުޅުނު ވަގުތު އޭނާގެ ގައިގާ ޖެހުނު އޮފީސް ސޫޓުގައި ހުރި އަންހެންކުއްޖާކަން މިޢުވާނުގެ ހަނދާނަށް އައެވެ. އޭނާ ބަލަން ހުއްޓާ އިސްކޮޅުން ދިގު ޒުވާނަކު އައިސް ކޮންމެވެސް ވާހަކައެއް ދައްކާފައި އެ އަންހެންކުއްޖާގެ އަތުގައި ހިފާ ދަމަމުން ނިމްރާއާ ދުރަށް ހިނގައްޖެއެވެ. އަތުގައި އޮތް ޖޫސްތަށީގެ ކައިރި ފަށުގައި އިނގިލި ހިންގާލަމުން އެއްމިޔަކަނުން މިޢުވާނު ހިނިތުންވެލިއެވެ. މަޑުމަޑުން މޭޒު ދޮށުން ތެދުވެގެން އައިސް ބުފޭ މޭޒުގެ އެއްކޮޅުގައި އަތުރާފައި ހުރި ޖޫސްތަށިތަކުން ޖޫސްތަށްޓެއް މިޢުވާނު ނެގިއެވެ. އަދި އެ ޖޫސްތަށި ހިފައިގެން އެއްފަރާތް ވެލުމާއެކު އޭނާގެ ޖީންސުގެ ޖީބުން ނެގި ޕެކެޓުގައި ހުރި އެކިކުލަކުލައިގެ ކުދި ބޭސްގުޅަތަކުން ފިޔާތޮށިކުލައިގެ ގުޅައެއް ނަގައި ޖޫސްތަށްޓަށް މިޢުވާނު ލިއެވެ. ސަމްސަލަކުން ޖޫސްތަށި އިރުކޮޅަކު ގިރާލުމަށްފަހު އެ ތަށީގެ އިތުރުން އިތުރު ޖޫސްތަށްޓެއް ހިފައިގެން މިޢުވާނު ހިނގައިގަތީ ނިމްރާގެ ގާތަށެވެ.

"ކުރެހުން ފެނިފަ ބޮލުގައި ރިއްސައިގަތީތަ؟" ނިތްކުރީގައި ހިފަހައްޓާލައިގެން ކުރެހުމުގެ ކުރިމަތީ ހުރި ނިމްރާގެ ގާތުގައި މަޑުކޮށްލަމުން މިޢުވާނު ބުނެލިއެވެ.

"ކަލޭ!..." ނިމްރާއަށް އިތުރު އެއްޗެއް ނުބުނެވެނީސް މިޢުވާނު ވާހަކަދައްކަން ފެށިއެވެ.

"ސޮރީ!... އަހަރެން އައީ ނީމްއަށް އުނދަގޫކުރާކަށްނޫން، ފާރަލަނީއެއް ވެސް ނޫން، މި އިވެންޓް އޮތީ މި ހޮޓެލްގައިކަން ވެސް އެނގުނީ މި ހިސާބަށް އައިފަހުން، އަހަރެން އައިސް މިއުޅެނީ ރައްޓެހިންތަކަކާއެކު، އެ ތިބީ އެކޮޅު މޭޒުގަ" މިޢުވާނު މޭޒުތަކާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ނިމްރާއަށް ފެނުނީ އަންހެންކުއްޖަކު މިޢުވާނާއަށް އަތްހޫރާލިތަނެވެ. މިޢުވާނު ވެސް ބޯޖަހާލިއެވެ.

"އައި އޭމް ސޮރީ ފޯ ވަޓް އައި ޑިޑް... ސީރިއަސްކޮށް، ކާންޓްވީ ބީ ފްރެންޑްސް އެޓްލީސްޓް، ގަސްދަކާ ނޫނަސް މިއޮތީ ދިމާވެފައި، ކިހިނެއް އެނގެނީ ކުރިއަށް އޮތްތާ ވެސް މިކަހަލަ ގޮތަކަށް ބައްދަލުނުވާނޭކަމެއް، އަހަރެން ބޭނުންވަނީ ނީމްއާ ޕީސް މޭކްކުރަން، މަޢާފަށް އެދުނަސް މަޢާފުކުރަން އުނދަގޫވާނޭކަން އެނގޭ، އަހަންނަށް އެނގޭ ނީމް ޗޭންވެއްޖެކަން ވަރަށް ބޮޑަށް، އަހަންނަށް މިހާރު ފުރުޞަތެއްނެތްކަން ވެސް އެނގޭ، އެ ދުވަހު އެއީ ބިޓު ދޯ... އަހަންނަށް އެނގުނީ ނީމްއަށް ވީގޮތުން" މިޢުވާނު ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"އޭނާއާއި މިޢުވާނާ އަޅާ ވެސް ނުކިޔޭނެ، އޭނާއާ އެއްވަރެއް ދުވަހަކުވެސް ނުވެވޭނެ... އެއީ ތިކަހަލަ މީހެއްނޫން، އަހަރެން ދުވަހަކުވެސް މީހަކުދެކެ ލޯބިނުވާ ވަރަށް އޭނާދެކެ ލޯބިވޭ، އަހަންނަށް އެނގޭ އަހަންނަށް މިޢުވާނުދެކެ ވެވުނީ ލޯތްބެއްނޫންކަން، އަހަރެން ދުވަހަކުވެސް މަޢާފުކުރާކަށް ބޭނުމެއްނޫން، އަހަރެމެން ދިމާވިޔަސް ދެން އަހަންނާ ވާހަކަދައްކަން ތިގޮތަށް ނާންނައްޗޭ، އަހަރެމެން ދެމެދުގައި މިހާރު އެއްވެސް ގުޅުމެއްނެތް" ނިމްރާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވުމުން މިޢުވާނު ހައިރާންވިއެވެ.

"އޯކޭ! ސްޓްރޭންޖާސްއަށް ވެވިދާނެ، އަން! ޕީސް އޮފާއެއްގެ ގޮތުގައި ޖޫސްތަށްޓެއް ގެނެސްދިނީ، މީ އަހަރެން ނީމްގެ ކުރިމައްޗަށް އަންނާނޭ އެންމެ ފަހުފަހަރުކަމުގައި ހީކޮށްލާ، ތިބުނިހެން ކަންތައްކުރާނަން، ނީމްގެ މަޢާފު ނުލިބުނަސް އިތުރަށް ދެން ނީމްއަށް ދެރައެއްނުދޭނަން، އައި ޕްރޮމިސް... ނީމްގެ ރުހުން ލިބޭނެ ދުވަހަކަށް އަހަރެން ދުރުގައި ހުންނާނަން، އެކަމަކު ނީމްގެ ހަނދާންތައް އަހަންނާއެކު އަބަދުވެސް ވޭ، އެ ހަނދާންތަކެއް ފުހެއްނުލެވޭނެ، ނީމްއާއެކު ހޭދަކުރެވުނު ވަގުތައް ހިތުން ފިލުވައެއްނުލެވޭނެ، އައި ވޯޒް ޔޯ ފަސްޓް... ނޫންތަ!... އެކަން އަހަރެން ހަނދާންނައްތާލާނީ ކިހިނެއް، އެ ގުޅުން ނިމިގެންދިޔަ ހިސާބު އަހަންނަށް އެނގޭއިރު... ނީމް! އަހަރެމެން ދެ މީހުން ވަކިވިއިރު..." މިޢުވާނުގެ ވާހަކަ ކުއްލިއަކަށް ނިމްރާ މެދުކަނޑާލިއެވެ. ވަގުތުން މިޢުވާނު ދިއްކޮށްލައިގެން ހުރި ޖޫސްތަށި އަތުލައި ނިމްރާ ބޯލިއެވެ. ނޭވާއަކަށް ނުހުއްޓި ޖޫސްތަށި ހުސްކޮށްލައި މިޢުވާނަށް ހުސްތަށި ދިއްކޮށްލިއެވެ.

"މި ނިމުނީނު، ޖޫސްތަށި ހުސްވެއްޖެ... އަހަރެން އެއްވެސް ވާހަކައެއް އިތުރަށް ކަލެއާ ދައްކާކަށް ބޭނުމެއްނޫން" ނިމްރާ ހިނގައިގަތީ ބޯލްރޫމުގެ ދޮރާ ދިމާއަށެވެ. މިޢުވާނު އަތުގައި ހުރި ތަށިތައް އެންމެ ކައިރިން ޖެހުނު މޭޒުމަތީ ބަހައްޓާފައި ނިމްރާގެ ފަހަތުން ހަލުވިކޮށް އައެވެ. (ނުނިމޭ)