ހަބަރު

މައުމޫން ރީފޯމް މޫވްމަންޓް އުފަންވަނީ؟!

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކެންޑިޑެސީ ފޯމް ހުށަހަޅުއްވަން ވަޑައިގެންނެވީ ހުރިހާ ޕާޓީތަކެއްގެ އިސް ބޭފުޅުންނާއެކު މަގުމަތީ ހިންގަވާފަ އެވެ. އެންމެ ކުރީގައި އެމްޑީޕީ މެނިފެސްޓޯގެ މައިގަނޑު ބައިތައް ހިމެނޭ ދިދަތައް ހިފައިގެން މީހުން ތިބިއިރު ދެވަނަ ސަފުގައި ތިބީ ޕާޓީގެ ދިދަތައް ހިފައިގެން ތިބި މީހުނެވެ. އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ދިދައާއެކު ވިހުރެމުން ދިޔަ ފިޔާތޮށި ދިދައަކީ މިހާތަނަށް އެއްވެސް ތަނަކުން ފެނިފައިވާ ދިދައެއް ނޫނެވެ.

ފިޔާތޮށި ކުލައިގެ އެ ދިދައިގައި ޖަހާފައިވަނީ "އެމްއާރްއެމް" އެވެ. އެ ދިދަ ގެންގުޅުއްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއިދު ކުރައްވާ ބޭފުޅުންނެވެ. ހާއްސަކޮށް މައްސަލަ ބޮޑުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން އެ ދިދަ ގެންގުޅުއްވިކަން ފާހަގަކުރެވުނެވެ.

"އެމްއާރްއެމް"ގެ ދިގު ގޮތަކީ "މައުމޫން ރީފޯމް މޫވްމަންޓް" އެވެ. އުފެދޭ ސުވާލަކީ ރައީސް މައުމޫން އާ ޕާޓީއެއް އުފައްދަނީ ބާވަ އެވެ؟

ރައީސް މައުމޫންއާއެކު މަސައްކަތް ކުރައްވާ އަބްދުލް އަލީމް ވިދާޅުވީ، ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށާއި އެމްއާރްއެމްއަކީ ރިޔާސީ ކެމްޕެއިންގައި ރައީސް މައުމޫން ތަފްސީލް ކުރައްވާ މޫވްމަންޓް ކަމަށެވެ. ރައީސް މައުމޫންގެ ޕާޓީއަކީ ޕީޕީއެމް ކަމަށާއި އެ ޕާޓީ އަނބުރާ ރައީސް މައުމޫން ހޯއްދަވާނެ ކަމަށެވެ.

މިފަހުން ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގަތް އަބްދުﷲ ކަމާލުއްދީން ވެސް މިއަދު ހުންނެވީ އެމްއާރްއެމް ދިދަ ހިއްޕަވައިގެންނެވެ. ކަމާލުއްދީންއަކީ ރައީސް މައުމޫންއާ އަރިސް އެމަނިކުފާނުގައި ކެބިނެޓްގައި ގިނަ ދުވަސްތަކެއްވަން ދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.