ބޭރު ކުޅިވަރު

ލިވަޕޫލް އަތުން ޗެލްސީ ބަލިވެ، މޮރީނިއޯ ބަސް ހުއްޓިއްޖެ

"އަހަރެން ބުނާނެ އެއްވެސް އެއްޗެއްނެތް. އަހަރެން ބުނާނެ އެއްވެސް އެއްޗެއްނެތް. އަހަރެން ބުނާނެ އެއްވެސް އެއްޗެއްނެތް. އަހަންނަށް މައާފްކުރޭ. އަހަރެން ބުނާނެ އެއްވެސް އެއްޗެއްނެތް. ސަޕޯޓަރަކުންނަކީ މޮޔަބައެއްނޫން. އަހަރެން ހާހެއްނުވޭ،" މިއީ އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ލިވަޕޫލް އަތުން ޗެލްސީ 3-1 އިން ބަލިވުމުން ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ މީޑިޔާގައި ދެއްކި ވާހަކަ އެވެ.

މޮރީނިއޯ މިހެން ބުނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ނަމަވެސް މެޗު ތެރޭގައި ރެފްރީގެ ނިންމުންތަކަށް އޭނާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މެޗުގެ ތިން ވަނަ މިނިޓްގައި ބްރެޒިލްގެ މިޑްފީލްޑަރު ރަމިރޭޒް ލީޑް ނަގާދީފައިވަނިކޮށް ޗެލްސީ ބަލިވީ ލިވަޕޫލްގެ ބްރެޒިލް ފޯވަޑް ފިލިޕް ކޫޓީނިއޯ ޖެހި ދެ ގޯލާއި ބްލެޖިއަމްގެ ފޯވަޑް ކްރިސްޓިއަން ބެންޓެކޭ ޖެހި ގޯލުންނެވެ. ކޫޓީނިއޯ ނަތިޖާ ހަމަހަމަކުރި ލަނޑު ޖެހީ ފުރަތަމަ ހާފުފެ އިތުރު ވަގުތުގަ އެވެ. އަދި ދެ ވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. މިއާއެކު ޗެލްސީ ހާސްވެފައިވަނިކޮށް ލިވަޕޫލްގެ ތިން ވަނަ ލަނޑު ބެންޓެކޭ ޖެހީ މެޗު ނިމެން ހަތް މިނިޓަށްވެފައި ވަނިކޮށެވެ.

މިއީ މި ސީޒަނުގައި ޗެލްސީ ކުޅުނު 11 މެޗުގެ ތެރެއިން ބަލިވި ހަ ވަނަ މެޗެވެ. އެ ޓީމު އޮތީ 11 ޕޮއިންޓާއެކު ޓޭބަލުގެ 15 ވަނާގަ އެވެ.

އަދި މި ބައްޔާއެކު ކޯޗު ހޯސޭ މޮރީނިއ މަގާމުން ދުރުކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މެޗުގެ ކުރިން ނޫސްވެރިން އެސުވާލު ކުރުމުން މޮރީނިއޯ ބުނީ މަގާމާމެދު ހާސްވުމެއް ނެތް ކަމަށެވެ. އަދި ޗެލްސީގެ ވެރިން އޭނާ އަށް އިތުބާރު ކުރާތޯ ނުވަތަ ނޫންތޯ އެހުމުން ބުނީ އެ ސުވާލަކީ ނޫސްވެރިންނަށް އޭނާ ޖަވާބުދޭންޖެހޭ ސުވާލެއް ނޫނެވެ.

އަނެއްކޮޅުން މިއީ ޕްރެމިއާ ލީގުގައި ލިވަޕޫލްގެ އާކޯޗު ޖާގަން ކްލޮޕް ހޯދި ފުރަތަމަ މޮޅެވެ. މެޗު ތެރޭގައި ޗެލްސީގެ ކޯޗު މޮރީނިއޯގެ އެސިސްޓެންޓް ކޯޗާ ބަހުގެ ހަމަލާތައް ބަދަލު ކުރި ނަމަވެސް ކްލޮޕް ވަނީ އޭނާގެ ޓީމު ލަނޑު ޖެހުމުން ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ 17 ޕޮއިންޓާއެކު ޓޭބަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.