އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދަކީ ވަރަށް ހާއްސަ ދުވަހަކެވެ. މިއަދަކީ ޕްރެމިއާ ލީގުގެ ކޯޗުންގެ ތެރެއިން ޝްޕެޝަލް ވަން އާއި ނޯމަލް ވަންގެ ކުރިމަތިލުމެވެ. ސްޕެޝަލް ވަން އަކީ ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. ނޯމަލް ވަން އަކީ ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް އެވެ.
މޮރީނިއޯ އާއި ކްލޮޕް
ޕްރެމިއާ ލީގުގެ ތާރީހުގައ ކޯޗަކު ޓީމަކަށް ގެނެސްގެން އާއްމުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ މޮރީނިއޯ އަށެވެ. 2004 ވަނަ އަހަރު އޭނާ ޗެލްސީގެ ކޯޗަކަށް ހަމަޖެއްސުމުން އިނގިރޭސި ސަޕޯޓަރުން އުތުރި އަރައިގަތެވެ. މިއާއެކު މޮރީނިއޯ އަބަދުވެސް ބުނަމުންދަނީ އޭނާ އަކީ ހާއްސަ މީހެއް ކަމަށްވެ. ސްޕެޝަލް ވަންގެ ގޮތުގައި އޭނާ މަޝްހޫރުވީ ވެސް މިހެންވެ އެވެ.
މިއީ ހިލާފަށް ކްލޮޕް ލިވަޕޫލާ ހަވާލުވުމަށްފަހު ބަސްމަގު ގެންގުޅުނީ މަޑުމައިތިރިކޮށެވެ. ކްލޮޕް ބުނީ އޭނާއަކީ އާދައިގެ އާއިލާއަކުން އައިސްފައިހުރި ވަރަށް އާދައިގެ މީހެއް ކަމަށެވެ. ދިރިއުޅުން ބަހައްޓަނީ ވެސް އާދައިގެ ގޮތަކަށް ކަމަށެވެ. މިހެންވެ ނޫސްވެރިން އޭނާ ސިފަކޮށްފައިވަނީ ނޯމަލްވަންގެ ގޮތުގަ އެވެ. އެކަމަކު މޮރީނިއޯ އަށް ފަހު އެންމެ ބޮޑު ސަމާލުމަކެއް ލިބުނު ކޯޗަކީ ކްލޮޕް އެވެ. ނޫސްވެރިން އޭނާ ނޯމަލްވަންގެ ގޮތުގައި ސިފަކުރަން ފެށީ ވެސް އާއްމުންގެ މެދުގައި އޭނާ އަށް އޮތް ތާއީދު ބޮޑުވުމުންނެވެ.
ދެ ކޯޗުންގެ ބަސް:
މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ކްލޮޕް ބުނީ މޮރީނިއޯ އަށް ވަރަށް ރަނގަޅު މީހަކަށް ވެވިދާނެ ކަމަށެވެ. އަދި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގައި އޭނާ ހުރި އިރު މޮރީނިއޯގެ ޓީމާ ދެކޮޅަށް ކުޅެން ޖެހުނު ކަމަށާއި ދެތިން ފަހަރަކު އެކަކު އަނެކަކަށް ރަހުމަތްތެރިކަމުގެ މެސެޖް ބަދަލުކޮށްފައިވާނެ ކަމަށެވެ. އަދި މޮރީނިއޯގެ މަސައްކަތަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށެވެ.
ކްލޮޕްއާ ބެހޭ ގޮތުން މޮރީނިއޯ ބުނީ އޭނާ ދެކޭގޮތުގައި ކްލޮޕް އަކީ ޔޫރަޕުގެ އެންމެ މޮޅު އެއް ކޯޗު ކަމަށެވެ. އަދި ކްލޮޕް އަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށާއި އެއީ އޭނާ ވަރަށް ގަޔާވާ ކޯޗެއް ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގައި ރަހުމަތްތެރިކަން ނޯންނަ ކަމަށާއި މިހެންވެ ކްލޮޕް އަކީ އޭނާގެ ރަހުމަތްތެރިއެއްނޫން ކަމަށެވެ.
"ލިވަޕޫލަކީ ރަނގަޅު ޓީމެއް. އެމީހުންގެ ހުރީ ރަނގަޅު ކޯޗެއް. މިހާރު އެ ޓީމުގައި އެހުރީ ވަރަށް ރަނގަޅު ކޯޗެއް،" މޮރީނިއޯ ބުންޏެވެ.
ދެކޯޗުންގެ ހާލަތު:
މި މެޗަށް ނުކުންނައިރު ލިވަޕޫލް އޮތީ ޓޭބަލުގެ 14 ޕޮއިންޓާއެކު ނުވަ ވަނާގަ އެވެ. ޗެލްސީ އޮތީ 11 ޕޮއިންޓާއެކު 15 ވަނާގަ އެވެ.
އަނެއްކޮޅުން ކްލޮޕް މި މެޗަށް ނުކުންނަނީ އޭނާ ހަވާލުވި ފަހުން ޕްރެމިއާ ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވުމަށެވެ. މިހާތަނަށް އޭނާ ހުރެގެން ލިވަޕޫލް ކުޅުނު ހަތަރު މެޗުގެ ތެރެއިން ކެޕިޓަންވަން ކަޕް މެޗުން މޮޅުވި ނަމަވެސް އަނެއް ތިން މެޗުވީ އެއްވަރެވެ.
މިއާ ހިލާފަށް މޮރީނިއޯ އަށް މި މެޗަކީ މަރާއި ދިރުން ވެސް އެކުލެވޭ މެޗެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މެޗުން ބަލިވެއްޖެނަމަ އޭނާ މަގާމުން ވަކިކުރާނެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އޭނާ ވަކިއެއްޗެއް ނުބުނެ އެވެ.