ލިވަޕޫލް

މޮރީނިއޯ އާއި ކްލޮޕްގެ ބަހުގެ ހަމަލާތަކެއް

ލިވަޕޫލުން ކުރަމުންދާ ބޮޑު ހޭދައާއެކު ތަށި ހޯދުމަށް އެޓީމުގެ ކޯޗް ޔާގަން ކްލޮޕްއަށް ކުރިމަތިވާ ޕްރެޝަރު ބޮޑުވާނެ ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯގެ ވާހަކަތަކާ ގުޅިގެން، ކްލޮޕް ބުނީ އޭނާ އަކީ ކުރިމަތިވާ ޕްރެޝަރަކާ މެދު ސަމާލުކަން ދޭ މީހެއް ނޫން ކަމަށެވެ. މިއަހަރު ޖަނަވަރީ މަހުން ފެށިގެން ލިވަޕޫލުން ވަނީ ހަ ކުޅުންތެރިންނަށް 250 މިލިއަން ޕައުންޑް ހޭދަ ކޮށްފަ އެވެ.

މޮރީނިއޯ ބުނީ، ލިވަޕޫލުން ހޭދަކޮށްފައި ހުރީ ރަނގަޅު ދާއިރާތަކަށް ކަމަށެވެ. އަދި ލިވަޕޫލުން ބޮޑު ހޭދަ އެއް ކުރުމުން ޓްރާންސްފާގައި ކްލޮޕްގެ ވިސްނުން ބަދަލުވެފައިވާކަން އެނގިގެންދާ ކަމަށް މޮރިނިއޯ ބުންޏެވެ.

ކްލޮޕް ބުނީ ކުލަބުން އޭނާއަށް ޕްރެޝަރެއް ނާންނާނެ ކަމަށާއި ބޭރުން އަންނަ ޕްރެޝަރަކާމެދު ވިސްނަން އޭނާއަށް ނުޖެހޭނެ ކަމަށެވެ. އަދި އޭނާ ޕްރެޝަރު އަންނަން ޖެހޭ ސަބަބެއް މި ތިން މަސް ދުވަސްތެރޭ މެދުވެރި ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ކުލަބުގެ ވެރިންވެސް ދެކެނީ އެގޮތަށް ކަމަށް އޭނާ ބުންޏެވެ.

"ރަނގަޅު ވާހަކައެއް، ޕްރެޝާ އޮންނާނެ ޕްރެޝާ އަންނާނީ ބޭރުން. ބޭރުން އަންނަ ޕްރެޝަރު ހަމަޔަގީނުންވެސް އަންނާނީ މަތިވަމުން، ނަމަވެސް އެއީ އަހަރެން ބަލާ ކަމެއް ނޫން،" ކްލޮޕް ބުންޏެވެ. "އަހަރެން ބޭނުމީ އަހަރެމެން ޓީމު ރަނގަޅު ފުޓްބޯޅައެއް ކުޅެ އަހަރެމެން ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދޭން، އަންނަ ޕްރެޝަރާ މެދު އަހަރެން ސަމާލުކަން ނުދެން."

މިދިޔަ ސީޒަންގައި ލިވަޕޫލް ނިންމާލީ، ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ވުރެ 25 ޕޮއިންޓަށް ވުރެ ފަހަތުން ތާވަލުގެ ހަތަރު ވަނައިގަ އެވެ.