މެޗުގައި އުފެދޭ ހިތްހަމަ ނުޖެހުންތައް މެޗު ނިމުމުން ނިންމާލަން ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ދަސް ކުރަންޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ބުދަ ދުވަހުގެ ރޭ، އެންފީލްޑްގައި ޗެލްސީއާކުޅެ 5-3 ން ޗެމްޕިއަން ލިވަޕޫލް މޮޅުވި މެޗުގައި ދެ ޓީމުގެ ބެންޗުން ވަނީ އެއްބަޔަކު އަނެއް ބަޔަކާމެދު ހިތްހަމަނުޖެހި ބަހުގެ ހަމަލާތައް ބަދަލު ކޮށްފަ އެވެ. މެޗަށް ފަހު ޕޯސްޓް މެޗު ޕްރެސްގައި ލަމްޕާޑް ވަނީ އޭނާގެ ހިތްހަމަނުޖެހުންތައް މީޑިއާގެ ކުރިމަތީގައި ބަންޑުން ކޮށްލާފަ އެވެ. އޭނާ ބުނީ ލިވަޕޫލްގެ ކޯޗުން ސްޓާފުން އަމަލުތައް ހުރަސް ކުރަން ނުޖެހޭ ރޮނގު ހުރަސް ކޮށްފައިވާކަން ހާމަކޮށްދޭ ކަމަށެވެ.
ލިވަޕޫލު ދެކެނީ އެ ޓީމުގެ ކޯޗުން ސްޓާފުން ފިޔަވައި ދެންތިބި އެހެން މީހުންނަކީ ކަންކަން ނޭނގޭ ބައެއްގެ ގޮތުގައި ކަމަށް ލަމްޕާޑް ތުހުމަތު ކުރި އެވެ. ލަމްޕާޑް ވަނީ އޭނާ ދެއްކި ވާހަކަތަކާ މެދު މާފަށް އެދޭ ކަމަށް އިއްޔެ ބުނެފަ އެވެ.
ކްލޮޕް ބުނީ، އޭނާ އަށާއި އޭނާގެ ބެންޗުގައި ތިބި މީހުންނަކީ އެހެން މީހުންނަށް ކަންކަން ނޭނގޭ ކަމަށް ގަބޫލު ކުރާ ބައެއް ކަމަށް އޭނާގެ ޓީމަށް ނިސްބަތް ނުކުރެވޭނެ ކަމަށެވެ.
"ސަބަބަކީ އަހަރެމެންނަކީ އެކަހަލަ ބައެއް ނޫން،" ކްލޮޕް ބުންޏެވެ. "ފްރެންކް [ލަމްޕާޑް] ހުރީ ވަރަށް ވާދަވެރި މޫޑެއްގައި، އަހަރެން ވަރަށް ބޮޑަށް އެކަމަށް އިހްތިރާމް ކުރަން، އަހަރެން ދެކޭ ގޮތުގައި މެޗުގެ ތެރޭގައި ހިނގާ ހިތްހަމަނުޖެހޭ ކަންކަން މެޗަށް ފަހު ނިންމާލަން ޖެހޭނެ، މެޗު ނިމުނީމަ އަހަންނަށް އެކަން ނިމުނީ."
"އޭނާ [ލަމްޕާޑް] އެންފީލްޑަށް އައީ މެޗުން މޮޅުން ވެގެން ޗެމްޕިއަންސް ލީގްގެ ޖާގަ ކަށަވަރު ކުރަން، އަހަރެން އެކަމަށް ވަރަށް ބޮޑަށް އިހްތިރާމް ކުރަން، ނަމަވެސް އޭނާ ދަސް ކުރަންޖެހޭ ކަމަކީ މެޗުގެ ފަހު ކަށިގަނޑު ފުމެލުމާއެކު އެކަންކަން ނިންމާލުން، ނަމަވެސް އޭނާ އެގޮތަށް ކަންތަކެއް ނުކުރި، އޭގެ ފަހުން އެކަމާ ވާހަކަ ދެއްކުމަކީ އޯކޭ ވާނެ ކަމެއް ނޫން، ފްރޭންކް ޖެހޭ ކަންކަން ދަސް ކުރަން، ގިނަ ކަންކަން ދަސް ކުރަން އޭނާއަށް ވަރަށް ގިނަ ވަގުތު އޮންނާނެ އޭނާއަކީ ޒުވާން ކޯޗެއް."
ލަމްޕާޑް ބުނީ މެޗުގައި ހިނގާދިޔަ ކަންކަމުގެ ވީޑިއޯ އޭނާ ބަލާފައިވާ ކަމަށެވެ. އަދި އޭނާގެ ބަސްމަގު ގެންގުޅެވުނު ގޮތާމެދު ހިތާމަ ކުރާ ކަމަށެވެ. އޭނާ ބުނީ އެވީޑިއޯ ކްލިޕްތައް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ޕްލޭ ކުރަމުން ދާނެ ކަމަށެވެ. އަދި އޭނާގެ ދެ އަންހެންދަރިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާކަން އޭނާ އަށް އެނގޭ ކަމަށެވެ. އެހެންވެ މެޗުގައި އޭނާގެ ފަރާތުން ފެނުނު ކަންކަމާމެދު މާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ.
އާދިއްތަ ދުވަހު ވޯލްވްސް އާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލިޔަސް ޗެލްސީ ޗެމްޕިއަންސް ލީގް ކޮލިފިކޭޝަނުން ޗެލްސީއަށް ޖާގަ ލިބިގެންދާނެ އެވެ. އެ މެޗަށް މިޑްފީލްޑާ އެންގޯލާ ކަންޓޭ ވަނީ ފިޓްވެފަ އެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އެންމެ ފަހުން ޗެލްސީ ކުޅުނު ފަސް މެޗުގައި ވެސް ކަންޓޭ ކުޅެފައެއް ނުވެ އެވެ.