ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް މެސެޖު ކުރުމަށް އެއްވެސް ރައްޔިތަކަށް ހުރަހެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ (މުއާ) މިއަދު ވިދާޅުވެއްޖެ އެވެ.
މުއާ މިހެން ވިދާޅުވީ "ރައީސްއަށް މެސެޖު ނުކުރެއްވުމަށް" ކަމަށް އޭނާ ވިދާޅުވާ ޓްވީޓެއްގެ ސްކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ އެކަމަށް ރައްދުދެއްވަމުންނެވެ. މުއާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްއަށް މެސެޖު ނުކުރެއްވުމަށް ވިދާޅުވެފައި ވާނީ 1 ފެބްރުއަރީގެ އަމުރާ ގުޅިގެން އެ ދުވަސްވަރު ކަމަށާއި ނަމަވެސް މިހާރު އެ ހާލަތު ނެތިގޮސް ރައީސްއާ ދެމެދު މުއާމަލާތް ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ރިޔާސީ އިންތިހާބާ ދިމާކޮށް އެ ޓްވީޓާއި ހަބަރުގެ ސްކްރީންޝޮޓު ދައުރު ކުރަމުން އަންނަނީ އާންމުންނަށް ހަގީގަތް އުޅުވާލަން ކަމަށާއި ކޮންމެ ރައްޔިތަކަށް ވެސް މެސެޖުގެ ޒަރިއްޔާއިން ރައީސް ޔާމީންއާ މުއާމަލާތް ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށް މުއާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވި ޕީޕީއެމްގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ކޮންމެ ދުވަހަކު ވެސް އެތައް ރައްޔިތުންނެއް ތަފާތު އެކި މުއާސަލާތީ އެޕްލިކޭޝަން މެދުވެރިކޮށް މެސެޖު ފޮނުވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ގިނަ މެސެޖަށް ޖަވާބު ވެސް ދެއްވާ ކަމަށެވެ. ނަމަވެސް މެސެޖުތައް ވީހާވެސް ކުރުކޮށް ފޮނިކޮށް ފޮނުވުމަށް އެދެވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.